Roadha Mihaaru
ބަރުލަމާނީ ހުށަހެޅުމަށް ގާސިމަށް އެއްބަހެއް ނުވެވުނު

ނަޝީދުގެ ބަރުލަމާނީ ހުށަހެޅުއްވުމަށް ގާސިމަށް އެއްބަހެއް ނުވެވުނު

31 މެއި 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތްކުރުމުގެ މަޝްވަރާތަކުގައި، ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީއަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް, ރައްޔިތުންގެ ބަހެއް ނެތި މިވަގުތަށް އެއްބަސްވެވެން ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންގަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތްކުރުމުގެ މަޝްވަރާތަކުގައި، ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީއަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް, ރައްޔިތުންގެ ބަހެއް ނެތި މިވަގުތަށް އެއްބަސްވެވެން ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންގަވައިފި އެވެ.

ރައީސްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުކުންނެވުމަށް ތާއީދުކުރައްވައި ސަރުކާރު އެކުވަލާމުގެ މަޝްވަރާތައް، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދުގެ އަރިސް މެމްބަރުންނާ އެކު ވަނީ ފަށައިފަ އެވެ. މެނިފެސްޓޯ އެކުލަވާލުމާއި ދައުލަތުގެ ސިފަތަކަށް ގެންނަން ޖެހޭ ބަދަލުތަކާ ހަމައަށް ވާހަކަތައް ދިއުމުން ނަޝީދުގެ ފަރާތްޕުޅުން ވަނީ ޖުމްހޫރީ ޕާޓީއަށް ކަރުދާހެއް ހުށަހަޅުއްވައިފަ އެވެ.

އެ ކަރުދާހުގައި, ނަޝީދު އަބަދުވެސް ވަކާލާތުކުރައްވާ ބަރުލަމާނީ ނިޒާމު ގެންނެވުމަށް ހުށަހެޅުއްވި އެވެ. ދެ ލީޑަރުންގެ މަންދޫބުން ހިމެނޭ ކޮމިޓީގައި މި ކަރުދާހުގައި ހުރި ކަންކަމުގެ މައްޗަށް ވާހަކަތަކެއް ކުރިއަށް ދިޔަ އެވެ.

އޭގެ ފަހުން ގާސިމްގެ ނިންމެވުމަކީ، އޭގައިވާ ގޮތަށް ނިޒާމް ބަދަލުކުރުމުގެ މަޝްވަރާތަކެއް ރިޔާސީ އިންތިހާބުގެ ކުރިން ކުރިއަށް ނުގެންދެވުމެވެ. ނިޒާމް ބަދަލުކުރުމުގެ ހުށަހެޅުމާ ގުޅޭ ގޮތުން ގާސިމްގެ ވިސްނެވުން ހާމަކުރެއްވީ ނަޝީދުގެ ފަރާތްޕުޅުން ވަޑައިގަތް މަންދޫބުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއި ނަޝީދުގެ އަރިސް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމެއް.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއި ނަޝީދުގެ އަރިސް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމެއް.

އިތުބާރު ހުރި މަސްދަރަކުން "މިހާރު"އަށް އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާއިރު ވެސް ރައްޔިތުންގެ އެއްވެސް ބަހެއް ނެތި ބަރުލަމާނީ ނިޒާމުގެ އެއްވެސް ކަމަކަށް އެއްބަސްވުމަކީ ގާސިމް ދެކެވަޑައިގަންނަވާނާ ގޮތުގައި އޭނާއަށް ކުރެއްވޭނެ ކަމެއް ނޫނެވެ. ގައުމުގައި މިވަގުތު އޮތް ހަމަޖެހުމާއި މަސްލަހަތު ހުރި ގޮތަށް ބަލާއިރު ވެސް އިންތިހާބުގެ ކުރިން އެ ނިޒާމުގެ މަސައްކަތް ފެށުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ގާސިމް ވިދާޅުވި ކަން "މިހާރު"އަށް އެނގިފައިވެ އެވެ.

އެހެންވެ ކަރުދާހުގައި ހިމެނި ބަރުލަމާނީ ނިޒާމުގެ ވާހަތަކަށް އިންތިހާބުގެ ކުރިން "ކޮމިޓްމަންޓެއް ނުދެވޭނެ" ކަމަށް ސާފުކޮށް ގާސިމް ވިދާޅުވި އެވެ. ބަރުލަމާނީ ނިޒާމަށް ބަދަލުވުމުގެ ވާހަކަތައް ފިޔަވައި ދެން ހުރި ކަންކަމަށް އެކުގައި މަޝްވަރާކޮށް ގޮތްތަކެއް ހޯދޭނެ ކަމަށް ގާސިމް ވިދާޅުވި ކަން ވެސް މިހާރަށް އެނގިފައިވެ އެވެ.

"ރައީސް ނަޝީދާއި އޮނަރަބްލް ގާސިމް އިބްރާހިމްގެ ގުޅުން ވަރަށް ރަނގަޅު. އިންތިހާބަށް ފެށި މަޝްވަރާތައް ވެސް ހުއްޓުމެއް ނެތް. ކުރިއަށް އެބަދޭ," ޖޭޕީގެ ކައުންސިލްގެ ބޭފުޅަކު ވިދާޅުވި އެވެ.

މަޝްވަރާ ކަރުދާހުގައި ނަޝީދު ހުށަހެޅުއްވި ގޮތް:

ބޮޑުވަޒީރުގެ މަގާމު އުފެއްދުން

ބޮޑުވަޒީރު އިންތިހާބުކުރާނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވޯޓުން

ބޮޑުވަޒީރަކު މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ވޯޓުން ކަމާއި ނުވަތަ ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ކަން.

ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ މަގާމްތައް ފިޔަވައި ސަރުކާރު ހިންގުމަށް ބޭނުންވާ އޮފީސްތަކާއި އިދާރާތަކަށް ބޭނުންވާ ސިޔާސީ މަގާމްތައް އުފައްދައި އެ މަގާމްތަކަށް މީހުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާގެ މަތިން ބޮޑުވަޒީރުކަން.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލްކުރާ އަދި ސަރުކާރުގެ ފަރާތުން ޖަވާބުދާރީވާ އެންމެ އިސް ފަރާތުގެ ގޮތުން ކުރަން ޖެހޭ މަސައްކަތް ބޮޑުވަޒީރުކުރުން.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ވޯޓު ނަގަން އެ ކަރުދާހުގައި ހުށަހަޅާފައިވަނީ ރިޔާސީ އިންތިހާބުގެ ވޯޓަށް ފަހު ރައީސަކު ހުވާކުރުމާ ދެމެދު އޮންނަ މުއްދަތެވެ. ސެޕްޓެމްބަރުގައި އިންތިހާބު ބޭއްވިޔަސް ރައީސް ހުވާކުރައްވަނީ ނޮވެމްބަރު 17ގަ އެވެ.

ފެންނަ ނުފެންނަ ވޯޓު ނެގުމަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނަން އޮތީ މި މުއްދަތުގަ އެވެ. އެ ކަރުދާހުގައިވާ ގޮތުން ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުކުރަން ފާސްވެއްޖެ ނަމަ 2024 ގެ ރައްޔިތުންގެ މަޖިލިސް ބާއްވަން ޖެހޭނީ އެ ބަދަލުތަކާ އެކުގަ އެވެ.

ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތް ނަޝީދުގެ ނިންމެވުމަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ތާއީދު ނުކުރެއްވުމެވެ. މި އިންތިހާބަކީ "ގާސިމަށް ރަނުގެ ފުރުސަތެއް" ކަމަށް ވިދާޅުވެ އޭނާއަށް ތާއީދުކުރެއްވި އިރު، ގާސިމް އަބަދުވެސް ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވަކާލާތު ކުރައްވަ އެވެ.

އެކި ފަހަރުމަތިން ގާސިމް ވިދާޅުވެފައިވާ ގޮތުގައި ބަރުލަމާނީ ނިޒާމެއް ގެންނަން އުޅުނަސް އެކަން ނުކުރެވޭނެ އެވެ. އެއީ ރައްޔިތުންނަށް ފައިދާ އޮތް ނިޒާމެއް ނޫނެވެ.

ނަޝީދުގެ ޓީމުން ޖޭޕީއާ އެކު އިންތިހާބަށް މަޝްވަރާތައް ހިންގުމަށް ފަހު ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައި މަސައްކަތް ކުރިއަށް އެބަގެންދެ އެވެ. ނަޝީދާ އެކު އެމްޑީޕީއާ ފެއަށް ޖެހިވަޑައިގަތް "ފިކުރެއްގެ ދިރުމަށް" ގާނޫނީ ހައިސިއްޔަތުދީ، އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަން ވެސް އޮތީ އިއުލާންކޮށްފަ އެވެ. ޖޭޕީ އާއި ދަ ޑިމޮކްރެޓްސް އިން ވެސް ރައީސްކަމަށް ކެންޑިޑޭޓުން ނެރޭ ނަމަ ޖޭޕީ އާއި ނަޝީދުގެ ކޯލިޝަނަށް ވާނެ ގޮތަކާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

ދެ ޕާޓީން ވެސް ބުނަމުން އަންނަނީ އިންތިހާބަށް ކޯލިޝަން ހަދަން ފެށި މަޝްވަރާތަކުގައި މައްސަލައެއް ނެތް ކަމަށެވެ. އެކަން އެބަ ހިނގާ ކަމަށް ވެސް ދެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.