Roadha Mihaaru
ވޮލްޑޯފް އެސްޓޯރިއާ ފައިނަލަށް، ވިލަމެންދޫ ކަޓައިފި

އިންޓަ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް: ވޮލްޑޯފް އެސްޓޯރިއާ ޒޯން ފައިނަލަށް، ސެމީގައި ކޮންރެޑާއި ޑަބްލިއު މޯލްޑިވްސް

27 ޖޫން 2023

މިހާރު ކުރިއަށްދާ އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ޒޯން 2/4 ގެ ފައިނަލުން ވޮލްޑޯފް އެސްޓޯރިއާ ޖާގަ ހޯދިއިރު، ސެމީ ފައިނަލްގައި ކޮންރެޑާއި ޑަބްލިއު މޯލްޑިވްސް ވާދަ ކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިހާރު ކުރިއަށްދާ އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ޒޯން 2/4 ގެ ފައިނަލުން ވޮލްޑޯފް އެސްޓޯރިއާ ޖާގަ ހޯދިއިރު، ސެމީ ފައިނަލްގައި ކޮންރެޑާއި ޑަބްލިއު މޯލްޑިވްސް ވާދަ ކުރަން ޖެހިއްޖެ އެވެ.

ޒޯން 2/4 ގައި ހަތަރު ޓީމު ވާދަކުރާއިރު، ވޮލްޑޯފް އެސްޓޯރިއާ ފައިނަލަށް ދަތުރު ކުރީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ގުރޫޕް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ކޮންރެޑުގައި މި ޒޯންގެ ކުޅުން ކުރިއަށް ދާއިރު، އިއްޔެ ހަވީރު ވޮލްޑޯފް އެސްޓޯރިއާ އަތުން 3-1 ސެޓުން ބަލިވެ، ވިލަމެންދޫ ވަނީ މުބާރާތުން ކަޓައިފަ އެވެ. ވިލަމެންްދޫ ކެޓީ އެއްވެސް މެޗަކުން މޮޅެއް ނުހޯދި އެވެ.

ވޮލްޑޯފް އެސްޓޯރިއާ އިން އިއްޔެގެ މެޗުގެ ސެޓްތައް ގެންދިޔައީ 25-21، 25-14، 26-28 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޮލްޑޯފް އެސްޓޯރިއާގެ މުހައްމަދު އާދަމް އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި މި ޒޯންގެ ގުރޫޕް ސްޓޭޖުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ ސެމީ ފައިނަލްގެ ޖާގަ ޔަގީން ވެފައިވާ ކޮންރެޑާއި ޑަބްލިއު މޯލްޑިވްސް އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ. ކޮންރެޑާއި ޑަބްލިއު މޯލްޑިވްސް ވެސް ގުރޫޕް ސްޓޭޖުގައި ވަނީ ވިލަމެންދޫ އަތުން މޮޅުވެފަ އެވެ.

ކޮންރެޑާއި ޑަބްލިއު މޯލްޑިވްސް ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު އެވެ. އެއަށް ފަހު ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހު އެވެ.

އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ދެ ޒޯނެއްގެ ކުޅުން މިހާތަނަށް ވަނީ ނިމިފަ އެވެ. ޒޯން 1 ގެ ޗެމްޕިއަންކަން ބަނޑޮސް މޯލްޑިވްސް އިން ހޯދާފައި ވާއިރު، ޒޯން 5/6 ގެ ޗެމްޕިއަންކަން ހޯދީ ވައްކަރު މޯލްޑިވްސް އެވެ.