Roadha Mihaaru
އަލީ ވަހީދު އަތުވެއްޖެ، ޖަލު ހުކުމް އޮތީ ބާތިލްކޮށްފަ

އަލީ ވަހީދު ރާއްޖެ އަތުވެއްޖެ، ޖަލު ހުކުމް އޮތީ ބާތިލްކޮށްފައި

11 ޖުލައި 2023

ޖިންސީ ކުށުގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައި ވަނިކޮށް ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދާން ހުއްދަ ދިނުމުން އިނގިރޭސި ވިލާތުގައި ދެ އަހަރެއްހާ ދުވަހު އުޅުމަށް ފަހު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޖިންސީ ކުށުގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައި ވަނިކޮށް ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދާން ހުއްދަ ދިނުމުން އިނގިރޭސި ވިލާތުގައި ދެ އަހަރެއްހާ ދުވަހު އުޅުމަށް ފަހު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އަލީ ރާއްޖެއަށް އައީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ތުހުމަތުތަކުގައި އުފުލި ދައުވާތަކުގައި ހެކިބަސް ދޭން ތިބި މީހުން މިހާރު ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމުން ދައުވާތައް އަނބުރާ ގެންދިއުމުންނެވެ. އެކަމަކު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތްތަކަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި އޮތީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން އޮގަސްޓު 11، 2021 ގައި ހުކުމް ކޮށްފަ އެވެ.

މިގޮތަށް ހުކުމް ކުރި ނަމަވެސް، ސުޕްރީމް ކޯޓުގެ އިދާރީ އޮޅުމަކުން އަލީ ވަހީދަށް ފޮނުވާފައި އޮތީ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ޗިޓެއް ކަމަށް ވަނީ އެނގިފަ އެވެ.

މިއަދު އަލީ މާލެ އައުމުގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ޖަލު އަދަބުގެ އެ ހުކުމް ބާތިލްކޮށްފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

ކަރެކްޝަނަލް ސާވިސް އިން ވެސް ބުނީ އަލީ ވަހީދު ތަންފީޒުކުރަންޖެހޭ އެއްވެސް ހުކުމެއް ނެތް ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ލިބޭނެ ގޮތެއް ނެތް ކަމަށް ބަލައި އެ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ވަނީ ގެންގޮސްފަ އެވެ. އެހެންވެ މައްސަލަ އަލުން މުރާޖައާކޮށްދޭން ފުލުހުން އެދުނު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ދައުވާތައް އަނބުރާ ގެންދަން ނިންމި ސަބަބެއް ކަމަށް ޕީޖީން ބުނީ އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާންދިން މީހުންނާއި އަލީ ވަހީދާ ދެކޮޅަށް ހެކިބަސް ދޭން ބަޔާން ދިން މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވުމެވެ. އަދި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ސިޓީ ފޮނުވާތީ ކަމަށް ވެސް ޕީޖީން ބުންޏެވެ. އެހެންވެ މިހާރު އަލީ ވަހީދުގެ މައްޗަށް ދައުވާތައް ސާބިތުކުރެވޭނެ ގޮތެއް ނެތް ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ.