Roadha Mihaaru
ފެޑެރާ 18 ވަަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފި

ނަޑާލް ބަލިކޮށް ފެޑެރާ 18 ވަަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފި

29 ޖެނުއަރީ 2017

މެލްބަން (ޖެނުއަރީ 29) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި މިއަދު ސްޕެއިނުގެ ރަފައެލް ނަޑާލް ބަލިކޮށް ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ އޭނާގެ ކެރިއަރުގެ 18 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފި އެވެ.

މެލްބަން (ޖެނުއަރީ 29) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި މިއަދު ސްޕެއިނުގެ ރަފައެލް ނަޑާލް ބަލިކޮށް ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ އޭނާގެ ކެރިއަރުގެ 18 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފި އެވެ.

މިއީ 2012 ވަަނަ އަހަރުގެ ވިމްބަލްޑަން އަށް ފަހު އުމުރުން 35 އަހަރުގެ ފެޑެރާ ކާމިޔާބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ.

ގްރޭންޑް ސްލޭމް މުބާރާތުގެ އެންމެ ކާމިޔާބު ފިރިހެން ކުޅުންތެރިޔާގެ މަގާމުގައި ފެޑެރާ އޮތީ 18 ތަށްޓާ އެކު އެވެ. ދެ ވަަނައިގައި އޮތީ މިއަދު ފައިނަލުގައި ބަލިވި ނަޑާލް އާއި ކުރީގެ ކުޅުންތެރިޔާ ޕީޓް ސަމްޕަރްސް އެވެ. ސަމްޕްރަސް އާއި ނަޑާލަށް ލިބިފައިވަނީ 14 ގްރޭންޑް ސްލޭމް އެވެ.

މިއަދުގެ ފައިނަލަކީ 2014 ވަނަ އަހަރުގެ ފްރެެންޗް އޯޕަން އަށް ފަހު ނަޑާލް ކުޅުނު ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލެވެ. ވާދަވެރި ކުޅުމަކަށް ފަހު ފެޑެރާ މިއަދުގެ ފައިނަލުން މޮޅުވީ ފަސް ސެޓަށް ގޮސްގެންނެވެ. ސެޓުތައް ދިޔައީ 6-4 3-6 6-1 3-6 6-3 އިންނެވެ.

މިއީ ފެޑެރާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. އޭނާ އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2010 ވަނަ އަހަރުގަ އެވެ.

މެޗަށް ފަހު ނަޑާލް (ވ) އާއި ފެޑެރާ ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ނަޑާލް (ވ) އާއި ފެޑެރާ ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފެޑެރާ ބުނީ އޮސްޓްރޭލިއަން އޯޕަން އަކީ އަބަދުވެސް އޭނާ އަށް ވަރަށް ހާއްސަ މުބާރާތެއް ކަމަށެވެ.

"އަހަރެން މި މުބާރާތަށް އަންނަތާ 20 އަހަރުވެއްޖެ. މިއީ އަހަރެން ވަރަށް ހިތްހަމަ ޖެހިގެން ވަރަށް އުފަލާ އެކު ކުޅޭ މުބާރާތެއް. އަހަރެންނާއި އަހަރެންގެ އާއިލާއިން ވެސް ދެކެނީ މިއީ ހާއްސަ މުބާރާތެއްގެ ގޮތުގައި،" ފެޑެރާ ބުންޏެވެ.

މިއީ މިދިޔަ އަހަރުގެ ޖުލައިގެ ފަހުން ފެޑެރާ ކުޅުނު ފުރަތަމަ މުބާރާތެވެ. އޭނާ ކުޅުމާ ދުރުގައި ހުރީ އަނިޔާގެ ސަބަބުންނެވެ. ފައިނަލުގައި ނަޑާލްއާ ދެކޮޅަށް ކުޅެން ޖެހުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ފެޑެރާ މެޗުގެ ކުރިން ވެސް ފާހަގަކުރި އެވެ.

މިއަދުގެ މެޗަކީ ނަޑާލާ ދެކޮޅަށް ފެޑެރާ ކުޅުނު 35 މެޗުގެ ތެރެއިން ހޯދުނު 12 ވަނަ މޮޅެވެ. ނަޑާލް ބުނީ ފެޑެރާ އަށް މި މެޗުގައި މޮޅެއް ހައްގުވާ ކަމަށެވެ.

"އަހަރެން މިހުރި ހިސާބަށް އަންނަން ވަރަށް ހިތްވަރު ކުރަން ޖެހުނު. އަނިޔާގެ ސަބަބުން އަހަރެންގެ ކެރިއަރަަށް ވަރަށް ބޮޑު ގެއްލުމެއްވި. މި މުބާރާތަށާއި ފައިނަލުގައި ދެއްކި ކުޅުމަށް ބަލާއިރު މިއީ ފެޑެރާ އަށް ހައްގު މޮޅެއް،" ނަޑާލް ބުންޏެވެ.

މިއީ ފާއިތުވި 10 އަހަރު ތެރޭ ނަޑާލް އަތުން ގްރޭންޑް ސްލޭމް ފައިނަލެއްގައި ފެޑެރާ މޮޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ފެޑެރާ މޮޅުވީ 2007 ވަނަ އަހަރުގެ ވިމްބަލްޑަން ފައިނަލުންނެވެ.