25 ޖެނުއަރީ 2022
މެލްބަން (ޖެނުއަރީ 25) - މިހާރު ކުރިޔަށްދާ އޮސްޓްރޭލިއަން އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ސެމީ ފައިނަލަށް ސްޕެއިންގެ ރަފައެލް ނަޑާލް ދަތުރުކޮށްފި އެވެ.
މެލްބަން (ޖެނުއަރީ 25) - މިހާރު ކުރިޔަށްދާ އޮސްޓްރޭލިއަން އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ސެމީ ފައިނަލަށް ސްޕެއިންގެ ރަފައެލް ނަޑާލް ދަތުރުކޮށްފި އެވެ.
ނަޑާލް ވަނީ މިއަދު ކުޅުނު ކުއާޓާ ފައިނަލުގައި 14 ވަނައަށް ސީޑް ކުރެވިފައިވާ ކެނެޑާގެ ޑެނިސް ޝަޕޮވަލޯވް، 22، އާ ވާދަކޮށް 3-2 ސެޓުން މެޗް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ދެ ސެޓް ނަޑާލް ގެންދިޔައީ 6-3، 6-4 އިންނެވެ. ނަމަވެސް ޝަޕޮވަލޯވް ވަނީ ޖެހިގެން އައި ދެ ސެޓް 6-4 އަދި 6-3 އިން ގެންގޮސްފަ އެވެ. ނަޑާލް ސެމީ އިން ޖާގަ ހޯދީ ފަސްވަނަ ސެޓު 6-3 އިން ކާމިޔާބު ކޮށްގެންނެވެ.
ސެމީ ފައިނަލުގައި ނަޑާލް ވާދަކުރާނީ ކުއާޓަ ފައިނަލުގައި މިހާރު ކުރިޔަށްދާ އިޓަލީގެ މަޓެއޯ ބެރެޓިނީ އާއި ފްރާންސްގެ ގައެލް މޮންފިލްސް ކުޅޭ މެޗުން މޮޅުވާ ކުޅުންތެރިޔަކާ އެވެ.
އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ މުބާރާތްތަކެއް ދޫކޮށްލި ނަޑާލް ވަނީ އެނބުރި އައިސް މި އަހަރު މެލްބަންގައި އޮތް މެލްބަން ސަމާ ސެޓް އޭޓީޕީ ސިންގަލްސް ޓައިޓަލް ކާމިޔާބު ކޮށްފަ އެވެ. އޮސްޓްރޭލިއަން އޯޕަން މުބާރާތް އޭނާއަށް ކާމިޔާބުކުރެވިއްޖެ ނަމަ އޭނާ ވެގެންދާނީ އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާއަށެވެ.
ނަޑާލް އާއި ރޮޖާ ފެޑެރާ އަދި ނޯވަކް ޖޮކޮވިޗް ވެސް ވަނީ 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަނިޔާގެ ސަބަބުން ފެޑެރާ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދޫކޮށްލިއިރު، ޖޮކޮވިޗް ވަނީ ވެކްސިން ނުޖަހާތީ ވިސާ މައްސަލައިގައި އޮސްޓްރޭލިއާ އިން ޑީޕޯޓް ކޮށްލައިފަ އެވެ.
ދުނިޔޭގެ ރޭންކިން ފަސްވަނައިގައި މިހާރު އޮތް ނަޑާލް، 35، އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 2009 ވަނަ އަހަރުގެ ފައިނަލުގައި ފެޑެރާ ބަލި ކޮށްގެންނެވެ.
އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސްގައި ވާދަކުރާ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ، އޮސްޓްރޭލިއާގެ އެޝްލިއޭ ބާޓީ، 25، ވެސް ވަނީ މިއަދުގެ ކުއާޓާ ފައިނަލް މެޗް ކާމިޔާބުކޮށް ސެމީން ޖާގަ ހޯދައިފަ އެވެ. ކުއާޓާ ފައިނަލުގައި ބާޓީ ވާދަކުރީ 21 ވަނައަށް ސިޑް ކުރެވުނު އެމެރިކާގެ ޖެސިކާ ޕެހޫލާ، 27، އާ ވާދަކޮށް ފަސޭހަކަމާ އެކު ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 6-2 އަދި 6-0 އިންނެވެ.
ސެމީ ފައިނަލުގައި ބާޓީ ވާދަކުރާނީ ކުއާޓާ ފައިނަލުގައި، ހަތަރު ވަނައަށް ސީޑް ކުރެވުނު އޭނާގެ ވާދަވެރި ޗެކް ރިޕަބްލިކްގެ ބާބޮރާ ކްރެޗިކޯވާ، ބަލިކުރި އެމެރިކާގެ މެޑިސަން ކީޒް، 26، އާއެވެ.
ފުރަތަމަ ސެޓު ކުރިޔަށް ދަނިކޮށް ކްރެޗިކޯވާ، 26، އަށް ވަނީ އޭނާގެ ހަށިގަނޑުގެ ހޫނު މިން މައްޗަށް ގޮސްގެން ހީޓްސްޓްރޯކެއް ޖެހިފަ އެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ މެދުކެނޑުމަކަށް ފަހު މެޗު ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. ތިރީސް ފަސް ޑިގްރީ ސެލްސިއަސްގައި މިއަދު މެލްބަންގައި ކުޅުނު މެޗު ކީޒް ކާމިޔާބުކުރީ 6-3، 6-2 އިންނެވެ.
މިއީ ރޭންކިންގެ 51 ވަނައިގައި އޮތް ކީޒް މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. އޭނާ ވަނީ މީގެ ކުރިން ހަތަރު ގްރޭންޑް ސްލޭމް މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ.
ތަށި ދިފާއުކުރަން ނުކުތް ނަޑާލަށް އަނިޔާވެގެން ކަޓައިފި
މެޑްވެޑޭވް ބަލިކޮށް ނަޑާލަށް 21 ވަނަ ގްރޭންޑް ސްލޭމް
ފައިނަލުގައި ނަޑާލް އާއި މެޑްވެޑޭވްގެ ކުރިމަތިލުމެއް
ނަޑާލް ކަޓުވާލުމަށް ފަހު ސިޓްސިޕާސް ސެމީ އަށް
ރެކޯޑް ކާމިޔާބީ ހޯދަން ނަޑާލަށް އިތުރު އިންތިޒާރެއް
ނަޑާލް ތަފާތު، ސިޓްސިޕާސްގެ ހުވަފެން ނިމުމަކަށް!
ފެޑެރާ 18 ވަަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފި
ހަ އަހަރަށް ފަހު ނަޑާލާއި ފެޑެރާގެ ފުރަތަަމަ ފައިނަލް
ތިން އަހަރަށް ފަހު ނަޑާލް ބޮޑު މުބާރާތެއްގެ ސެމީ އަށް
މޮޅު ކުޅުމަކާ އެކު ނަޑާލް ކުއާޓާ އަށް