Roadha Mihaaru
އުޅުނީ އެމްޑީޕީ މެޖޯރިޓީ ގެއްލޭގޮތަށް ޖަލްސާ ބާއްވަން؟

އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭ ގޮތަށް ޖަލްސާ ބާއްވަން އުޅުނު ކަމަށް ތުހުމަތުކޮށްފި

03 ޖުލައި 2023

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ތާވަލުކުރި ޖަލްސާއަށް، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ބައިވެރިވާން އެކަށީގެންވާ ވަގުތު ނުދީ އެ ޖަލްސާ ރިޔާސަތުން ވަކި ގޮތަކަށް ކުރިއަށް ގެންދަން އުޅުނު ކަމަށް ތުހުމަތުކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ތާވަލުކުރި ޖަލްސާއަށް، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ބައިވެރިވާން އެކަށީގެންވާ ވަގުތު ނުދީ އެ ޖަލްސާ ރިޔާސަތުން ވަކި ގޮތަކަށް ކުރިއަށް ގެންދަން އުޅުނު ކަމަށް ތުހުމަތުކޮށްފި އެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އެދުމުގެ މަތިން ދައުރުން ބޭރުން މިއަދަށް ޖަލްސާއެއް ތާވަލުކޮށް، އެޖެންޑާކުރީ މިހާރު ދިގުލައިގެން ގޮސްފައިވާ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ މަސައްކަތެވެ.

އެކަމަކު، ޖަލްސާ ފެށުމާ އެކު، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެ ބަދަލާ އެކު މަޖިލީހުގައި އެމްޑީޕީ ތަމްސީލުވާ ނިސްބަތަށް ބަދަލު އަންނާނެތީ، ދާއިމީ ކޮމިޓީތައް އެކުލަވާލަން މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވެ، އަފީފް މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ފެށިތާ ފަސް ވަރަކަށް މިނެޓުގެ ތެރޭގަ އެވެ.

ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމާލުމުން، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދާއި ޗެކްމާކް ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވުމާ ގުޅިގެން ކޮމިޓީތަކަށް އަންނާނެ ބަދަލު މަޖިލީހުގެ އިދާރާއިން އެދިގެން ދީފައިވާ ކަމަށެވެ.

މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 56 އިން 54 އަށް މަދުވުމާ އެކު، ދާއިމީ ކޮމިޓީތަކުން އުނިކުރަންޖެހޭ އެމްޑީޕީގެ ހަތަރު ސްލޮޓުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެކަމަކު ޖަލްސާ ފެއްޓުމަށް ފަހު، ކޮމިޓީތަކުގެ ރިޕޯޓު މެމްބަރުންނާ އަލުން ހިއްސާކުރަން ކަމަށް ބުނެ، ޖަލްސާ ނިންމާލީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"މިއީ މަޖިލީހުގެ ގަވާއިދު ދަންނަކަމެއް ނޫން. މަޖިލީހުގެ ގަވާއިދުން ކޮމިޓީތައް އެކުލަވާލުން ލާޒިމުކުރާ ގޮތެއް ވެސް ނޫން މިއީ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ދެ މެމްބަރަކު ޕާޓީން ވަކިވެވަޑައިގެންނެވިކަން ދުރާލައި އެނގޭއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަން އެނގި ތިބެ، ޖަލްސާއެއް އެޖެންޑާކުރި ކުރުމަކީ، އަސްލަމް ވިދާޅުވި ގޮތުގައި މެމްބަރުންގެ ވަގުތަށް ވެސް މަޖިލީހުގެ އިދާރާއިން އެއްވެސް މިންވަރަކަށް އިހުތިރާމު ނުކުރުމެވެ.

އަޅުގަނޑުމެންނަށް ފާހަގަވެގެން މި ދިޔައީ ހަމަ ކުއްލިއަކަށް ވަރަށް ވަގުތު ކުޑަތަންކޮށް ޖަލްސާއަކަށް ގޮވާލީމާ އެމްޑީޕީގެ މެމްބަރުން ވަރަށް މަދުވާނެ ކަމަށް ބެލިގެން އެކަން ކުރެއްވީ ކަމަށް. ދެން އެ ނޫން ގޮތަކަށް އެކަން ފެނުނީމަ ޖަލްސާ ކުރިއަށް ނުގެންދެވީ ކަމަށް: އަސްލަމް

އޭނާ ވިދާޅުވި ގޮތުގައި، މެމްބަރުން ޗުއްޓީގައި ތިއްބަވަނިކޮށް ދައުރުން ބޭރުން ޖަލްސާއެއް މިއަދު ބާއްވާކަން މެމްބަރުންނަށް އެންގީ އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ.

"އަޅުގަނޑުމެންނަށް ފާހަގަވެގެން މި ދިޔައީ ހަމަ ކުއްލިއަކަށް ވަރަށް ވަގުތު ކުޑަތަންކޮށް ޖަލްސާއަކަށް ގޮވާލީމާ، އެމްޑީޕީގެ މެމްބަރުން ވަރަށް މަދުވާނެ ކަމަށް ބެލިގެން އެކަން ކުރެއްވީ ކަމަށް. ދެން އެ ނޫން ގޮތަކަށް އެކަން ފެނުނީމާ ޖަލްސާ ކުރިއަށް ނުގެންދެވީ ކަމަށް،" އަސްލަމް ތުހުމަތު ކުރެއްވި އެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދު އެކުލަވާލާފައިވަނީ މަޖިލީހުގެ ރައީސަށް ވެސް ލިބިވަޑައިގަންނަވާ އިހުތިޔާރުތަކާއި ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތަކަށް ނޫނެވެ. އެކަމަކު ނަޝީދުގެ ފަރާތުން ފެންނަމުންދަނީ އެ ބާރުތައް ތަކުރާރުކޮށް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން، މަގާމު ދިފާއުކުރައްވާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި، އެ ގުރޫޕުގެ ޑެޕިޔުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވެސް ވިދާޅުވީ މިއަދު ޖަލްސާއެއް އޮންނަކަން ގިނަ މެމްބަރުންނަށް އެނގުނީ އެމްއެންޑީއެފްގެ ސެކިއުރިޓީންގެ ފަރާތުން ކަމަށެވެ.

މަޖިލިސް ޗުއްޓީގައި އޮތުމުން ގިނަ މެމްބަރުން އަތޮޅު ތެރޭގައި ތިއްބެވިއިރު، ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވަން ވަގުތު ނުލިބޭ ވަރަށް ލަސްކޮށްފައި ޖަލްސާ އޮންނަކަން މެމްބަރުން އެންގުމަކީ، އެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މިއީ އަޅުގަނޑު ދަންނަވާނީ ކަނޑައެޅިގެން މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުން. މިފަދަ ކަންކަން އަޅުގަނޑުމެން ބަލައެއް ނުގަންނާނަން،" އަނދުން ހުސެއިން ވިދާޅުވި އެވެ.

ކޯޓަށް ދާނީ އެންމެ ފަހު ކަމަކަށް

މަޖިލީހުގެ ޖަލްސާތައް ނުބޭއްވި މަސައްކަތްތައް ހުއްޓުނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ހިސާބުންނެވެ. ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުވެރިވެވަޑައިގެން، މަޖިލީހުގެ ތާރީހުގައި ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތިގެން ވެސް ދެ ޖަލްސާއެއް ކެންސަލް ވެސް ކުރަންޖެހުނެވެ.

މިއަދުގެ ބައްދަލުވުމުގައި ވެސް ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް އިތުބާރުގެ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދާނެތޯ ނޫސްވެރިން ސުވާލުކުރުމުން އަސްލަމް އަނެއްކާވެސް ވިދާޅުވީ، މަޖިލިސް ހުއްޓިގެން އުޅެނީ ދެ މައްސަލަ އެއްފަހަރާ ވެއްދުމުން ނޫން ކަމަށެވެ. އަދި އެއިން އެއްވެސް މައްސަލައެއް އަނބުރާ ގެންދަންޖެހޭ ހާލަތެއް ނެތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

މީގެ އިތުރުން، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ސުޕްރީމް ކޯޓަށް ދިއުމާ މެދު ވެސް އަސްލަމް ދެއްވީ ހަމަ އެއް ޖަވާބެކެވެ. އޭނާ ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި، ކޯޓާ ހަމައިން ހައްލެއް ހޯދުމަކީ އެންމެ ފަހުން ހިޔާރުކުރައްވާނެ މަގު ކަމަށެވެ.