Roadha Mihaaru
އެކްސިޑެންޓުވިއިރު ޑްރައިވަރު އިނީ ހަރަކާތް ހުއްޓިފައި

ޓެކްސީ ޑްރައިވަރު އެކްސިޑެންޓުވިއިރު ވެސް އިނީ ހަރަކާތް ހުއްޓިފައި

22 ޖޫން 2023

ހުޅުމާލޭގައި މިދިޔަ އަންގާރަ ދުވަހު ޓެކްސީއެއް އެކްސިޑެންޓުވި އިރު ވެސް އޭގެ ޑްރައިވަރު މުހައްމަދު އުމަރު އިނީ ހަރަކާތް ހުއްޓިފައި ކަމަށާއި އެކްސިޑެންޓުވި ވަގުތު ގޮސް ބެލި އިރު ވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް މަންޒަރު ދުށް މީހަކު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި މިދިޔަ އަންގާރަ ދުވަހު ޓެކްސީއެއް އެކްސިޑެންޓުވި އިރު ވެސް އޭގެ ޑްރައިވަރު މުހައްމަދު އުމަރު އިނީ ހަރަކާތް ހުއްޓިފައި ކަމަށާއި އެކްސިޑެންޓުވި ވަގުތު ގޮސް ބެލި އިރު ވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް މަންޒަރު ދުށް މީހަކު ބުނެފި އެވެ.

ޕްލެޓިނަމް ކައިރިން ހުޅުމާލެ 2 އަށް އަރާ ބްރިޖް ކައިރީ އެކްސިޑެންޓު ހިނގި މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ އެކްސިޑެންޓު ހިނގި ތަނާ މާ ދުރުގައި ހުންނަ ލިންޗްޕިން ފިހާރަޔާ ހިސާބުން ފެށިގެން ޓެކްސީ އައީ ވަރަށް ބާރަށް ކަމަށެވެ.

ކާރު ދުއްވާފައި ދިޔައިރު ފެނުނު މީހާ ބުނީ އޭރު ވެސް ޑްރައިވަރުގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.

"ކުރިމަތިން މާ ބާރަށް އެއްޗެއް އަންނާތީ އަޅުގަނޑު އެރީ އެ ކަނާތް ފަޅިއަށް. [އެކްސިޑެންޓުވި] ކާރު އައީ ކަނާތް ފަޅިން. އަޅުގަނޑު ކައިރިން ނެއްޓުނުތަނާ ދުއްވަން ދަސްކުރާ ކުއްޖެއް ފަހަތުގައި އިން [ސައިކަލެއް] އަކުން ވެސް ކިރިޔާ ނައްޓާލައިގެން ދިޔައީ." ސައިކަލެއްގައި އެ ވަގުތު ދުއްވާފައި ދިޔަ މީހާ ބުންޏެވެ.

"އެ ކުއްޖާ ކައިރިން ނެއްޓުނުތަނާ އެ ކުއްޖާ ވެސް ބުނީ އަލްހަމްދުﷲ އޭ. އަޅުގަނޑު ވެސް ބުނީ އަލްހަމްދުﷲ އޭ. ގާތްގަނޑަކަށް 70-80 ގައި އޭރު ދުއްވަމުން ދިޔައީ."

އޭނާ ކިޔައިދިން ގޮތުގައި، ޓެކްސީ ނުބައި ލޭނުން ގޮސް ޖެހުނީ ހުޅުމާލެ 2 އިން ފައިބައިގެން އައި ހުދުކުލައިގެ ކާރެއްގަ އެވެ. އެއީ މަގުގެ ދެ ފަޅި ވަކިކުރުމަށް ޖަހާފައި ހުރި ޑިވައިޑާތަކުގައި ވެސް ޖެހި އެ އެއްޗެހި ވެސް ހަލާކުވުމަށް ފަހުގަ އެވެ.

މަންޒަރު ފެނުނު މީހާ ބުނީ އެކްސިޑެންޓުވި ހުދު ކާރުގައި އިން މީހާ އަމިއްލަ އަށް ކާރުން ފޭބި ކަމަށާއި އެކަމަކު ޓެކްސީ ޑްރައިވަރު ކާރުތެރޭގައި އޭރު ވެސް އިނީ ހަރަކާތެއް ނެތި ކަމަށެވެ.

ފުލުހުން ފަހުން ބުނި ގޮތުގައި އުމަރު، 65، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އޭނާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ކަމެއް ނޭނގެ އެވެ. ނަމަވެސް މަންޒަރު ދުށް މީހުން ބުނީ އެކްސިޑެންޓުވެފައި އޮތް އިރު ވެސް އުމަރުގެ ހަށިގަނޑުގެ ބޭރުފުށުން ޒަހަމެއް ފެންނަން ނެތް ކަމަށެވެ.

އުމަރު ދަންނަ ބައެއް މީހުން ބުނި ގޮތުގައި އޭނާ އަކީ ސިއްހީ މައްސަލައެއްގެ ސަބަބުން، "ބްލަޑް ތިނާ" ނުވަތަ ލޭ ދިޔާކުރާ ބޭސް ބޭނުންކުރާ މީހެއް ކަމަށެވެ. އަދި އޭނާ އަކީ މަސައްކަތުގައި އުޅެނިކޮށް މީގެ ކުރިން ވެސް ވެއްޓުން ފަދަ ކަންކަން ދިމާވި މީހެއް ކަމަށްވެ އެވެ.