06 ޖޫން 2023
އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި ވަނިކޮށް، އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައެއް ވެސް އިދިކޮޅުން ހުށަހެޅުމާ ގުޅިގެން މަޖިލިހުގެ ނިޒާމު ގެއްލި މަޖިލިސް "ޑެޑްލޮކް" ހިނގައިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި ވަނިކޮށް، އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައެއް ވެސް އިދިކޮޅުން ހުށަހެޅުމާ ގުޅިގެން މަޖިލިހުގެ ނިޒާމު ގެއްލި މަޖިލިސް "ޑެޑްލޮކް" ހިނގައިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
މަޖިލީހުގައި މިއަދު ވެސް އެޖެންޑާ ކޮށްފައި ވަނީ އިދިކޮޅު 13 މެންބަރުން ސޮއި ކުރައްވައި ހުށަހަޅާފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަަމުގެ މައްސަލަ އެވެ.
އެކަމަކު، އެ މައްސަލަ ފެށުމުގެ ކުރިން ރިފްއަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅުއްވީ އެވެ. އޭނާ އެދިވަޑައިގަތީ އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމިޓީ އަށް ފޮނުވައި ދިނުމަށެވެ.
ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލައާ މެދު މެންބަރުން ބަހުސް ކުރަން ފެނޭތޯ ބަލަން ވޯޓަކަށް އަހައިފަ އެވެ. އެކަމަކު، މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރައްވާ 48 މެންބަރެއްގެ ވޯޓުން އެ މައްސަލަ ތަޅުމުން ބޭރުކޮށްލި އެވެ.
އެ މައްސަލަ ފާސްނުވި ނަމަވެސް ނަޝީދު ނިންމެވީ އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުމުގެ ފުރުސަތު މެންބަރަށް ލިބިގެންވާތީ ކޮމިޓީ އަށް ވެސް ފޮނުވުމަށެވެ. އޭޖީ ރިފްއަތު މަޖިލިހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ބުނާ ވަކި މައްސަލައެއް ކޮމިޓީ އަށް ފޮނުވަން ރިޔާސަތުން ނިންމެވީ އެކަމަށް އެދިވަޑައިގެން ވަކި ސިޓީއެއް ހުސައިން މުހައްމަދު ލަތީފް ފޮނުއްވާފައިވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުން ދިޔައީ ކަންބޮޑުވުން ފާޅު ކުރައްވައި ނިޒާމީ މައްސަލަތައް ނަގަމުންނެވެ.
އޭޖީ މަގާމުން ވަކިކުރުމުގެ މައްސަލަ އަނެއްކާވެސް ފަށަން ރިޔާސަތުން މަސައްކަތް ކުރުމާ އެކު، އިދިކޮޅު މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައި ރިފްއަތުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދާ ހަވާލާ ދެއްވައި، އެ މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލިހަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅާފައިވާ ނަމަ އެންމެ އިސްކަމެއް ދޭން ޖެހޭނީ އެ މައްސަލައަށެވެ.
މަޖިލީހުގެ ގަވާއިދުގެ 183 ވަނަ މާއްދާގައި ބުނާ ގޮތުން އިމްތިޔާޒަށް އުނިކަމެއް އަތުވެއްޖެ ކަމަށް ބުނާ މައްސަލައެއް ހުށަހެޅުމަށް ސިޔާސީ ޕާޓިތަކުގެ ލީޑަރުންނާއި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން އެދިއްޖެ ނަމަ މަޖިލީހުގެ ޖަލްސާގައި ކުރުމަށް ކަނޑައަޅާފައިވާ އެހެން ހުރިހާ ކަމަކަށް ވުރެ އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އެ މައްސަލައަކަށެވެ.
އެ ގަވައިދުގެ 185 ގައި ވެސް ބުނާ ގޮތުން އިމްތިޔާޒްގެ މައްސަލައެއް ހުށަހަޅައިފި ނަމަ މަޖިލީހުގައި ވަކި ވަގުތަކަށް ނިންމުމަށް ކަނޑައަޅާފައިވާ ކަންކަން ނޫން އެހެން ހުރިހާ ކަމަކަށް ވުރެ އެ މައްސަލައަށް އިސްކަން ދޭން ޖެހޭނެ އެވެ.
އެކަމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ އިމްތިޔާޒްގެ މައްސަލަ ކޮމިޓީ އަށް ފޮނުވާފައިވީ ނަމަވެސް ޕާޓީތަކުގެ ލީޑަރުންނަށް އެއްބަސް ނުވެވޭތީ އަދިވެސް ކޮމިޓީތައް އެކުލަވާ ނުލެވޭ ކަމަށެވެ. އެހެންކަމުން އިމްތިޔާޒް ކޮމިޓީއެއް ވެސް އަދި ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އިމްތިޔާގެ މައްސަލަ ބަލަމުންދާއިރު މި މައްސަލަ [އިތުބާރު ނެތް މައްސަލަ] ކުރިޔަށް ނުގެންދެވޭނެ ކަން މެންބަރުން އެބަ ފާހަގަ ކުރައްވާ. އަޅުގަނޑަށް އެ މައްސަލަ ކުރިޔަށް ގެންދަން މަސައްކަތް ކުރި ނަމަވެސް އަންނާނީ ނިޒާމާ ބެހޭ މައްސަލަތައް،" ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑު ގަސްތު ކުރަނީ ބަންޑާރަ ނައިބުގެ އިތުބާރު ނެތް މައްސަލަ މި ވަގުތަށް ނުހިންގަން -- ނަޝީދު
އިމްތިޔާޒުގެ މައްސަލައެއް އޮތުމުން އޭޖީ ރިފްއަތުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް އަނެއްކާވެސް މެންބަރުން ފާޙަގަ ކުރަމުން ދާތީ އެންމެ ފަހުން ނަޝީދު ނިންމެވީ އެ މައްސަލަ މަޑުޖައްސާލުމަށެވެ.
"އަޅުގަނޑު ގަސްދު ކުރަނީ ބަންޑާރަ ނައިބުގެ އިތުބާރު ނެތް މައްސަލަ މި ވަގުތަށް ނުހިންގަން،" ނަޝީދު ވިދާޅުވި އެވެ.
އޭޖީގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން ފުރުސަތު ނުދެއްވާތީ އެމްޑީޕީގެ މެންބަރުން އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވައި ނިޒާމީ މައްސަލަ ނަގަން ފެއްޓެވި އެވެ. ނަމަވެސް އެޖެންޑާގައި ދެން ހުރި މަސައްކަތްތަކަށް ނަޝީދު ވަޑައިގަތުމުން، އެ މެންބަރުން ތެދުވެވަޑައިގެން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަން ފެއްޓެވި އެވެ.
އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅާފައިވާތީ، އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލި ކަމަށް ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވި ނަމަވެސް އެހެން މައްސަލައެއް ކުރިއަށް ގެންދަން ނިންމެވުމުން އިތުރަށް ގޯސްވީ އެވެ. ނަޝީދު ނިންމެވީ އެ މަނިކުފާނުގެ އަރިސްބޭފުޅުން އިސްވެ އުފައްދަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްގެ މީހުންނަށް ސަރުކާރުން ބިރު ދައްކާ ކަމަށް ބުނެ މިއަދުގެ ޖަލްސާ އަށް ހުށަހަޅާފައިވާ ކުއްލި މައްސަލަ ކުރިއަށް ގެންދާށެވެ. އެ ހިސާބުން އަނެއްކާވެސް މަޖިލިހުގެ ނިޒާމު ގެއްލުނީ އެވެ.
އިދިކޮޅު މެމްބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ، އިމްތިޔާޒުގެ މައްސަލައާ ގުޅިގެން އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާކް ކުރާ ނަމަ ދެން ވެސް އެހެން މައްސަލައެއް މަޖިލިހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެމްޑީޕީގެ މެންބަރުން ވިދާޅުވީ މަޖިލީހަށް ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި އިމްތިޔާޒްގެ މައްސަލަ 48 މެންބަރުންގެ ވޯޓާއެކު ބޭރު ކޮށްލާފައު ވާތީ، އެ މައްސަލަ ކޮމިޓީގައި އޮތަސް އިތުބާރު ނެތް މައްސަލަ މަޑު ޖައްސާލާކަށް ނުޖެހޭ ކަމަށެވެ.
ނަމަވެސް އެ ވާހަކަތަކަށް ސަމާލު ކަމެއް ނުދެއްވާތީ ގާތްގަނޑަކަށް 13 މެންބަރުން މަޖިލީހުގައި ތެދުވެ އަޑުގަދަ ކުރަން ފެއްޓެވި އެވެ.
ހެނދުނު ދަންފަޅީގެ އިންޓަވަލަށް 10:30 އަށް މަޖިލިސް މެދުކަނޑާލިއިރު ޖަލްސާ އޮތީ މާ ބޮޑަށް ހޫނުވެފަ އެވެ. އިންޓަވަލަށް ފަހު، 11:00 ގައި ޖަލްސާ ފަށައި އަނެއްކާވެސް ޑިމޮކްރެޓްސްއާ ގުޅޭ މައްސަލަ ކުރިއަށް ގެންދަން ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އުޅުއްވި އެވެ. އެކަމަކު، މެމްބަރުން އެއާ ދެކޮޅަށް އަޑުގަދަ ކުރެއްވުމާ އެކު، މަޖިލިހުގެ ނިޒާމު ގެއްލުނު ކަމަށް ވިދާޅުވެ، މިއަދުގެ ޖަލްސާ އެ ހިސާބުން އަފީފް ނިންމައިލެއްވި އެވެ.
މަޖިލިހުގެ އިއްޔެގެ ޖަލްސާ ވެސް މެންދުރު 1:30 ވާން އުޅެނިކޮށް ހުއްޓާލީ ނިޒާމު ގެއްލުމުންނެވެ.
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ޗާގޯސް މައްސަލާގައި ރައީސް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
"މުގާބޭ" އަށް ގޮވައި، ޖަލްސާ ހުއްޓުވައިފި
އޭޖީގެ މައްސަލަ "ގެއްލިއްޖެ" ކަންބޮޑުވުމެއް ނެތް!
އޭޖީގެ މައްސަލާގައި ނަޝީދާ ގުޅޭ ގިނަ ޝަކުވާތަކެއް
ސުވާލު އުފެދެނީ އޭޖީގެ ދިފާއު ލިޔުމުން އެކަނި އޮތުމުން
ރިފްއަތަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފި
ޝާހިދުގެ މައްސަލާގައި ނަޝީދު ފެކްޝަނުން ސޮއެެއް ނުކުރި!
މަޖިލީހުގެ ގަވާއިދުގެ ބާގަނޑުތައް ބައްދަންޖެހޭ!
ހައްދުން ނެއްޓި، ނަޝީދުގެ އިތުބާރު އިތުރަށް ގެއްލެނީ!