Roadha Mihaaru
ޕީއެސްއެމްއިން އަލުން މަޖިލިސް ލައިވްކުރަން ނިންމައިފި

ފާޑުކިޔުން އަމާޒުވުމުން މަޖިލީހުގެ ޖަލްސާތައް ލައިވްކުރަން ޕީއެސްއެމް އިން ނިންމައިފި

25 މެއި 2023

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މަޖިލީހުގެ ޖަލްސާތައް ވަގުތުން ދެއްކުން ހުއްޓާލުމުން ފާޑުކިޔުން އަމާޒުވުމާ އެކު އެ ނިންމުން ބަދަލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މަޖިލީހުގެ ޖަލްސާތައް ވަގުތުން ދެއްކުން ހުއްޓާލުމުން ފާޑުކިޔުން އަމާޒުވުމާ އެކު އެ ނިންމުން ބަދަލުކޮށްފި އެވެ.

ޖަލްސާތައް ވަގުތުން ދެއްކުން އިއްޔެ ހުއްޓާލައި މަޖިލިސް އޮތް ގަޑިތަކުގައި އެ ޗެނަލުން ގެނެސްދިނީ ކުރިން ދައްކާފައި ހުރި ބައެއް ޕްރޮގްރާމްތަކެވެ.

ޖަލްސާތައް ދެއްކުން ހުއްޓާލީ ވަގުތީގޮތުން ކަމަށް މިއަދު ހެނދުނު ޕީއެސްއެމް އިން ބުންޏެވެ.

ޕީއެސްއެމްގެ ނިންމުމަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެތަނުގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު "މިހާރު" އަށް ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ވަގުތުން ދައްކަން މިހާރު ނިންމާފައިވާ ކަމަށެވެ.

ޕީއެސްއެމް އިން މަޖިލީހުގެ ޖަލްސާތައް ވަގުތުން ދެއްކުން ހުއްޓާލިކަން "މިހާރު" އިން ރިޕޯޓުކުރި ޚަބަރު ރިޓްވީޓްކުރައްވައި މަޖިލީހުގެ ނައިބް ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރައްޔިތުން ވޯޓު ދީގެން ހޮވި މެންބަރުން ދައްކާ ވާހަކަތަކާއި ވޯޓު ދޭ ގޮތް ބެލުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެ ކަމަށެވެ. އެހެންވެ އެކަން ބެލުމާއި ނުބެލުން ބާއްވަން ޖެހޭނީ ރައްޔިތުންގެ އިހުތިޔާރެއްގެ ގޮތުގައި ކަމަށް އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ މީޑިއާ ބޭނުން ކުރަނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޕްރޮޕަގެންޑާ މެޝިނެއްގެ ގޮތުގައި ކަމަށެވެ.

ޕީއެސްއެމްގެ އެމްޑީ އަލީ ހާލިދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ވަގުތުން ދެއްކުން މެދުކަނޑާލަން ނިންމީ ޖަލްސާތަކުގެ ބަހުސްތައް ހޫނުވެ، ބޭނުންކުރާ ބަސްތަކުގެ ގޮތުން ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރަށް ވުރެ ވެސް މާ ހޫނުވެގެން ދިޔަ އިރު މީގެ ކުރިން ވެސް ލައިވް ކުރަމުން ގެންދިޔަ އެވެ. އަދި ބައެއް އެހެން ޗެނަލްތަކުން ކުޑަ ޑިލޭއަކާ ވެސް މަޖިލިސް ލައިވް ކުރަމުން ގެންދިޔަ އެވެ.