29 ޖެނުއަރީ 2017
ސައިކަލު ޓެކްސީގެ ޚިދުމަތް މާލޭގައި މިއަދު ފަށައިފި އެވެ.
ސައިކަލު ޓެކްސީގެ ޚިދުމަތް މާލޭގައި މިއަދު ފަށައިފި އެވެ.
ކާނިވާ ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ހަފުލާއެއްގައި މި ޚިދުމަތް ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ސައިކަލު ޓެކްސީގެ ހިދުމަށް ދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާނު ކުރުމުން އެކަމަކަށް ކުރިމަތިލި "ސްކޫޓެކްސީ" އިން ރާއްޖޭގައި މުޅިން އަލަށް ސައިކަލު ޓެކްސީގެ ޚިދުމަތް މި ފެށީ 20 ސައިކަލުގެ ފްލީޓަކާ އެކުގަ އެވެ. އެ ކުންފުނީގެ ޚިދުމަތް ހޯދަން ގުޅަންޖެހެނީ 8080 އަށެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ސައިކަލު ޓެކްސީގެ ޚިދުމަތް ފަށަން ސަރުކާރުން ނިންމީ ފަސޭހަކަމާ އެކު ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދޭން ކަމަށާއި މާލޭގައި ފެށި މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އިގްތިސާދީ ކުރިއެރުމުގެ ތެރެއިން ރައްޔިތުންނަށް ކަންކަން ފަސޭހަކޮށް ދިނުމާ އެކު ވަޒީފާގެ ދޮރުތައް ހުޅުވައި ދިނުން ކަމަށެވެ. ސައިކަލު ޓެކްސީގެ ސަބަބުން އެތައް ގޮތަކުން އާންމުންނަށް ފަސޭހަވެގެންދާނެ ކަމަށާއި އިތުރު ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާ ކަމަށް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ މި ފެށޭ ޚިދުމަތް ޒިންމާދާރު ކަމާ އެކު ކުރިއަށް ގެންދިއުން. މި ޚިދުމަތުގެ ސަބަބުން އެހެން ޒުވާން ބޭފުޅުން ވެސް މީގެ ތެރެއަށް ވަދެ މި ފުރުސަތުގެ ބޭނުން ހިފުން. އަދި އާންމު ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް މިކަން ހެދުން،" ސައީދު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ވ) ސައިކަލު ޓެކްސީގެ ޚިދުމަތް އިފްތިތާހުކޮށް ދެއްވަނީ: މިއަދު ޚިދުމަތް ދޭން ފެށީ އެއް ކުންފުންޏަކުން --މިހާރު ފޮޓޯ/ނިޝާން އަލީ
އެ ހަފުލާގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ މާލޭގައި ކާރު ޓެކްސީގެ ޑިމާންޑް ބޮޑުކަމުން ޓެކްސީ ނުލިބުމުގެ މައްސަލަ ބޮޑު ކަމަށާއި އެކަމަކު ސައިކަލު ޓެކްސީގެ ޚިދުމަތުން ވަރަށް ބޮޑު ހައްލެއް އެކަމަށް ލިބޭނެ ކަމަށެވެ. އަދި ފަސޭހަކަމާ އެކު އަދި ކުޑަ އަގެއްގައި ޓެކްސީގެ ޚިދުމަތް ލިބުމަކީ ވެސް ސައިކަލު ޓެކްސީން ލިބޭނެ ފައިދާއެއް ކަމަށް ނާފިޒު ވިދާޅުވި އެވެ.
"ކާރު ޓެކްސީއަށް ޑިމާންޑް އޮތް ވަރަށް ބަލާފައި އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ ތަންކޮޅެއް އަގުހެޔޮކޮށް އަދި ފަސޭހަކޮށް އަދި ކާރު ޓެކްސީގެ ޚިދުމަތް ދޭ އެހެން ފަރާތްތަކަށް ގެއްލުން ނުވާ ގޮތަށް މި ޚިދުމަތް ފޯރުކޮށްދެވެންޏާ ރައްޔިތުންނަށް ލުއި ގޮތްތަކެއް ފަހިވެގެންދާނެއޭ،" ނާފިޒު ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ، ދަތުރަކަށް 10ރ. ނަގާ މި ޚިދުމަތް މިއަދު ފެށީ އެންމެ ފަރާތުން ކަމަށް ވިޔަސް އެކަމަށް ކުރިމަތިލި ދެވަނަ ފަރާތަށް ވެސް އެކަމުގެ ހުއްދަ ވަރަށް އަވަހަށް ދީ، ޚިދުމަތް ފެށޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
ސައިކަލު ޓެކްސީގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މީހަކު އަރުވައިގެން ސައިކަލް ދުއްވަނީ. --މިހާރު ފޮޓޯ/ނިޝާން އަލީ
ސްކޫޓެކްސީ ހިންގާ ޓްރާންސެޓޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް ވިދާޅުވީ ސައިކަލް ޓެކްސީގެ ޚިދުމަތް ފުރަތަމަ ފޯރުކޮށްދޭ ކުންފުންޏަށް ވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އެ ޚިދުމަތް ފޯރުކޮށްދެނީ ރާއްޖެއިން ބޭރުގައި އެ ޚިދުމަތް ދޭ ކުންފުންޏަކާ ގުޅިގެން ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ޚިދުމަތް ފުޅާކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނެގޯޝިއޭޓްކޮށްގެން ހޯދި ޕާޓްނަރެއް އެއީ ޔޫރަޕްގައި ސައިކަލު ޓެކްސީގެ ޚިދުމަތް ދޭ ސްކޫ ޓެކްސީ. އެ ބޭފުޅުންގެ ޕާޓްނަރެއްގެ ގޮތުގައި އަޅުގަނޑުމެން ވޯކް ކުރަމުން މިދަނީ. އަޅުގަނޑުމެން އެޕްތަކާއި އެއްޗެހި އެޕް ސްޓޯ އާއި ގޫގުލް ޕްލޭ ސްޓޯއަށް ވެސް އަންނާނެ. މީގެ ސަބަބުން ބައިވަރު ފަސޭހަތަކެއް ވެގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
އެ ޚިދުމަތުގެ ސަބަބުން އާންމުންނަށް ފަސޭހަވެ އަދި އިތުރު ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި އެ ޚިދުމަތް ދިނުމުގައި އަންހެން ޑްރައިވަރުން ވެސް ބައިވެރިވާނެ ކަމަށާއި އެއީ ވެސް އެ ޚިދުމަތަށް ލިބިގެންދާ އިތުރު ފުރިހަމަ ކަމެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.
ސައިކަލު ޓެކްސީގެ ޚިދުމަތް ކުރިއަށް ވުރެ ރަނގަޅުވާނެ
ސައިކަލް ޓެކްސީ ރަނގަޅަށް ފެށެން ދުވަސްކޮޅެއް ނަގާނެ
ސައިކަލް ޓެކްސީގެ ޚިދުމަތް ދޭނެ ބަޔަކު އަލުން ހޯދަނީ
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
މާލޭ ދަތުރަށް ދެކޮޅުހަދާ ޓެކްސީތައް ރިޕޯޓްކުރަން އެދެފި
ޓެކްސީތަކުން ބޮޑު އަގު ނަގާ ނަމަ ޖޫރިމަނާ ކުރަނީ
ޓެކްސީ ޚިދުމަތަށް އެޕްލިކޭޝަން ހަދަން ބަޔަކު ހޯދަނީ
ޓެކްސީ ދުއްވުމުގެ ނިޒާމް ހަމައަކަށް އެޅުވުން
ހެލްމެޓް މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ
ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަށް ހިޔާލު ހޯދަނީ