30 އެޕްރީލް 2023
ހަތިޔާރު އަޅައިގެން ހުރި މީހަކު، އެމެރިކާގެ ޓެކްސަސްގައި ހުރި ގެއެއްގެ ތެރެއަށް ވަދެ ބަޑި ޖަހައި، އެ ގޭގެ ކުޑަކުއްޖަކާއި އިތުރު ހަތަރު މީހަކު މަރާލައިފި އެވެ.
ހަތިޔާރު އަޅައިގެން ހުރި މީހަކު، އެމެރިކާގެ ޓެކްސަސްގައި ހުރި ގެއެއްގެ ތެރެއަށް ވަދެ ބަޑި ޖަހައި، އެ ގޭގެ ކުޑަކުއްޖަކާއި އިތުރު ހަތަރު މީހަކު މަރާލައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި މި ހާދިސާ އަށް ފަހު، އެ ގޭ ތެރެއަށް ވަދެ ބަޑި ޖެހި މީހާ ފިލައިގެން އުޅޭތީ، އޭނާއާ މެދު ސަމާލުވެ ތިބުމަށް އެ ސަރަހައްދުގެ އާންމު ރައްޔިތުންނަށް ފުލުހުން ވަނީ އަންގައިފަ އެވެ. ހަތިޔާރާ އެކުގައި އޭނާ ފިލައިގެން އުޅޭއިރު، އޭނާ ހޯދުމުގައި އެ ސަރަހައްދުގެ ފުލުހުންގެ އިތުރުން، އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި ގެ އޮފިސަރުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ފެށުނީ، ފްރަންސިސްކޯ އޮރޮޕޭޒާ، 38، އޭނާ ދިރިއުޅޭ ގޯތިތެރޭގައި ހުރެގެން ވައިގެ ތެރެއަށް ބަޑި ޖަހަން ފެށުމުންނެވެ. އެ ވަގުތަކީ ޖެހިގެން ހުރި ގޭގައި ކުޑަ ކުއްޖަކު ނިންދަވަން އުޅުނު ގަޑިއެއް ކަމުން، ބަޑި ޖަހާ އަޑާ ހެދި އެ ކުއްޖާ އަށް ނުނިދިގެން އުޅޭތީ، އެ ގޮތަށް އެކަން ނުކުރުމަށް އެ ގޭގެ މީހުން، ފްރަންސިސްކޯގެ ކިބައިން އެދުނެވެ.
ބަޑި ޖެހުން ހުއްޓައިލުމަށް އެ ގޭގެ މީހުން އެދުމުން، "އަހަރެންގެ ގޭގެ ގޯތި ތެރޭގައި އަހަރެން ބޭނުން ކަމެއް ކުރާނަން" ކަމަށް ބުނެ، ބަނގުރަލުގެ މަސްތުގައި ހުރި ފްރަންސިސްކޯ ރައްދު ދިނެވެ. އެއަށް ފަހު އޭނާގެ އަތުގައި އޮތް ބަޑި ހިފައިގެން އެ ގޭގެ ދޮރު ކައިރިއަށް ގޮސް، ގަދަކަމުން އެ ދޮރު ހުޅުވައި ގޭތެރެއަށް ވަދެ ގޭގެ ކޮޓަރިތައް ވެސް ހުޅުވައި ކޮޓަރިތަކަށް ބަޑި ޖަހަން ފެށި އެވެ.
އެ ހާދިސާގެ ޚަބަރު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް އެ ގެ ބެލި އިރު، އެ ގޭގެ އެކި ކޮޓަރިތަކުން މަރުވެފައި ތިބި ހަތަރު މީހަކާއި ކުޑަ ކުއްޖަކު ފެނުނެވެ. މަރުވި މީހުންގެ ތެރޭގައި ދެ އަންހެނުން ވެސް ހިމެނެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ދެ އަންހެނުން މަރުވެފައިވަނީ، ބަޑި ޖެހި މީހާގެ ހަމަލާތަކުން އެ ގޭގެ ދެ ކުޑަކުދިން ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގައި ކަމަށް ބެލެވެ އެވެ. މި ހާދިސާގައި އެ ގެއިން ސަލާމަތްވީ ކުޑަ ތިން ކުދިންނާއި ބޮޑު ދެމީހެކެވެ.
ޓެކްސަސްގެ ފުލުހުން ބުނި ގޮތުގައި ބަޑިން ހަމަލާ ދިން މީހާ، އެ ގޭގެ މީހުން މަރާލާފައިވަނީ ކަތިލާ ފަދަ ގޮތަކަށެވެ. އެ އެންމެން ވެސް މަރާލާފައިވަނީ ވަރަށް ކައިރިން އެމީހުންގެ ކަރުން މައްޗަށް ބަޑި ޖަހައިގެންނެވެ. މި ހާދިސާގައި މަރުވެފައިވާ ކުޑަކުއްޖާގެ އުމުރަކީ އެންމެ އަށް އަހަރެވެ. އޭގެ އިތުރުން ހިމެނެނީ 25 އަހަރާއި 21 އަހަރުގެ ދެ އަންހެނުންނާއި 31 އަހަރާއި 18 އަހަރުގެ ދެ ފިރިހެނުންނެވެ.
މި ހާދިސާ ހިނގުމާ އެކު ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށީ އޭނާގެ މޮބައިލް ފޯނުގެ ސިގްނަލް ލިބޭ ގޮތް ބަލައިގެންނެވެ. އިއްޔެ އިން ފެށިގެން އެ ފޯން ނިއްވާލާފައި އޮތުމުން، އޭނާ މިހާރު ވީ ހިސާބެއް ދެނެގަތުން ފަސޭހަ ނޫން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެ ހަމަލާ ދިން ހިސާބުގައި އޭނާ މިހާރު އުޅުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށާއި، 20-30 މޭލު ދުރުގައި ވެސް އޭނާ އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މަރުވި އެންމެންނަކީ ވެސް ހޮންޑިއުރަސްގެ ރައްޔިތުންނެވެ. ކުއްޔަށް މީހުން އުޅޭ އެ ގޭގައި މި ހާދިސާ ހިނގި އިރު އެ ގޭގައި ތިބި ބައެއް މީހުން އެ ގެއަށް އައީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
އެމެރިކާގެ ގަން ވައިލެންސް އާކައިވްގެ ހިސާބުތައް ދައްކާ ގޮތުން، ޓެކްސަސްގައި ހިނގި ބަޑި ޖެހުމުގެ މިހާދިސާއާ އެކު، މިއަހަރުގެ ތެރޭގައި އެމެރިކާގައި ހިނގި މިފަދަ ހާދިސާތަކުގެ އަދަދު މިހާރު ވަނީ 170 އަށް ވުރެ މަތިވެފަ އެވެ.
އެމެރިކާގައި ބަޑިޖަހައި 3މީހަކާއި 3 ކުދިން މަރާލައިފި
ކެލިފޯނިއާގައި އަނެއްކާވެސް ބަޑިޖަހައި 7 މީހުން މަރު
އާ އަހަރުގެ ހަފްލާއެއްގަ ބަޑިޖަހައި 10 މީހުން މަރު
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
ދޮން މީހުންނަށް ވަކި މަތިވެރިކަމެއް ނެތް: ބައިޑެން
އިޒްރޭލު ސިފައިން ޖެނީނަށް އަރައި ބަޔަކު ޝަހީދުކޮށްފި
ޔޫގެންޑާގެ ސްކޫލަކަށް ހަމަލާދީ 38 ކުދިން މަރާލައިފި
ކެލިފޯނިއާގައި 44 ގަޑިއިރު ތެރޭ ބަޑިޖަހައި 19 މަރު
ކެލިފޯނިއާގައި ބަޑިޖަހައި އާއިލާއެއްގެ 6 މީހުން މަރު
އޮސްޓްރޭލިޔާގައި ބަޑި ޖަހައި 6 މީހަކު މަރާލައިފި