Roadha Mihaaru
ޒަވީ އާއެކު ބާސެލޯނާއިން ސްޕެނިޝް ލީގު ކާމިޔާބު ކޮށްފި

ޒަވީގެ ކޯޗުކަމުގައި ބާސެލޯނާއިން ސްޕެނިޝް ލީގު ކާމިޔާބު ކޮށްފި

15 މެއި 2023

ބާސެލޯނާ (މެއި 15) - އެސްޕަނިޔޯލް އަތުން 4-2 އިން މޮޅުވެ 2022/2023 ސްޕެނިޝް ލީގު ސީޒަންގެ ޗެމްޕިއަންކަން ބާސެލޯނާ އިން ހޯދައިފި އެވެ.

ބާސެލޯނާ (މެއި 15) - އެސްޕަނިޔޯލް އަތުން 4-2 އިން މޮޅުވެ 2022/2023 ސްޕެނިޝް ލީގު ސީޒަންގެ ޗެމްޕިއަންކަން ބާސެލޯނާ އިން ހޯދައިފި އެވެ.

ރޭގެ މެޗަށް ބާސެލޯނާ ނުކުތްއިރު ވެސް މޮޅުވެގެން ޗެމްޕިއަންކަން އޮތީ ކަށަވަރު ވާށެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ބާކީ ހަތަރު މެޗު އޮއްވަ އެވެ. ސްޕެނިޝް ލީގްގެ 34 މެޗުން 85 ޕޮއިންޓް ބާސެލޯނާ ހޯދާފައިވާއިރު ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 34 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. ބާކީ މެޗުތަކުން ރެއާލް މޮޅުވިޔަސް ބާސެލޯނާއާ އަރައި ހަމައެއް ނުކުރެވޭނެ އެވެ.

ކޯޗު ޒަވީ ހެނާންޑޭޒްގެ ފުރަތަމަ ފުލް ސީޒަނުގައި ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ކާމިޔާބުކުރީ މެދުކެނޑުމަކަށް ފަހު އެވެ. މި ސީޒަނުގެ ކުރިން ބާސެލޯނާ އަށް ލީގު ޗެމްޕިއަންކަން ލިބުނީ 2018/2019 ސީޒަނުގަ އެވެ. ޒަވީ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ ނޮވެމްބަރު 2021 އިގަ މަހު އެވެ.

މެޗުގެ ފުރަތަމަ ހާފު ބާސެލޯނާ ނިންމާލީ ތިން ގޯލުގެ ލީޑަކާ އެކު އެވެ. އެ ޓީމުގެ ދެ ގޯލު ރޮބާޓް ލެވަންޑޯސްކީ ޖެހި އިރު އަނެއް ގޯލު ފުރަތަމަ ހާފުގައި ޖެހީ އަލެހަންޑްރޯ ބަލްޑޭ އެވެ. ދެ ވަނަ ހާފުގައި ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖެހީ ޖޫލްސް ކޫންޑޭ އެވެ. މެޗުގެ ފަހުކޮޅު އެސްޕަނިޔޯލުން ވަނީ ކުޅުން ރަނގަޅުކޮށް ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ހާވިއޭ ޕުއާޑޯ ޖެހިއިރު ފަހު ގޯލު އިތުރު ވަގުތުގައި ޖެހީ ހޮސެލޫ އެވެ.

ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ފަހު، ބާސެލޯނާގެ ސަޕޯޓަރުން ދަނޑުމަތީގައި އުފާފާޅުކުރި ވަގުތު އެސްޕަނިޔޯލްގެ ބައެއް ސަޕޯޓަރުން ވަނީ ދަނޑަށް އަރައިފަ އެވެ. އެކަމަކު، އެ ވަގުތު ބާސެލޯނާގެ ކުޅުންތެރިން ވަނީ ދަނޑު ދޫކޮށް ގޮސްފަ އެވެ.

އެ ޓީމަށް ލީގު ޗެމްޕިއަން ޓްރޮފީ ހަވާލުކުރާނީ އަމިއްލަ ދަނޑުގައި ކުޅޭ ފަހު ދެ މެޗުގެ ތެރެއިން މެޗެއްގަ އެވެ. ފަހު ދެ މެޗުގައި ސަޕޯޓަރުން ކުރިމަތީ ބާސެލޯނާ ނުކުންނާނީ ރެއާލް ސޮސިއެޑާޑް އަދި މަޔޯކާއާ ދެކޮޅަށެވެ. މަޔޯކާއާ ދެކޮޅަށް ލީގު ފަހު މެޗު ބާސެލޯނާ ކުޅޭނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ލީގު ޗެމްޕިއަންކަން ހޯދުމަކީ ބާސެލޯނާގެ ކޯޗުކަމުގައި ޒަވީ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. މި ސީޒަނުގައި ބާސެލޯނާ އިން ވަނީ ރެއާލް މެޑްރިޑް ބަލިކޮށް ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޒަވީ ވަނީ ބާސެލޯނާގައި 17 އަހަރު ހޭދަކޮށް އަށް ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފަ އެވެ.

މި ސީޒަނަށް ފަހު ބާސެލޯނާގެ ދަނޑު އަލުން ތަރައްގީ ކުރަން ނިންމާފައިވާތީ އަންނަ ސީޒަނުގައި އެ ޓީމުގެ ހޯމް މެޗުތައް ކުޅޭނީ އެ ސިޓީގައި އޮންނަ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ. ދަނޑު ތަރައްގީ ކުރުމަށް ފަހު، ބާސެލޯނާ ނޯ ކޭމްޕް ސްޓޭޑިއަމަށް އެނބުރި އަންނާނީ 2024/2015 ސީޒަނުގަ އެވެ. އެހެންވެ، މަޔޯކާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ފަހު ބާސެލޯނާގެ އުފާފާޅުކުރުންތައް ނޯ ކޭމްޕް ސްޓޭޑިއަމްގައި ސަޕޯޓަރުން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.