Roadha Mihaaru
ކައުންސިލުން ބޮޑު އީދުގައި 100 ބަކަރި ކަތިލަނީ

މާލޭ ސިޓީ ކައުންސިލުން ބޮޑު އީދުގައި 100 ބަކަރި ކަތިލަނީ

25 މެއި 2023

މި އަހަރުގެ ބޮޑު އީދުގައި 100 ބަކަރި ކަތިލައި އާންމުންނަށް ހަދިޔާކުރަން މާލޭ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ ބޮޑު އީދުގައި 100 ބަކަރި ކަތިލައި އާންމުންނަށް ހަދިޔާކުރަން މާލޭ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

ކައުންސިލްގެ މި ހަފުތާގެ އާންމު ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިދިޔަ އަހަރުގެ ބޮޑު އީދުގައި އުރީދޫއާ ގުޅިގެން ކުޑަ ސްކޭލެއްގައި އުލްހިޔާ ކަތިލުމުގެ މަސައްކަތް ކުރި ކަމަށެވެ. އެކަމަކު، އޭގެ ބަދަލުގައި މި އަހަރު ގިނަ ސްޕޮންސަރުން ހޯދައިގެން ވަރަށް ފުޅާކޮށް އެކަން ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ، މި އަހަރުގެ ބޮޑު އީދުގައި 100 ބަކަރި ކަތިލަން ސިޓީ ކައުންސިލުން ޕްލޭން ކޮށްފައިވާ ކަމަށެވެ.

"ސިޓީ ކައުންސިލުން ޕްލޭންކޮށްފައި އޮތީ 100 ބަކަރި ކަތިލަން. ކަތިލައިފައި މާލެ ސިޓީ ރައްޔިތުންނަށް ބެހުމަށް. އޭގެ ތެރޭގައި ކުޑަކުދިންގެ ހިޔާ ކަހަލަ ތަންތަން ހިމެނޭ ގޮތަށް މިކަން ޕްލޭން ކުރެވިފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ފައްޓައިގެން މި އުޅެނީ ސްޕޮންސާގެ ގޮތުގައި، ފައިސާގެ އެހީ ލިބޭތޯ."

އެ ހަރަކާތް ކުރިއަށް ގެންދިއުމަށް އިއްޔެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ މަހު 28 އެވެ.