Roadha Mihaaru
ބަނޑޮހާއި އަނަންތަރާ އަށް ފައިނަލްގެ ޖާގަ ލިބިއްޖެ

އިންޓަ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް: ބަނޑޮހާއި އަނަންތަރާ އަށް ފައިނަލްގެ ޖާގަ ލިބިއްޖެ

19 ޖޫން 2023

މިހާރު ކުރިއަށްދާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާޓުގެ ޒޯން 5 އަދި 6 ގެ ފައިނަލްގައި ވައްކަރު މޯލްޑިވްސް އާ ދެކޮޅަށް އަނަންތަރާ ކިހަވައް މޯލްޑިވްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިހާރު ކުރިއަށްދާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާޓުގެ ޒޯން 5 އަދި 6 ގެ ފައިނަލްގައި ވައްކަރު މޯލްޑިވްސް އާ ދެކޮޅަށް އަނަންތަރާ ކިހަވައް މޯލްޑިވްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

އަނަންތަރާ ފައިނަލުން ޖާގަ ހޯދީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި ކޯރަ ކޯރަ މޯލްޑިވްސް 3-1 ސެޓުން ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރާގެ ބިދޭސީ ކުޅުންތެރިޔާ ކަވިންދު ޕަބާސަރާ އެވެ.

ސޮނެވާފުށީގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު އަނަންތަރާ ވަނީ 25-21، 25-17 އިން ކާމިޔާބު ކޮށްފަ އެވެ. ތިންވަނަ ސެޓު 25-22 އިން ކޯރަ ކޯރަ ގެންދިޔަ ނަމަވެސް އަނަންތަރާ ވަނީ ޖެހިގެން އައި ސެޓު 25-22 އިން ކާމިޔާބު ކޮށްފަ އެވެ.

މި ޒޯނުގައި ބައިވެރިވީ މުޅި އެކު ހަތަރު ޓީމެވެ. ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު ހުރިހާ މެޗަކުން މޮޅުވެގެން ވައްކަރު މޯލްޑިވްސް ވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ. ލީގު ބުރުން ކެޓީ ސޮނެވާފުށްޓެވެ.

ވައްކަރާއި އަންނަތަރާ ބައްދަލުކުރާ ފައިނަލް މެޗު ކުލުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެ ހަވީރު 4 ޖަހާއިރެވެ.

ޒޯން 1 ގެ ފައިނަލްގެ ފުރަތަމަ ޖާގަ ބަނޑޮހަށް

ޒޯން 1 ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ވެސް މިއަދު ވަނީ ކުޅެފަ އެވެ. ބަނޑޮހާއި ވަން އެންޑް އޮންލީ ރީތިރަށް ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗު ކާމިޔާބު ކޮށްގެން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ބަނޑޮހެވެ.

ރީތި ރަށުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗު އެ ރިސޯޓާ ދެކޮޅަށް ކުޅެ ބަނޑޮހުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25-19، 27-25 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ބަނޑޮހުގެ ބިދޭސީ ކުޅުންތެރިޔާ ކަވިޝްކާ މަދުޝަންކަ އެވެ.

މި ޒޯނުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު ކުޅލުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. މާދަމާ ހަވީރު 4:15 ގައި ބަނޑޮހުގައި ކުޅޭ ސެމީ ފައިނަލް މެޗުގައި ބައްދަލު ކުރާނީ ފޯ ސީޒަންސް އާއި ޖުމެއިރާ އެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލްގެ ފުރުސަތު ހޯދަން ޖެހޭނީ، މިއަދު ބަލިވި ރީތި ރަށާ ދެކޮޅަށް ކުޅޭށެވެ.