Roadha Mihaaru
މަޖިލިސް ކުރިއަށްގެންދެވޭނީ ގޮތްދޫކޮށްގެން: އުޝާމް

ގޮތްދޫކޮށް، މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން އުޝާމް ގޮވާލައްވައިފި

19 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ، ޚިޔާލުތައް އެއްގޮތް ކޮށްގެން މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން ކަމަށް ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ، ޚިޔާލުތައް އެއްގޮތް ކޮށްގެން މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން ކަމަށް ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން ހުށަހެޅުމާ އެކު، މަޖިލީހުގައި މަރުތަޅު އެޅުވި، މަސައްކަތްތައް ކުރިއަށް ނުދާތާ ތިން ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.

އެ މައްސަލަ ހައްލުކުރަން، އެކި ފަހަރު މަތިން ކުރި މަޝްވަރާތަކަށް ކުރިއެރުމެއް ލިބިފައިނުވާއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ އެކަމުގެ ޒިންމާ މަޖިލީހުގެ ހުރިހާ މެމްބަރުން ނަގަންޖެހޭ ކަމަށެވެ.

"ވަކި ޕާޓީއެއް ކިޔާނެ ކަމެއް ނެތް. ރިޔާސަތެއް ކިޔާނެ ކަމެއް ނެތް. ވަކި މެމްބަރެއް ކިޔާނެ ކަމެއް ނެތް. އަޅުގަނޑުމެން އެންމެން ވެސް މަޖިލީހުގެ ގަވާއިދާއި އުސޫލުތަކާ ހިލާފަށް ކަންކަން ކުރުމުގެ ނަތީޖާ މިއަދު ފެނިގެން މިދަނީ،" އުޝާމް ވިދާޅުވި އެވެ.

އިތުބާރުނެތް ކަމުގެ މައްސަލަ އޮތުމުން، ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވާތީ، މިއަދުގެ ޖަލްސާއަށް އެމަނިކުފާނު މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންފައިވާ ކަމަށް ބުނާ މައްސަލައެއް ވެސް އެމްޑީޕީން ވަނީ ހުށަހަޅާފަ އެވެ.

އެ ކަމަށް އިޝާރާތް ކުރައްވައި އުޝާމް ވިދާޅުވި ގޮތުގައި އިމްތިޔާޒްގެ އެ މައްސަލަ ވެސް ހުށަހެޅުނީ ކަނޑައެޅިގެން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށެވެ.

މިގޮތުން، މަޖިލީހުގެ ރައީސް ހިމެނޭ ގޮތަށް މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންނެވި ކަމަށް ބެލޭނެ އެއްވެސް މާއްދާއެއް ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ދައުރުގެ މެދު ތެރެއިން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކޮށްފިނަމަ، ދެން ކަންތައް ކުރާނެ ސާފު އިޖުރާއަތެއް ވެސް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިނެތް ކަމަށް އުޝާމް ވިދާޅުވި އެވެ.

"...މި ގަވާއިދުގަ އެބަހުއްޓޭ ވަރަށް އުނިކަންކަން. އަޅުގަނޑުމެންގެ ހިޔާލު އެއްގޮތް ކޮށްގެން މި ގަވާއިދު އިސްލާހުކޮށްގެން މެނުވީ މަޖިލީހުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ހުރިހާ މެމްބަރުން ވެސް ގޮތްދޫކޮށްގެން، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އުޝާމް މިއަދު ގޮވާލެއްވި އެވެ.