Roadha Mihaaru
ހަ އަހަރަށް ފަހު ނަޑާލާއި ފެޑެރާގެ ފުރަތަަމަ ފައިނަލް

ހަ އަހަރަށް ފަހު ނަޑާލާއި ފެޑެރާގެ ފުރަތަަމަ ފައިނަލް

28 ޖެނުއަރީ 2017

މެލްބަން (ޖެނުއަރީ 28) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ރަފައެލް ނަޑާލާއި ރޮޖާ ފެޑެރާ ޖާގަ ހޯދައި، ހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި މި ދެ ކުޅުންތެރިން ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެލްބަން (ޖެނުއަރީ 28) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ރަފައެލް ނަޑާލާއި ރޮޖާ ފެޑެރާ ޖާގަ ހޯދައި، ހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި މި ދެ ކުޅުންތެރިން ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

މި ދެ ކުޅުންތެރިންނަކީ 2003 އިން 2010 އަށް ޓެނިހުގެ ދުނިޔޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދެ ކުޅުންތެރިންނެވެ. ފަހަކަށް އައިސް އަނިޔާގެ ސަބަބުންނާއި ފޯމު ގެއްލުމުގެ ސަބަބުން ރޭންކިންގައި ވެސް މި ދެ ކުޅުންތެރިން ވަނީ ވަރަށް ދަށަށް ގޮސްފަ އެވެ.

ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި އެންމެ ފަހުން ފެޑެރާ އާއި ނަޑާލް ވާދަކުރީ 2011 ވަނަ އަހަރުގެ ފްރެންޗް އޯޕަންގަ އެވެ. އަދި 2009 ވަނަ އަހަރު ނަޑާލް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރީ ފައިނަލްގައި ފެޑެރާ ފަހަތައް ޖައްސާލުމަށް ފަހު އެވެ.

ފެޑެރާ ފައިނަލުން ޖާގަ ހޯދީ އޭނާއާ އެއް ގައުމެއްގެ ކުޅުންތެރިޔެއް ކަމަށްވާ ސްޓެން ވަވަރިންކާގެ މައްޗަށް ސެމީ ފައިނަލުގައި ކުރި ހޯދުމަށް ފަހު އެވެ. ނަޑާލް ފައިނަލުގެ ފަހު ޖާގަ ހޯދީ އިއްޔެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ގްރިގޯ ޑިމިޓްރޯވް ބަލިކުރުމަށް ފަހު އެވެ.

ޑިމިޓްރޯވް ބަލިކުރުމަށް ފަހު ނަޑާލް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޑިމިޓްރޯވް ބަލިކުރުމަށް ފަހު ނަޑާލް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފަސް ގަޑިއިރަށް ދެމިގެންދިޔަ މި މެޗުން ނަޑާލް މޮޅުވިއިރު، ސެޓުތައް ދިޔައީ 6-3 5-7 7-6 (7-5) 6-7 (4-7) 6-4 އިންނެވެ. މިއީ ތިން އަހަރު ތެރޭ، އުމުރުން 30 އަހަރުގެ ނަޑާލް ކުޅޭ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލެވެ.

"މިއީ ހުރިހާ ގޮތަކުން ވެސް ހާއްސަ ފައިނަލަކަށްވާނެ. އަހަންނަށް ޔަގީން ފެޑެރާ އަށް ވެސް މިއީ ހައިރާން ކަމަކަށްވާނީ. އެއީ އަހަރެމެން ދެމީހުންގެ ކެރިއަރުގައި ބޮޑު އަޑިގަނޑަކަށް ފަހު ގްރޭންޑް ސްލޭމް ފައިނަލެއްގައި ވާދަކޮށްލަން ލިބުން މިއީ ހައިރާންވާން ޖެހޭ ކަމަކަށްވާތީ،" 14 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ނަޑާލް ބުންޏެވެ.

ނަޑާލް ވަނީ ފެޑެރާއާ ދެކޮޅަށް ކުޅުނު 34 މެޗުގެ ތެރެއިން 23 މެޗުން މޮޅުވެފަ އެވެ. ނަޑާލާއި ފެޑެރާގެ ތާރީހީ ފައިނަލް އޮންނާނީ މާދަމާ އެވެ.

އަންހެން ސިންގަލްސް ފައިނަލުގައި މިއަދު ސެރީނާ ވިލިއަމްސް ނުކުންނާނީ އޭނާގެ ދައްތަ ވީނަސް ވިލިއަމްސްއާ ދެކޮޅަށެވެ. މިއީ މި ދެބެން 2009 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތަށް ފަހު ކުޅޭ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލެވެ. މި ދެ ކުޅުންތެރިން ވަނީ 2003 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ވާދަކޮށްފަ އެވެ.