Roadha Mihaaru
އަންޗެލޮޓީ ކޯޗު ކަމުގައި ބަހައްޓަން ރެއާލުން ނިންމައިފި

އަންޗެލޮޓީ ކޯޗު ކަމުގައި ބަހައްޓަން ރެއާލުން ނިންމައިފި

21 މެއި 2023

މި ސީޒަނަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލާނެ ކަމަށް ބެލެވުނު ކޯޗު، ކާލޯ އަންޗެލޮޓީ އިތުރު މުއްދަތަކަށް އެ މަގާމުގައި ބަހައްޓަން ރެއާލް މެޑްރިޑުން ނިންމައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މި ސީޒަނަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލާނެ ކަމަށް ބެލެވުނު ކޯޗު، ކާލޯ އަންޗެލޮޓީ އިތުރު މުއްދަތަކަށް އެ މަގާމުގައި ބަހައްޓަން ރެއާލް މެޑްރިޑުން ނިންމައިފި އެވެ.

އަންޗެލޮޓީ ރެއާލްއާ އެކު ހަދައިފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ސީޒަން ނިމުމުންނެވެ. އެކަމަކު މި ސީޒަން ނިމުމުން އޭނާ ރެއާލް ދޫކޮށް ބްރެޒިލްގެ ކޯޗުކަމާ ހަވާލުވާން އުޅޭ ކަމަށް މީޑީއާތަކުން ރިޕޯޓް ކުރި އެވެ.

މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން 1-5 ގެ އެގްރިގޭޓުން ބަލިވެ ރެއާލް ކެޓި މެޗަށް ފަހު އަންޗެލޮޓީ ޓީމުގެ ކޯޗުކަމުގައި ބަހައްޓާނެތޯ ސުވާލު އުފެދުނެވެ. އެކަމަކު އަންޗެލޮޓީ ވަނީ އޭނާ ކްލަބްގައި ބަހައްޓަން ނިންމާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

"އަހަރެން ރެއާލްގެ ރައީސް [ފްލޮރެންޓީނޯ ޕެރޭޒް] އާ ބައްދަލުކޮށްފިން އަދި އަހަރެން ރެއާލްގެ ހުންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދީފަ. މި ޕްރޮޖެކްޓްގައި މަސައްކަތް ކުރާނީ އެންމެން އެއްކޮށް. މި ތިބީ އިތުރު ތަށިތަކަށް ބޭނުން ވެފަ" އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ އެންމެ ފުރަތަމަ ރެއާލްގެ ކޯޗުކަން ކުރީ 2013 އިން 2015 އަށެވެ. އެ ފަހަރު ރެއާލަށް ޗެމްޕިއަންސް ލީގު 2014 ވަނަ އަހަރު ކާމިޔާބު ކޮށްދިނެވެ. ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލްގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުގެ ޖޫން މަހު އެވެ. އަންޗެލޮޓީގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ރެއާލުން 14 ވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ.

ޗެމްޕިއަންސް ލީގުގެ އިތުރުން އަންޗެލޮޓީ ވަނީ ރެއާލްއާ އެކު ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕްގެ އިތުރުން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފަ އެވެ.

"މިއީ ގޯސް ސީޒަނެއް ނޫން. އެކަމަކު މިއަށް ވުރެ ރަނގަޅު ކުރެވުނީސް. ހާއްސަކޮށް ލީގުގައި ނެރުނު ނަތީޖާއާ މެދު ހިތްހަމައެއް ނުޖެހޭ" ކުރިން އޭސީ މިލާން އާއި ޗެލްސީ އަދި އެވަޓަން އަށް އިރުޝާދު ދިން ކޯޗު ބުންޏެވެ.

މި ސީޒަނުގެ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ބާސެލޯނާ މިހާރު ވަނީ ކަށަވަރުކޮށްފަ އެވެ. ލީގުގައި ރެއާލް އަށް ބާކީ ހަތަރު މެޗު އޮތްއިރު މިރޭ ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ. ވެލެންސިއާ ދަނޑުގައި އެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:30 ގަ އެވެ.