Roadha Mihaaru
ދިވެހިންނަށް ވިސާއާ ނުލައި ގެމްބިއާއަށް ދެވޭނެ

ދިވެހިންނަށް ވިސާއާ ނުލައި ގެމްބިއާއަށް ދެވޭ ގޮތް ހަދައިފި

12 ޖޫން 2023

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގެމްބިއާއަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތް ހަދައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގެމްބިއާއަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތް ހަދައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ދުރާލާ ވިސާ ނުނަގައި ދިވެހިންނަށް ގެމްބިއާ އަށް ދެވޭ ގޮތަށް، ރާއްޖެ އާއި އެ ގައުމާ ދެމެދު ވިސާ ލުއިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރީ، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ދިވެހި އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސައުދީ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލެވެ. އަދި ގެމްބިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ސައުދީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު ޖިބްރީލް ސޮލާހެވެ.

ރާއްޖެ-ގެމްބިއާއާ ދެމެދު ވިސާ ލުއިކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ސަފީރު މުހައްމަދު ހަލީލު އާއި ސައުދީގައި ހުންނަވާ ގެމްބިއާގެ ސަފީރު އުމަރު ޖިބްރީލް ސޮލާހު ސޮއިކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ

ދެ ގައުމުން އެކުލަވާލި އެ އެއްބަސްވުމުގެ ދަށުން، ރާއްޖެ އަންނަ ގެމްބިއާ މީހުންނަށާއި ގެމްބިއާއަށް ދާ ދިވެހިންނަށް 30 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ދިވެހިރާއްޖެ އާއި ދަ ގެމްބިއާއާ ދެމެދު ސޮއިކުރެވުނު ވިސާ ވެއިވާ އެގްރީމަންޓުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގަ އާއި ދެ ސަރުކާރުގެ ދެމެދުގައި ގުޅުން ބަދަހިވެގެން ދާނޭ ކަމަށް އުއްމީދުކުރަން،" ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ވިސާގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ.

ރާއްޖެ އާއި ގެމްބިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 1989 އަހަރު އެވެ.