Roadha Mihaaru
ލިލީން އަމިއްލަ ފަރާތަކަށް 9 މިލިއަން ދޭން އަންގައިފި

9 މިލިއަން ރުފިޔާގެ ޗެކްތަކަށް ފައިސާ ދައްކަން ލިލީ އަށް ހުކުމްކޮށްފި

31 މެއި 2023

ލިލީ އެންޓްފްރައިސަސް އިން އަމިއްލަ ފަރާތަކާ އެކު ކުރި ފައިސާގެ މުއާމަލާތެއްގައި އޭނާ އަށް ދީފައި ހުރި ޗެކްތަކަށް ލިބެން ޖެހޭ 9.3 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ލިލީ އެންޓްފްރައިސަސް އިން އަމިއްލަ ފަރާތަކާ އެކު ކުރި ފައިސާގެ މުއާމަލާތެއްގައި އޭނާ އަށް ދީފައި ހުރި ޗެކްތަކަށް ލިބެން ޖެހޭ 9.3 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން ހުކުމްގައިވާ ގޮތުން އާސިމް އަބްދުއްރަހީމު ނަމަކަށް ކިޔާ މީހަކު ވަނީ، ލިލީ އެންޓަޕްރައިސަސް އާ އެކު އެއްބަސްވުމެއް ހަދައި، 600,000 ޑޮލަރު އެ ކުންފުންޏަށް ދީފަ އެވެ. އެއީ، އާސިމް ބުނެފައިވާ ގޮތުގައި ލިލީގެ ވިޔަފާރި އަށް އިންވެސްޓް ކުރުމަށް އޭނާ ދީފައިވާ ފައިސާ އެވެ. އެހެން ނަމަވެސް ލިލީން ކޯޓުގައި ބުނެފައި ވަނީ އެއީ ޑޮލަރުގެ މުއާމަލާތެއް ކަމަށެވެ.

ޑޮލަރެއް 15.52ރ. ގެ މަގުން ހަ ލައްކަ ޑޮލަރު ދިނުމުން ލިލީން ވަނީ އޭގެ ބަދަލުގައި 9.3 މިލިއަން ރުފިޔާ ލިބޭ ގޮތަށް އާސިމް އަށް ފަސް ޗެކް ދީފަ އެވެ. މީގެ ދެތިން އަހަރު ކުރިން ހިނގާފައިވާ އެ މުއާމަލާތުގައި ބުނާ ގޮތުން، ފައިދާގެ ގޮތުގައި ކޮންމެ މަހަކު ހަ ލައްކަ ރުފިޔާ އާސިމް އަށް ލިބެ އެވެ.

އެ އެއްބަސްވުމުގެ ދަށުން 2020 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ލިލީން ދިޔައީ އާސިމަށް ހަ ލައްކަ ރުފިޔާ ދެމުންނެވެ. އެހެން ނަމަވެސް އެ އަހަރުގެ މެއި މަހުން ފެށިގެން ލިލީން ވަނީ އެ ފައިސާ ދިނުން ހުއްޓާލައި ފައިދާ ކުޑަކޮށް، މުޅި މުއާމަލާތް ނިމުމަކަށް ގެންނަން އެދިފަ އެވެ.

ކޯޓު ހުކުމުގައިވާ ގޮތުން ނޮވެމްބަރު 2020، ގައި އާސިމް ވަނީ ލިލީ އަށް ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. އޭގައިވާ ގޮތުން، ވިޔަފާރީގެ ފައިދާއިން ބޮޑު އަދަދެއް ކެނޑުމަށް ފަހު 11.6 މިލިއަން ރުފިޔާ އެއްކޮށް ދިނުމުން އެ ދެ ފަރާތުގެ ދެމެދުގައި ހެދި އެއްބަސްވުން ނިންމާލަން އާސިމް އެދިފައިވާ ކަމަށް ހުކުމުގެ ހުލާސާގައި ވެ އެވެ.

އެ ހުށަހެޅުން ހުށަހެޅި ފަހުން ލިލީން ވަނީ ދެ ފަހަރެއްގެ މަތިން 300،000ރ. އާސިމަށް ދީފަ އެވެ. އެކަމަކު ހުށަހެޅި ގޮތާ އެއްގޮތަށް ލިލީން ކަންތައް ނުކުރުމުން އާސިމް އަނެއްކާ ވެސް ވަނީ އެންމެ ފުރަތަމަ އެއްބަސްވި ގޮތަށް އޭނާއަށް ކޮންމެ މަހަކު ވިޔަފާރީގެ ފައިދާގެ ގޮތުގައި 600،000ރ. ހޯދަން އެދިފަ އެވެ.

އާސިމް ކޯޓަށް މައްސަލަ ހުށަހެޅީ ލިލީން އާސިމަށް ދިން ޗެކްތަކުގެ ތެރެއިން އެންމެ ޗެކެއް ފިޔަވައި އެހެން އެއްވެސް ޗެކަކުން ފައިސާ ނުނެގި ޗެކް ރިޓާން ވުމުންނެވެ.

އެއީ ލިލީގެ ވިޔަފާރި އަށް ކޮށްފައިވާ އިންވެސްޓްމަންޓެއް ކަމަށް އާސިމް ކޯޓުގައި ބުނެފައި ވިޔަސް، ލިލީން ކޯޓުގައި ބުނެފައި ވަނީ އެ ކުންފުނީގެ އެއްވެސް ވިޔަފާރިއެއްގައި އިންވެސްޓްކޮށްފައި ނުވާ ކަމަށާއި އެފަދަ އެއްވެސް ފުރުސަތެއް ވެސް ދީފައިނުވާނެ ކަމަށެވެ. އެކަމަކު ލިލީން ބުނެފައިވާ ގޮތުގައި އާސިމްގެ އަތުން ޑޮލަރު މާރުކުރުމަށްޓަކައި ފައިސާގެ މުއާމަލާތްތައް ހިންގާފައިވާނެ އެވެ. ޑޮލަރު ގަތުމަށް ހިންގާ މުއާމަލާތްތަކުގައި ގެރެންޓީއެއްގެ ގޮތުގައި ޗެކު ހަވާލު ކުރާ ކަމަށާއި ޗެކް ހަވާލުކުރި ނަމަވެސް ޑޮލަރު ވިއްކާ ފަރާތްތަކުން ނަގުދު ފައިސާ ބޭނުންވާތީ، ނަގުދު ފައިސާ ވެސް ދީފައި ހުންނާނެ ކަމަށެވެ. އަދި، ނަގުދު ފައިސާ ދީފައި ބައެއް ފަހަރު ޗެކް ހަވާލު އަތުލެވިފައި ނުހުރި ހުންނަ ކަމަށާއި އާސިމްގެ އަތުގައި ހުރި ޗެކްތަކަކީ އެގޮތަށް އަތުނުލެވި ހުރި ޗެކްތަކެއް ކަމަށް ލިލީން ކޯޓުގައި ބުނެފައި ވެ އެވެ.

އެކަމަކު ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، ދެ ފަރާތުގެ ދެމެދުގައި ޗެކް ބަދަލު ކުރެވިފައި ވަނީ ވިޔަފާރީގެ ކޮން މުއާމަލާތެއްގައި ކަން ހިލާފު އުފެދިފައި ވިޔަސް އެ މުއާމަލާތް ހިނގައިފައިވާ ކަމާ މެދު ހިލާފު އުފެދިފައި ނުވާ ކަމަށެވެ. އަދި ލިލީގެ ޕޭމަންޓް ވައުޗާތަކަށް ބެލުމުން ޗެކްތަކަށް އާސިމް އަށް ފައިސާ ދިންކަން އެނގެން ނެތް ކަމަށެވެ.

މި މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ވަނީ ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް ފައިސާގެ ގެރެންޓީގެ ގޮތުގައި ދިން އެއްވެސް ޗެކަކަށް ފައިސާ ލިބިފައިނުވާތީ އެ ފައިސާ އަންނަ މަހުގެ 15ގެ ކުރިން އާސިމަށް ދިނުމަށް ލިލީ އެންޓަޕްރައިސަސް އަށް އަމުރުކޮށްފަ އެވެ.

ރާއްޖޭގެ ބިޔަ ވިޔަފާރި ކުންފުނި ލިލީ އެންޓަޕްރައިސަސް އަށް އެހެން ބަޔަކު ވިއްކި 650،000 ޑޮލަރަށް ވާ ފައިސާ ނުލިބިގެން އެ މައްސަލަ މިހާރު ވެސް ސިވިލް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ.