13 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވި މުޅި މަޖިލީހުގެ ނިޒާމް ގަޑުބަޑުވެފައި ވަނީ ގަވައިދުގެ މައްސަލައެއް، ނުވަތަ ގަރާރުގެ މައްސަލައެއް އުޅޭތީ ނޫންކަން އެންމެންނަށް ވެސް ވަރަށް ސާފެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވި މުޅި މަޖިލީހުގެ ނިޒާމް ގަޑުބަޑުވެފައި ވަނީ ގަވައިދުގެ މައްސަލައެއް، ނުވަތަ ގަރާރުގެ މައްސަލައެއް އުޅޭތީ ނޫންކަން އެންމެންނަށް ވެސް ވަރަށް ސާފެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ނިންމައި ގާނޫނުގައި ބުނާ ގޮތަށް އެމަނިކުފާނު މަގާމުން ދުރު ކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިގެން މެޖޯރިޓީ ޕާޓީ، އެމްޑީޕީން އެ ފާސް ނުކުރެވިގެން އުޅޭތާ ފަސް މަސް ވެއްޖެ އެވެ. ކޮންމެ ފަހަރަކު އެކި މެންބަރުން އެކި ގޮތްގޮތަށް ގަވައިދު މާނަ ކޮށްގެންނާއި މަޖިލީހުގެ ނިޒާމު ގެއްލުވާލައިގެން ނުވަތަ އެހެނިހެން ގޮތްގޮތަށް ވެސް މުޅި މަޖިލިސް ބާއްވަނީ ހުއްޓުވައިފަ އެވެ.
އެންމެ ފަހުން މި މައްސަލައިގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެ މި ވަނީ، ތަފާތު ގޮތްގޮތަށް މާނަ ކުރަމުން އައި ގަވައިދު ވަރަށް ސާފުކޮށްދީފަ އެވެ.
ގާނޫނީ ތަޖުރިބާކާރުން އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމުން ޖުމްލަ ގޮތެއްގައި ބުނަނީ މަޖިލީހަކީ ހުއްޓިފައި އޮންނަން ޖެހޭ ތަނެއް ނޫން ކަމަށެވެ. އެތަނުގެ މަސައްކަތް ކުރިޔަށް ނުގޮސް، ޑެޑްލޮކަކަށް ދާ ގޮތަކަށް ގަވައިދެއް އަދި ގާނޫނެއް މާނައެއް ނުކުރެވޭނެ ކަމެވެ.
ނަޝީދު ވަކިކުރުމުގެ ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ އެއް ގޮތަށް ނޫން ކަމަށް ރިޔާސަތުން އަފީފް ނިންމެވުމާ އެކު، އެމްޑީޕީ މެމްބަރުން ރިޔާސަތު ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަނީ.
ނަޝީދުގެ އިތުބާރު ނެތް މައްސަލައޭ ހުކުމުގައި ނުބުންޏަސް އެކަންތައް ކުރިޔަށް ގެންދެވޭނެ މަގު ސުޕްރީމް ކޯޓުން ވަނީ ފަހިކޮށްދީފަ އެވެ.
އެހެން ނަމަވެސް މަޖިލީހުގައި އިއްޔެ ފެނިގެން ދިޔައީ މިހާތަނަށް ދައްކަމުން ދިޔަ "ބަހަނާތައް" މުޅިން އެހެން ލެވެލްއަކަށް ގެންދިޔަ ތަނެވެ. ގަރާރެއް ހުށަހެޅި ފޯމެޓް އާ ގުޅޭ ގޮތުން ނުވަތަ އޭގައި ދީބާޖާއެއް ލިޔެފައި ނެތް މައްސަލަ ނިޒާމީ މައްސަލައެއް ގޮތުގައި ނަގައި ރިޔާސަތުން ގަރާރު ބޭރުކޮށްލަން އަމިއްލަ އަށް ނިންމީ އެވެ.
މި މައްސަލަ ނަންގަވައި މަޖިލިސް ހަލަބޮލި ކުރަނީ ނަޝީދުގެ ލޯޔަލް މެންބަރުން އުފެއްދެވި ޑިމޮކްރެޓްސްގެ މެންބަރުންނެވެ. ނިޒާމް ގެއްލިގެން ދިޔަ އިރު އެކަމަށް ފުރުސަތު ދީގެން އިންނެވީ އެމަނިކުފާނާ އެންމެ ގާތް އެއް މެންބަރެއް ކަމަށްވާ ޑިމޮކްރެޓްސްގެ މެންބަރު ހަސަން އަފީފެވެ.
ކުއްލިއަކަށް "ނަޝީދުގެ އިތުބާރު ނެތް މައްސަލަ މިހާ ހިސާބުން ނިމުނީ" ކަމަށް ވިދާޅުވެ މޭޒުގައި ޖެއްސެވުމަށް ފަހު ޖަލްސާ ނިންމާލީ މައްސަލަ ބޭރު ނުކުރެވޭނެ ކަމަށް އަމީންއާންމު ވެސް ލަފާ ދެއްވަ ދެއްވާ ހުއްޓަ އެވެ.
"އެހެން ގޮތަކަށް ބުނާ ނަމަ އެތައް މެންބަރުން ސޮއިކޮށްގެން މަޖިލީހަށް ހުށަހެޅި މައްސަލައެއްގައި ފިއްޔެއް ނުވަތަ އަކުރެއްގެ މައްސަލައެއް އެބައިނޭ ބުނެ ރިޔާސަތުން އަމިއްލަ އަށް މައްސަލައެއް ބޭރު ކޮށްލުން ކަހަލަ ކަމެއް މިއީ؟" މެންބަރަކު އެއްސެވި އެވެ.
މި ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ އެންމެ ބޭނުމެކެވެ. ނަޝީދު މަގާމުގައި ދެމިހުންނެވުމެވެ. އެހެން ނަމަވެސް މިހާރު މި ފެންނަނީ ހައްދު ފަހަނަ އަޅައި ގޮސް ނަޝީދަށް މީގެ ކުރިން ތާއީދު ކުރަމުން އަންނަ މެންބަރުން ވެސް އެމަނިކުފާނާ ދެކޮޅަށް ތެދުވާ ތަނެވެ.
މަޖިލީހުގައި އިއްޔެ ކުއްލި މައްސަލައެއް ނަންގަވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި ނަޝީދުގެ އިތުބާރު ނެތް މައްސަލާގައި އެމްޑީޕީން ހުށަހެޅި ގަރާރުގައި ސަބަަބު ބަޔާންކޮށް ދީބާޖާ އެއް ލިޔެފައެއް ނެތެވެ. އެއީ ސިޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށް ވެސް އޭނަ ދިޔަވީ ވިދާޅުވަމުންނެވެ.
އެ މައްސަލާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އަދި "މިހާރު" އަށް ވެސް ދެއްވި އިންޓަވިއުއެއްގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި އާޒިމް ފާހަގަ ކުރައްވާ 167 ގެ ދަށުން މާނަ ކުރާ ނަމަ ބިލަކަށް އަމަލު ކުރާ އުސޫލުން ނަޝީދުގެ ގަރާރަށް ވެސް އަމަލު ކުރަން ޖެހޭނެ އެވެ.
"އެހެންވެއްޖެ ނަމަ އިތުބާރު ނެތް މައްސަލަ ތިން ކިޔުން އިއްވައި ކޮމިޓީ އަށް ފޮނުވާ ރިޕޯޓެއް މަޖިލީހަށް ވެސް ފޮނުވަން ޖެހޭނެ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު، އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަނީ.. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ.
އޭގެން ވެސް އެނގޭ ކަމަކީ ގާނޫނުއަސާސީގައި ބުނާ އިތުބާރު ނެތް މައްސަލާގެ ގަރާރުތަކަކީ 167 މާއްދާގައި ބަޔާން ކުރާ ފަދަ ގަރާރުތަކާ ތަފާތު މުޅިން އެހެން ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޒާޒް ވެސް ވަނީ އެ ވާހަކަ އަށް ތާއީދު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އާންމު ގަރާރެއް ނަމަ އެންމެ މެންބަރަކަށް ވެސް މަޖިލީހަށް ހުށަހެޅިދާނެ އެވެ. ނަމަވެސް މި ގަރާރު ތަފާތުވާ ކަމުގެ ހެއްކަކީ ގިނަ މެންބަރުންތަކެއް ސޮއި ކޮށްގެން މެނުވީ ހުށަނޭޅޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ތަފާތު ދެ ގަރާރެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން." ނިޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕާއި އަދި އެހެނިހެން ތަންތަނުގައި ނަޝީދު ވިދާޅުވާ ގޮތުން އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވިގެން އުޅުއްވަނީ އަށެއްކަ މެންބަރުންނެވެ. އެހެން ހުރިހާ އެމްޑީޕީގެ މެންބަރުން ވެސް މިހާރު އެމަނިކުފާނަށް އިތުބާރު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް "މިހާރު" އާ ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) ވިދާޅުވި ގޮތުގައި ކަން އެހެން އޮތް ނަމަ އެ މައްސަލާގައި ވޯޓެއް އަހަން އެމަނިކުފާނު ދެކޮޅު ހައްދަވަނީ ކީއްވެގެން ހެއްޔެވެ؟
އެމަނިކުފާނަކީ އަބަދުވެސް ޑިމޮކްރެސީގެ އަސާސްތަކާއި އަގުލަބިއްޔަތަށް ތަބާވާ ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށާއި ނަމަވެސް މިއަދު މި ފެންނަނީ އެއާ މުޅިން ހިލާފަށް ވޯޓެއް ނަގާލަން ބޭނުން ނުވާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދަރަޖަ އަށް ވެއްޓިދާނެ ކަމަކަށް ދުވަހަކު ވެސް ހިޔެއްނުކުރަން. ހަގީގަތުގައި އެމަނިކުފާނު މިހާރު އަމަލު ކުރައްވާ ގޮތުން މީގެ ކުރިން ތާއީދު ކުރެއްވި ބައެއް ބޭފުޅުން ވެސް ނަޝީދަށް ކުރަމުން އައި އިތުބާރު އެބަ ކުޑަވޭ,” މޯޑް ވިދާޅުވި އެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މި ކޯޅުންގަނޑުގެ ތެރޭގައި ވަރަށް ގިނަ މެންބަރުން ބައިވެރި ނުވެ ގާނޫނީ ގޮތުން މި މައްސަލާގައި ދެކޭ ވަކި އެއްޗެއް ވެސް ހާމަ ނުކޮށް ތިބެ އެވެ. އޭގެ ތެރެއިން އެއް މެންބަރަކީ ޑިމޮކްރެޓްސް އާ ވަރާށް ކައިރިން މަސައްކަތް ކުރަމުން އަންނަ އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް އެވެ.
އެހެން ނަމަވެސް އިއްޔެ ފެނިގެން ދިޔައީ މަޖިލީހުގައި އުޝާމް ވެސް ތެދުވެވަޑައިގެން ޑިމޮކްރެޓްސް އިން މިހާރު ދައްކަވާ ބަހަނާތަކާ ދެކޮޅު ހެއްދެވި މަންޒަރެވެ.
އެކަމާ ގުޅޭ ގޮތުން “މިހާރު”ން ސުވާލު ކުރުމުން އުޝާމް ވިދާޅުވި ގޮތުގައި އޭނާގެ އަބަދުވެސް އޮތް ރައުޔަކީ މަޖިލީހުގައި ޖެހިގެން އުޅެނީ ގަވައިދުގެ މައްސަލައެއް ނޫން ކަމެވެ. ދިމާވެގެން އުޅެނީ ދެ ޕާޓީއެއްގެ ދެމެދު ޖެހިގެން އުޅޭ މައްސަލައަކާ ހެދި އެކި މެންބަރުން ބޭނުންވާ ގޮތަކަށް ގަވައިދު މާނަ ކުރުމުގެ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
އެމްއެންޕީގެ ނައިބު ރައީސް އުޝާމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
މި މައްސަލައިގެ ތެރެއަށް ސުޕްރީމް ކޯޓުން ވަންނަން ޖެހުމަކީ ވެސް ލަދުވެތި ކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަދެ މިކަން ވަރަށް ބޮޑަށް ސާފު ކޮށްދިނުމުން އެއަށް ވެސް ތަބާ ނުވެ މިހިސާބަށް ކަންކަން ދިޔުން އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އިތުބާރެއް މިހާރަކު ނަޝީދަކަށް ނެތް. ނަޝީދަށް މައްސަލަތައް މިގޮތަށް ދާތީ އެއީ. ކޮންމެ ކަމެއްގައި ވެސް އޮންނަން ވާނެ ހައްދެއް," އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުތައި ދައުލަތުގެ އެއްބާރު ހުއްޓިފައި އޮތް އިރު މަޖިލީހަށް ފޮނުވާފައިވާ އެއްވެސް މަސައްކަތެއް ނުހިނގާތާ އަހަރެއް ވެއްޖެ އެވެ. ބަޖެޓާއި އެހެން އެއްވެސް މަސައްކަތެއް ނުކުރެވި އޮތް ސަބަބަކީ މަޖިލިސް ރައީސް ގަދަބާރުން އެ މަގާމުގައި އިންނަވަން ބޭނުންވުން ކަމަށް އުޝާމް ވިދާޅުވި އެވެ.
"ކޮންމެވެސް ވަރަކަށް ދޫދީގެން ތިބެވޭނީ. މިހާރު މި އޮތީ ހައްދު ފަހަނައަޅައި ގޯސް ވެފައި. އެހެންވެ މަޖިލިސް ސަލާމަތް ކުރަން ބޭނުންވާނަމަ ސްޓޭންޑެއް ނަގަން ޖެހޭ." އޭނާ ވިދާޅުވި އެވެ.
އެ މައްސަލަތަކުގެ ހައްލެއް ކަމަށް މޯޑް ވިދާޅުވި އެއް ގޮތަކީ އޭޖީގެ ލަފައެއް ހޯދުމެވެ. އެ މަސައްކަތް އެމްޑީޕީން ކުރުމުން އޭޖީ އިބްރާހިމް ރިފްއަތު ރޭ ވަނީ މަޖިލީހުގެ މަސައްކަތް ހިނގާ ގޮތާ ބެހޭ ލަފައެއް އަރުވައިފަ އެވެ.
ރިފްއަތު ރޭ ދެއްވި ލަފާގައި ބުނާ ގޮތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އަފީފް ނިންމެވީ ގާނޫނާ ހިލާފު ނިންމުމެކެވެ. އަދި ދައްކަވާ ދީބާޖާގެ ހުއްޖަތް ވެސް ރަނގަޅު ނޫނެވެ.
އޭގެ އިތުރުން މަޖިލީހުގެ ރިޔާސަތުގައި ނަޝީދުގެ ނުފޫޒު އޮތް މެންބަރަކަށް ނީންދެވޭނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
އޭގެ ބަދަލުގައި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ ބުނާ ގޮތަށް ތަރުތީބުގައި އަމީންއާންމު ދެން ހުރި މެންބަރެއް ރިޔާސަތަށް ކަނޑައަޅަން ޖެހޭނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
އޭޖީ މިހެން ވިދާޅުވި ނަމަވެސް މި މައްސަލާގައި ނިއުޓްރަލް މެންބަރުން ވެސް ދައުލަތުގެ ބަންޑާރަނައިބު މަޖިލީހަށް ލަފާ ދެއްވުމަށް ތާއީދެއް ނުކުރައްވަ އެވެ.
މަޖިލީހުގެ ކުރީގެ ޖަލްސާއެއްގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ
"ސަރުކާރުގެ ކެބިނެޓުގައި އިންނަ މިނިސްޓަރަކު ސަރުކާރު ނިސްބަތްވާ ޕާޓީ ބޭނުުންވެގެން މަޖިލިހަށް ލަފައެއް ދިނުމަކީ ރަނގަޅު ކަމެއް ނޫން."
އޭގެ ބަދަލުގައި މަޖލީހުގެ ކަންކަމުގައި ގާނޫނީ ގޮތުގައި ދޭން ޖެހޭ ލަފާ ދިނުމަށްޓަކައި ހުރިހާ މެންބަރުން ހޮވާފައި ހުންނަ ކައުންސިލް ޖެނަރަލް އާއި އެސްޖީއެއް ހުންނަ ކަމަށާއި އެ ބޭފުޅުންނަށް ގާނޫނީ ގޮތުން ހައްލެއް މިހާރު ހޯދެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން ވަރަށް ސާފުކޮށް ބުނެފައި އޮތީ. މީގެ ކުރިން އެ ބަޔަކު ބޭނުންވާ ގޮތަށް މާނަ ކުރި ނަމަވެސް ސުޕްރީމް ކޯޓުން އެ މާނަ ކޮށްދެއްވީ. ލީގަލް ޕޮޒިޝަން ވަރަށް ސާފު. އެހެންވެ މިހާ ހިސާބުން މި މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ގަބޫލެއް ނުކުރަން."
ނަޝީދަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ވެސް ބަދަލު ކުރަން ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައި ސިޔާސީ ގޮތުން އޭގެ ބޭނުން ހިއްޕަވައި ނިޒާމް ބަދަލު ކުރެވޭތޯ އުޅުއްވަ އެވެ.
އެހެން ނަމަވެސް މި ފެންނަނީ މިހާރު އޮތް މަޖިލީހުގެ ނިޒާމް ވެސް ހަރާބު ކުރައްވާ މަންޒަރެވެ. ރިޔާސަތު ދޫ ނުކުރައްވަން ތަފާތު އެކި “ބަހަނާތައް” އުފައްދަވާ ތަނެވެ.
މަޖިލީހުގެ ގަވާއިދުގެ ބާގަނޑުތައް ބައްދަންޖެހޭ!
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ނަޝީދު ވަކިކުރާ ގަރާރު މާދަމާއަށް ވެސް އެޖެންޑާކޮށްފި
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް އީވާ ނިންމަވައިފި
ގަރާރު ބޭރުކޮށްލީ އެކަން ނުކުރެވޭނެ ކަމަށް ލަފާދެނިކޮށް
ނަޝީދު ވަކިކުރާ ގަރާރު ގޯސްކަމަށް ބުނެ ބޭރުކޮށްލައިފި
ނިޒާމީ ނުކުތާ ނަގައި ނަޝީދުގެ ގަރާރަށް ހުރަސްއަޅަނީ
ހުވާ ކުރަންދެން ގަރާރަށް ހުރަސްއަޅާނެ ކަމުގެ ތުހުމަތު
ހުކުމާއެކު ނަޝީދުގެ ގަރާރު އާދީއްތައަށް އެޖެންޑާކޮށްފި