Roadha Mihaaru
ބީއެމްއެލް ކަސްޓަމަރުންނަށް "އޭއައި" އިން ހިދުމަތް!

ބީއެމްއެލް އިން ކަސްޓަމަރުންނަށް މައުލޫމާތުދޭން "އޭއައި" އެއް

29 މެއި 2023

ބީއެމްއެލް ކަސްޓަމަރުންނަށް އާޓިފިޝަން އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ހިދުމަތް ދޭން "ޑިޖިޓަލް ކަސްޓަމާ ކެއާ" ހިދުމަތް ތައާރަފްކުރާނެ ކަމަށް އެ ބޭންކްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލް ކަސްޓަމަރުންނަށް އާޓިފިޝަން އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ހިދުމަތް ދޭން "ޑިޖިޓަލް ކަސްޓަމާ ކެއާ" ހިދުމަތް ތައާރަފްކުރާނެ ކަމަށް އެ ބޭންކްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ކާލް ވިދާޅުވީ، ޑިޖިޓަލް ހިދުމަތްތަކުގައި ހެދޭ ކުށްތައް މަދުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މިހާރަށް ވުރެ ފަސޭހައިން ކަސްޓަމަރުންނަށް ހިދުމަތް ހޯދޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ހިދުމަތްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް ޑިޖިޓަލް ސަޕޯޓު ޕްލެޓްފޯމުތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

ކާލް ވިދާޅުވީ، އެކުންފުނިން މިއަހަރު އަލަށް 56 އޭޓީއެމް ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަލަށް ހަދާ އޭޓީއެމް އާއި ބްރާންޗުތައް ހެދުމަށް ހަމަޖެހިފައިވަނީ ދެމެހެއްޓެނިވި ހަކަތަ ބޭނުންކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް އެ ބޭންކުން އިސްނަގައިގެން ކުރަމުން އަންނަ ކަމަށެވެ.

"މި ދާއިރާއަށް ވާދަވެރިން އަންނާނެކަށް ގަބޫލުކުރަން. އެއީ ހުއްޓުވޭނެކަމެއް ވެސް ނޫން. ނަމަވެސް އަޅުގަނޑުމެން މަސައްކަތްކުރާނީ ރާއްޖޭގައި އެންމެން އިހުތިޔާރުކުރާ ބޭންކަށްވުމަށް. ރާއްޖޭގެ މާކެޓްގައި އަޅުގަނޑުމެންގެ ލިބިފައިވާ ކުރިއެރުމާއެކު އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ފުޅާކޮށް، އިތުރު އާމްދަނީ ހޯދުމަށް ބޭރުގެ މާކެޓް ތަކާއި އައު މަގުތައް ހޯދަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ކާލް ވިދާޅުވީ، ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންގެ އިތުބާރު ލިބި، ކަސްޓަމަރުންނާ މެދު އިންސާފުން ކަންކަން ކުރުމަށެވެ.