Roadha Mihaaru
ތަށި ދިފާއުކުރަން ނުކުތް ނަޑާލަށް އަނިޔާވެގެން ކަޓައިފި

ތަށި ދިފާއުކުރަން ނުކުތް ނަޑާލް އަށް އަނިޔާވެގެން ކަޓައިފި

18 ޖެނުއަރީ 2023

މެލްބަން (ޖެނުއަރީ 18) - އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ދިފާއު ކުރަން ނުކުތް ސްޕެއިންގެ ރަފައެލް ނަޑާލް އަށް މެޗު ތެރެއިން ލިބުނު އަނިޔާއަކާ ގުޅިގެން، އެމެރިކާގެ މެކެންޒީ މެކްޑޮނާލްޑް އަތުން ބަލިވެގެން މުބާރާތުން ކަޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެލްބަން (ޖެނުއަރީ 18) - އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ދިފާއު ކުރަން ނުކުތް ސްޕެއިންގެ ރަފައެލް ނަޑާލް އަށް މެޗު ތެރެއިން ލިބުނު އަނިޔާއަކާ ގުޅިގެން، އެމެރިކާގެ މެކެންޒީ މެކްޑޮނާލްޑް އަތުން ބަލިވެގެން މުބާރާތުން ކަޓައިފި އެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ މުބާރާތުގެ ދެވަނަ ބުރުގައި މިއަދު މެކްޑޮނާލްޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ އުނަގަނޑަށް އަނިޔާ ވީ ދެވަނަ ސެޓުގަ އެވެ. އޭރު ދެ ވަނަ ސެޓް މެކްޑޮނާލްޑް ލީޑު ކުރަމުން ގެންދިޔައީ 4-3 އިންނެވެ.

އަނިޔާއާ އެކު ވެސް މެޑިކަލް ޓައިމް އައުޓް ނަގައިގެން އޭނާ މެޗު ފުރިހަމަ ކުރި އެވެ. ނަޑާލް މެޗުން ބަލިވީ ސީދާ ތިން ސެޓުން 6-4، 6-4 އަދި 7-5 އިންނެވެ.

މިހާތަނަށް ރެކޯޑް 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ނަޑާލް، އަނިޔާއާ އެކު ވެސް މެެޗު ކުރިއަށް ގެންދިޔުމުން ސަޕޯޓަރުން ވަނީ މެޗު ނިމުމަށް ފަހު އޭނާއަށް ސްޓޭންޑިން އޯވޭޝަނެއް ދީފަ އެވެ.

"ޗެމްޕިއަންޝިޕް ދިފާއު ކުރަން ނުކުމެ ހުރެ މެޗުން ރިޓަޔާ ވާކަށް (މެޗު ދޫކޮށްލަން) އަހަރެން ބޭނުމެއް ނުވި،" މެޗަށް ފަހު މާޔޫސްކަމާ އެކު ނަޑާލް ބުންޏެވެ.

"މިގޮތަށް މެޗު ނިމުން ވެސް މާ ރަނގަޅު. އަހަރެން ބަލިވީ، އިތުރަށް ބުނާނެ އެއްޗެއް ނެތް. އިދިކޮޅުން ކުޅުނު ކުޅުންތެރިޔާ އަށް ތަހުނިޔާ ކިޔަން."

ރޭންކިންގެ އެއް ވަނައިގައި އޮތް ނަޑާލް ދެވަނަ ބުރަށް ދިޔައީ ފުރަތަމަ ބުރުގައި 3-1 ސެޓުން އިންގްލެންޑްގެ ޖެކް ޑްރޭޕާ ބަލިކޮށްފަ އެވެ.

މިއީ 2016 ވަނަ އަހަރަށް ފަހު ނަޑާލް އޮސްޓްރޭލިއަން އޯޕަން އިން އެންމެ އަވަހަށް ކެޓި ފަހަރެވެ. އެ އަހަރު ނަޑާލް ކެޓީ ފުރަތަމަ ބުރުންނެވެ.

މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ނަޑާލް ކާމިޔާބު ކުރީ ރަޝިއާގެ ޑެނީލް މެޑްވެޑޭވް އާ ވާދަކޮށް ފުރަތަމަ ދެ ސެޓުން ބަލިވެފައި ވަނިކޮށް ފަހަތުން އަރައި ތިން ސެޓު ކާމިޔާބު ކޮށްގެންނެވެ. އަދި ޖެހިގެން އައި ފްރެންޗް އޯޕަން ވެސް އޭނާ ކާމިޔާބު ކުރި އެވެ. ނަމަވެސް ވިމްބެލްޑަން ގައި އޭނާ ސެމީ ފައިނަލާ ހަމައިން މުބާރާތުން ވަކިވީ އޭނާގެ ބަނޑަށް އަނިޔާ ވެގެންނެވެ.

މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން ގައި، ރޭންކިންގެ ދެ ވަނައިގައި އޮތް ނޯވޭގެ ކެސްޕާ ރޫޑް އާއި ތިން ވަނައިގައި އޮތް ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ގެ އިތުރުން، އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އޮސްޓްރޭލިއާ އަށް އެނބުރި އައި ނޯވަކް ޖޮކޮވިޗް ވެސް ވަނީ ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

ކުރީގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އިނގިރޭސިވިލާތުގެ އެންޑީ މަރޭ ވަނީ ފުރަތަމަ ބުރުން އިޓަލީގެ މަޓެއޯ ބެރެޓިނީ ބަލިކޮށްފަ އެވެ.