Roadha Mihaaru
ޕީއެސްޖީ ފްރާންސް ލީގުގެ އެންމެ އުހަށް

ޗެމްޕިއަންކަން ހޯދައި ޕީއެސްޖީ އިން ފްރާންސް ލީގުގެ ރެކޯޑް މުގުރާލައިފި

28 މެއި 2023

ޕެރިސް (މެއި 28) - ފްރާންސް ލީގުގައި ރޭ ރަށުން ބޭރުގައި ސްޓްރާސްބޯއާ ވާދަކުރި މެޗު 1-1 އިން އެއްވަރުކޮށް، ޕީއެސްޖީ އިން ލީގު ޗެމްޕިއަންކަން ރެކޯޑް އަދަދަކަށް ހޯދައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ޕެރިސް (މެއި 28) - ފްރާންސް ލީގުގައި ރޭ ރަށުން ބޭރުގައި ސްޓްރާސްބޯއާ ވާދަކުރި މެޗު 1-1 އިން އެއްވަރުކޮށް، ޕީއެސްޖީ އިން ލީގު ޗެމްޕިއަންކަން ރެކޯޑް އަދަދަކަށް ހޯދައިފި އެވެ.

ފްރާންސް ލީގުގެ އެންމެ އުހަށް ޕީއެސްޖީ އެރީ 11 ވަނަ ލީގު ތައްޓާ އެކު އެވެ. ލީގު ތަށީގެ ލިސްޓުގެ ދެ ވަނައިގައި އޮތީ މާސޭ އާއި ސެއިން އެޓިއެން އެވެ. އެއިން ކޮންމެ ޓީމަކުން ވެސް ޗެމްޕިއަންކަން ހޯދާފައި ވަނީ 10 ފަހަރު އެވެ.

ޕީއެސްޖީ އިން މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދީ ބާކީ އެއް މެޗު އޮއްވަ އެވެ. އެ ޓީމަށް 85 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ލެންސްގެ ޕޮއިންޓަކީ 81 އެވެ. ލެންސް ރޭ ވަނީ އަޖޭސިއޯއާ ވާދަކުރި މެޗުން 0-3 އިން މޮޅުވެފަ އެވެ.

މެޗަށް ނުކުތްއިރު ޗެމްޕިއަންކަން ކަށަވަރުކުރަން ޕީއެސްޖީ އަށް ބޭނުންވީ ޕޮއިންޓެކެވެ. މެޗުގައި ޕީއެސްޖީގެ ހަމައެކަނި ގޯލް 59 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭގެ އެހީގައި ޖެހީ ލިއޮނެލް މެސީ އެވެ. މެސީ ވަނީ މި ސީޒަނުގެ ލީގުގައި 16 ލަނޑު ޖަހައި އިތުރު 16 ގޯލު ޖަހަން އެހީތެރިވެފަ އެވެ.

ރޭގެ ގޯލާ އެކު މެސީ ވެފައި ވަނީ ޔޫރަޕްގެ ފަސް ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަށެވެ. މެސީ 496 ވަނަ ގޯލް ރޭ ޖެހިއިރު، ކުރިން އެ ރެކޯޑް އޮތީ 495 ގޯލު ޖަހައިފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ.

ޕީއެސްޖީ މޮޅުވާން ދަނިކޮށް ސްޓްރާސްބޯއާގެ ގޯލު 79 ވަނަ މިނިޓުގައި ޖެހީ ކެވިން ގަމެއިރޯ އެވެ. ޕީއެސްޖީ އަތުން ހޯދި ޕޮއިންޓާ އެކު ސްޓްރާސްބާއޯ ވަނީ ރެލިގޭޝަނުން ސަލާމަތް ވެފަ އެވެ.

ޗެމްޕިއަންކަން ލިބުނަސް ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ މަގާމުގައި ބަހައްޓާނެ ކަމަކަށް ނުބެލެވެ އެވެ. ގަލްޓިއޭ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވީ މި ސީޒަން ފެށުނުއިރު އެވެ.

އޭނާ ވަނީ 2020/2021 ވަނަ ސީޒަނުގައި ޕީއެސްޖީ ފަހަތަށް ޖައްސާލައި ލިލް އަށް ފްރާންސް ޗެމްޕިއަންކަން ހޯދައިދީފަ އެވެ. ޕީއެސްޖީ އަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުރިއަށް ނުދެވުމުން ކޯޗު ގަލްޓިއޭ އަށް ޕްރެޝަރު ކުރިމަތިވި އެވެ.

މެޗަށް ފަހު ގަލްޓިއޭ ބުނީ ޖަރުމަން ލީގުގެ ޗެމްޕިއަންކަން ބެޔާން މިއުނިކް ހޯދި ގޮތަށް ބަލާއިރު ޔޫރަޕްގެ ލީގެއް ކާމިޔާބު ކުރުމަކީ ފަސޭހަކަމެއް ނޫންކަން އެނގޭނެ ކަމަށެވެ.

"މިއީ ލީގު ޗެމްޕިއަންކަން ކަށަވަރުކުރި މެޗެއް. ޕީއެސްޖީ ވިޔަސް ފަސޭހައިން މެޗުން މޮޅުވާނެ ކަމަށް ދެކޭކަށް ނުވާނެ. އަހަރެން ބެލިން ޖަރުމަނު ލީގު ނިމިގެން ދިޔަގޮތް. އެއްވެސް ލީގެއް ކާމިޔާބު ކުރުމަކީ ފަސޭހަކަމެއް ނޫން،" ޗެމްޕިއަންކަން ހޯދުމަށް ފަހު ގަލްޓިއޭ ބުނެފައި ވެ އެވެ.