28 ޖެނުއަރީ 2017
އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ނިންމުމާ އެއްގޮތަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުމަށް، ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ގޮވާލެއްވުމަކީ އެ ދެ ބޭފުޅުން ރައްޔިތުންނަށް އިހުތިރާމް ކުޑަކޮށްލުން ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.
އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ނިންމުމާ އެއްގޮތަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުމަށް، ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ގޮވާލެއްވުމަކީ އެ ދެ ބޭފުޅުން ރައްޔިތުންނަށް އިހުތިރާމް ކުޑަކޮށްލުން ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.
ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލަ އދ. ގެ ވޯކިން ގުރޫޕުން ބެލުމަށް ފަހު، މިދިޔަ ބުރާސްފަތިދުވަހު ނެރުނު ރިޕޯޓުގައި ކަނޑައަޅާފައި ވަނީ އޭނާ ވަގުތުން މިނިވަންކުރުމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް މައުމޫނާއި ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.
މައުމޫނާއި ނަޝީދުގެ ގޮވައިލެއްވުމަށް ފާޑުވިދާޅުވަމުން، ސަރުކާރުގެ ފަރާތުން ވާހަކަ ދެއްކެވި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ "މިހާރު" އަށް ވިދާޅުވީ ނާޒިމް ދޫކޮށްލުމަށް ރައީސް އަބްދުﷲ ޔާމީންގެ އަރިހުން އެ ދެބޭފުޅުން އެދިވަޑައިގަތުމަކީ ބޭ އިހުތިރާމް ކުރެއްވުން ކަމަށެވެ.
މައުމޫނާއި ނަޝީދު ސެލްފީއެއް ނަންގަވަނީ: އދ، ގެ ވޯކިން ގުރޫޕުގެ ނިންމުމާ އެއްގޮތަށް ނާޒިމް ދޫކޮށްލަން ގޮވައިލެއްވުމުން ސަރުކާރުގެ ފާޑުކިޔުން އެ ދެބޭފުޅުންނަށް ވަނީ އަމާޒުވެފައި.
"އެއީ ރައްޔިތުންނަށް ކުރެެވޭ ކުޑައީމީސް ކަމެއް. ހާއްސަކޮށް ކުރީގެ ދެ ރައީސެއްގެ ފަރާތުން މިފަދަ ކަމެއް ފެނުމަކީ ހިތާމަކުރާ ކަމެއް،" ޝައިނީ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ކްރިިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް އައި 13 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނު ދޫކޮށްލުމަށް ވެސް އދ. ގެ ވޯކިން ގުރޫޕުން ވަނީ ގޮވާލައިފަ އެވެ. މީގެ އިތުރުން ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީން ސިޔާސީ ހިމާޔަތް ހޯދައިގެން ހުރި، ޖޫލިއަން އަސާންޖް ވެސް ވަގުތުން ދޫކޮށްލުމަށް އދ. ގެ ވޯކިން ގުރޫޕުން ގޮވައިލުމުން އިނގިރޭސި ވިލާތުން ވެސް އެ ނިންމުން ގަބޫލު ނުކުރިކަން ޝައިނީ ފާހަގަކުރެއްވި އެވެ.
ޝައިނީ ވިދާޅުވީ އދ. ގެ ވޯކިން ގުރޫޕުގެ ނިންމުމަކީ ރިކޮމެންޑޭޝަނެއް ކަމަށް ވުމުން، އެއަށް އަމަލުކުރުން ދިވެހި ސަރުކާރަށް ލާޒިމް ނުކުރާ ކަމަށެވެ. ނާޒިމްގެ މައްސަލާގައި ވެސް އައީ ރިކޮމެންޑޭޝަނެއް ކަމުން، ވޯކިން ގުރޫޕުން ކަނޑައަޅާފައިވާ މުއްދަތުގައި އެއަށް ދިވެހި ސަރުކާރުން ޖަވާބުދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުރީގައި ވެރިކަން ކުރައްވާފައިވާ ދެ ލީޑަރަކު ރައީސް ޔާމީނަށް މި ޑިމާންޑް ކުރަނީ ނާޒިމް ދޫކޮށްލަން. މިއީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާފަދަ ކަމަކަށް ގޮވާލުމަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުން ކަމަށް ބެލެވިދާނެ،" ޝައިނީ ވިދާޅުވި އެވެ.
"ނާޒިމްގެ މައްސަލަ މިވަނީ ރާއްޖޭގެ ގާނޫނުއަސާސީގެ ތެރެއިން ނިމިފައި. [ޝަރުއީ] ތިން މަރުހަލާ ނިމިފައި. ވޯކިން ގުރޫޕުގެ ނިންމުމަކީ ރާއްޖޭގެ ގާނޫނުއަސާސީގެ މައްޗަށް ބާރު ނުފޯރުވޭ ނިންމުމެއް."
ޝައިނީ ވިދާޅުވި ގޮތުގައި ވޯކިން ގުރޫޕުގެ ނިންމުންތަކުގައި މިހާރު ވެސް ދިވެހި ސަރުކާރަށް ގަބޫލު ނުކުރެވޭ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރެއިން އޭނާ ފާހަގަކުރެއްވީ އެންމެ ކަމެކެވެ. އެއީ ހާލަތު ދެނެގަތުމަށް ވޯކިން ގްރޫޕުން ރާއްޖެ އަށް ދަތުރެއް ކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އެ ގުރޫޕުގެ ނިންމުމުގައި ކަނޑައަޅާފައިވާތީ އެވެ.
ޝައިނީ ވިދާޅުވީ ނާޒިމްގެ މައްސަލަ ބަލައި ގޮތް ނިންމުމަށް ފަހު، ވޯކިން ގުރޫޕުން ރާއްޖެ އައިސް ހާލަތު ބެލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ކޯޓުގައި އޮތް އަޑުއެހުމަކަށް ނާޒިމް ގެންދަނީ: އޭނާ ވަގުތުން ދޫކޮށްލުމަށް އދ. ގެ ވޯކިން ގުރޫޕުން ވަނީ ގޮވާލާފައި.---މިހާރު ފައިލް ފޮޓޯ
"ހާލަތު ބެލުމަށް ރާއްޖެ އަންނަން ހުރިހާ ފަރާތްތަކަށް މި އޮންނަނީ ފުރުސަތު ހުޅުވާލާފައި. އެކަމަކު އެ ފުރުސަތު އޮވެ، އެ ބޭނުން ނުކޮށް ނާޒިމް ދޫކޮށްލަން ގޮވާލުމަކީ އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ހާލަތު ބަލަން ބޭނުން ނަމަ އަންނަން ވާނީ ގޮތެއް ނިންމުމުގެ ކުރިން ކަމަށް އަޅުގަނޑުމެން ދެކެނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝައިނީ ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ ފުރުސަތު ސަރުކާރުން ހުޅުވާލާފައި ވަނީ، މިގޮތަށް ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް މެދުވެރިކޮށް ނާޒިމްގެ އާއިލާ އިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އދ. ގެ ވޯކިން ގުރޫޕަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު، އެ ގުރޫޕުން ބުނެފައި ވަނީ ނާޒިމްގެ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގައި ވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، ނާޒިމްގެ މައްޗަށް ހިންގީ މިނިވަން، އިންސާފުވެރި ޝަރީއަތެެއް ނޫން ކަމަށް ވޯކިން ގްރޫޕުން ވަނީ ނިންމައިފަ އެވެ.
އދ. ގެ ނިންމުމަށް ސަރުކާރުން ދެކޮޅު ހަދައިފި
އަދީބާ ހަމައިން ފިސްތޯލައިގެ މައްސަލަ އޮބުނީތަ؟
އިސްތިގުލާލަށް ގެއްލުން ދޭން ނާޒިމް ނޫޅޭ: ރިޔާޒް
"ބޭރުގެނުފޫޒާއެކު ވެރިކަން ގާއިމްކުރަން ނާޒިމް އުޅުނު"
ނާޒިމްގެ ކުށެއް ނެތް ކަމަށް ފޮނުވި ސިޓީ އދ. އަށް
އޮގަސްޓް 20ގެ ކުރިން ސަރުކާރުން ޖަވާބު ދޭން ޖެހޭނެ
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް
އެކުލަވައިލާނީ ޚަރަދު ކުޑަ ސަރުކާރެއް: ގާސިމް
ނާޒިމްގެ ވާހަކަތައް މުއާޒު ދޮގުކުރައްވައިފި