Roadha Mihaaru
ގެޓަފޭއާ ވެސް އެއްވަރު، ޒަވީ އަށް ގޯސްވީ ދަނޑު

ގެޓަފޭއާ ވެސް އެއްވަރު، ޒަވީ އަށް ގޯސްވީ ދަނޑު

17 އެޕްރީލް 2023

ގެޓަފޭ (އޭޕްރީލް 16) - ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ގެޓަފޭ ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވުމުން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އަށް ގެޓަފޭގެ ދަނޑުގެ ވިނަގަނޑު މައްސަލައަކަށް ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގެޓަފޭ (އޭޕްރީލް 16) - ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ގެޓަފޭ ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވުމުން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އަށް ގެޓަފޭގެ ދަނޑުގެ ވިނަގަނޑު މައްސަލައަކަށް ވެއްޖެ އެވެ.

ޒަވީ ބުނީ ހިކިފައި އޮތް ވިނަ ދަނޑެއްގައި ކުޅެން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށާއި އެއިން ގެއްލުންވަނީ ހަމައެކަނި ބާސެލޯނާއަށް އެކަނި ނޫން ކަމަށެވެ.

"އިއްޔެ އަހަރެމެން ފަރިތަކުރުން ކުރިއަށް ގެންދިޔައީ ބާސެލޯނާގައި އޮތް ޑްރައި ޕިޗެއްގައި. ވިނަތަކުން ވަރަށް ތަދުވޭ. އަހަރެމެންނަށް އެކަންޏެއް ނޫން މިއިން ގެއްލުން ވަނީ، ގެޓަފޭއަށް ވެސް. ބަލާބަލަ މުނީރު [އަލް ހައްދާދީ]، އޭނާއަށް ހަމަލާއެއް ފޮނުވާނުލެވުނު،" މެޗަށް ފަހު ޒަވީ ބުންޏެވެ.

"މިއާ ގުޅިގެން އަހަރެންނަށް ފާޑުކިޔުން އާދޭ އަބަދުވެސް. އެކަމަކު ދަނޑުގެ ހާލަތު އެހާ ރަނގަޅެއް ނޫން. ވިނަގަނޑު އޮތީ ހިކިފައި. އެކަމަކު އެއީ އުޒުރެއް ނޫން، އަހަރެމެންނަށް ރަނގަޅަށް ނުކުޅެވުނީ. އެއްވަރު ވުމަކީ އެހާ ގޯސް ނަތީޖާއެއް ނޫން އެކަމަކު އަހަރެމެންގެ ކުޅުންތެރިންގެ ކޮންފިޑެންސް ގެންނަން ޖެހޭ."

މީގެ އިތުރުން ޓީމުގެ ކުޅުންތެރިންގެ އަނިޔާގެ މައްސަލަތައް ވެސް ޒަވީ ފާހަގަ ކުރި އެވެ. އޭނާ ބުނީ އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރެއިން ދެތިން ކުޅުންތެރިން ވީހާވެސް އަވަހަކަށް އަލުން ޓީމާ ގުޅޭނެ ކަމަށް އުންމީދު ކުރާކަމަށެވެ. މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ބާސެލޯނާގެ ސާޖި ރޮބާޓޯގެ ހޭމްސްޓްރިންގަށް އަނިޔާވެގެން ބަދަލު ކުރަން ވެސް ޖެހުނެވެ.

ގެޓަފޭއާ އެއްވަރު ވުމުން، އެންމެ ފަހުން ބާސެލޯނާ ކުޅުނު ތިން މެޗުވެސް ނިމުނީ އެ ޓީމަށް ލަނޑެއް ނުޖެހި އެވެ. މި މަހު ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލް ފަހު ލެގުގައި 4-0 އިން ރެއާލް މެޑްރިޑް އަތުން ބަލިވި މެޗަށް ފަހު، ލީގުގައި މިދިޔަ ހަފްތާ ގިރޯނާއާ ވާދަކޮށް ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މެޗުގެ ނަތީޖާ އެއްވަރު ވިއަސް ބާސެލޯނާ އޮތީ 11 ޕޮއިންޓުގެ ލީޑެއްގައި ލީގުގެ އެއް ވަނައިގަ އެވެ. މިހާތަނަށް ކުޅުނު 29 މެޗުން ބާސެލޯނާ އަށް 73 ޕޮއިންޓް ލިބިފައި ވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 29 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ.

ގެޓަފޭގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ގާތްގާތުގައި ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒު ވެފަ އެވެ. ގޯލް ކީޕަރު މާކް އަންޑްރޭ ޓާ ސްޓޭގަން ފޮނުވާލި ގޯލްކިކެއް ހޯދައި ރަފީނިއާ ފޮނުވާލި ބޯޅަ ގޯލު ދަނޑިއަށް އަމާޒު ވިއިރު ރީބައުންސް ވެފައި އައި ބޯޅަ އަލެހަންޑްރޯ ބަލްޑޭ ފޮނުވާލުމުން ވެސް ޖެހުނީ ދަނޑީގަ އެވެ.

ފަހު ހާފުގައި ވެސް ރަފީނިއާ ގޯލު ޖެހުމާ ގާތަށް ދިޔަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގެޓަފޭގެ ކީޕަރު ޑޭވިޑް ސޮރިއާ ވަނީ ދިފާއު ކޮށްފަ އެވެ.