Roadha Mihaaru
ވިޕާ ޚިލާފުވި މެމްބަރުންނަށް ވަކިކުރަން ފަހު އިންޒާރު

ވިޕާ ތަކުރާރުކޮށް ޚިލާފުވި މެމްބަރުންނަށް ވަކިކުރާނެ ކަމުގެ ފަހު އިންޒާރު

16 މެއި 2023

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕާ ތަކުރާރުކޮށް ޚިލާފުވި ހަތަރު މެމްބަރަކަށް ޕާޓީން ވަކިކުރާނެ ކަމުގެ ފަހު އިންޒާރު ދޭން ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕާ ތަކުރާރުކޮށް ޚިލާފުވި ހަތަރު މެމްބަރަކަށް ޕާޓީން ވަކިކުރާނެ ކަމުގެ ފަހު އިންޒާރު ދޭން ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގައި ނަގާ ވޯޓުތަކަށް ތްރީ ލައިން ވިޕް ނެރެފައި ވަނިކޮށް ޚިލާފުވާ މައްސަލާގައި ފިޔަވަޅު އަޅައިދޭން އެދުނީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށެވެ.

ކޮމިޓީން މި މައްސަލަތައް ބެލުމަށް ފަހު ނިންމީ ޕާޓީ ވަކިކުރުމުގެ ކުރިން އެންމެ ފަހުގެ ފުރުސަތު ދޭން ކަމަށް ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއުލާންކުރެއްވި "ފިކުރެއްގެ ދިރުން" މެމްބަރުންތަކެއް ވިޕްލައިނާ ޚިލާފުވަމުންދާތީ، މީގެ ކުރިން ވެސް ވަނީ ނަސޭހަތްދީ ސިޓީ ފޮނުވައިފަ އެވެ. އޭގެތެރޭގައި އެ ފެކްޝަނުގައި ސަރުކާރަށް ފާޑުވިދާޅުވާ 13 މެމްބަރުންގެ ތެރެއިން ގިނަ ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވަ އެވެ.

ވިޕާ ހިލާފުވުމުން އެމްޑީޕީން އަޅާ ފިޔަވަޅުތައް

- ފުރަތަމަ ނަސޭހަތް ދިނުން.

- ދެ ވަނަ ފަހަރަށް ނަސޭހަތްދީ، މާފަށް އެދެން އެންގުން.

- ތިން ވަނަ ފަހަރަށް ނަމަ ޕާޓީން ދޭ އިނާޔަތްތައް ކަނޑާލުން. އޭގެތެރޭގައި ދަތުރުތައް ފަދަ ކަންކަން ހިމެނޭ.

- ހަތަރު ވަނަ ފަހަރު ނަމަ ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ ވަކިކުރުން. އަދި އިންތިހާބެއްގައި ކުރިމަތިލުން އަހަރަކަށް މަނާކުރުން.

- ފަސް ވަނަ ފަހަރު ނަމަ ޕާޓީން ވަކިކުރުން.

ހަތަރު މެމްބަރަކަށް ފަހު އިންޒާރު ދޭން ނިންމިއިރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިވެއްޖެ ކަަމަށް ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އޭނާއަށް ކުރިއަށް އޮތް ފަސް އަހަރު ޕާޓީގެ އެއްވެސް މަގާމެއްގައި ވާދައެއް ނުކުރެއްވޭނެ އެވެ. އެއް އަހަރު ވަންދެން ޕާޓީއާ ގުޅިވަޑައިނުގެންނެވޭނެ އެވެ. އަހަރެއްހާ ދުވަސް ފަހުން އަލުން ގުޅިވަޑައިގަންނަވާ ނަމަ ސައްހަ 100 މެމްބަރުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ.