Roadha Mihaaru
އަމީނީމަގުގެ ތާރު އަޅާ މެޝިން ހުޅުމާލޭގައި ބަހައްޓައިފި

އަމީނީ މަގުގައި ތާރު އަޅަން އާރުޑީސީން ގެނައި މެޝިން ހުޅުމާލޭގައި ބަހައްޓައިފި

11 މެއި 2023

އަމީނީ މަގުގައި ތާރު އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ގެނައި ތާރު މެޝިން ހުޅުމާލޭގައި ބަހައްޓައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަމީނީ މަގުގައި ތާރު އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ގެނައި ތާރު މެޝިން ހުޅުމާލޭގައި ބަހައްޓައިފި އެވެ.

އާރުޑީސީގެ ތާރު މެޝިން ބަހައްޓާފައި ވަނީ ހުޅުމާލެ 2 ގެ ބިމެއްގަ އެވެ. އެ ކުންފުނީގެ ބަހެއް އަދި ނުލިބޭތީ އިތުރު ތަފުސީލު ލިބޭ ގޮތެއް ނުވި އެވެ.

އަމީނީ މަގުގައި ތާރު އެޅުން ލަސްވެ، އާންމުންގެ ޝަކުވާ ބޮޑުވުމުން އާރުޑީސީން ކުރިން ބުނެފައިވާ ގޮތުގައި، އެ މަސައްކަތް ލަސްވަނީ ތާރު މެޝިން ބަހައްޓާނެ ތަނެއް މާލެއިން ނުލިބިގެންނެވެ. އާރުޑީސީ އަށް ބިން ހަމަނުޖެހިގެން އެންމެ ފަހުން އަމީނީ މަގުގެ ފުރަތަމަ ތިން ސެގުމަންޓުގައި ތާރު އަޅައި ދިނީ ވެސް އެމްޓީސީސީންނެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސްޓެލްކޯ އިމާރާތާ ކައިރިން ފެށިގެން ބިލަބޮންގް ސްކޫލާ ހަމައަށް މިހާރު އެ މަގު އޮތީ ބަންދުކޮށްފަ އެވެ. މަގުގެ އަޑިން ކުރަން ޖެހޭ މަސައްކަތްތައް އެއްކޮށް ނިންމާލައި، މި މަހު ފަހުކޮޅު އެ ހިސާބުގައި ތާރު އަޅަން ފަށާނެ ކަމަށް އާރުޑީސީން ބުނެފައި ވެ އެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.