Roadha Mihaaru
ކެލިފޯނިއާގައި އަނެއްކާވެސް ބަޑިޖަހައި 7 މީހުން މަރު

ކެލިފޯނިއާގައި އަނެއްކާ ވެސް ބަޑިޖަހައި 7 މީހުން މަރާލައިފި

24 ޖެނުއަރީ 2023

އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖަލިސްއާ ކައިރި ހިސާބެއްގައި، ނަށާ ކްލަބެއްގެ ތެރޭގައި ބަޑި ޖަހައި 10 މީހުން މަރައިލިތާ 48 ގަޑިއިރުވެސް ނުވަނީސް، ކެލިފޯނިއާގެ އުތުރު ސަރަހައްދެއްގައި ބަޑި ޖަހައި އިތުރު ހަތް މީހަކު މަރާލައިފި އެވެ.

އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖަލިސްއާ ކައިރި ހިސާބެއްގައި، ނަށާ ކްލަބެއްގެ ތެރޭގައި ބަޑި ޖަހައި 10 މީހުން މަރައިލިތާ 48 ގަޑިއިރުވެސް ނުވަނީސް، ކެލިފޯނިއާގެ އުތުރު ސަރަހައްދެއްގައި ބަޑި ޖަހައި އިތުރު ހަތް މީހަކު މަރާލައިފި އެވެ.

ކެލިފޯނިއާގެ ފުލުހުން ބުނި ގޮތުގައި އެ ސްޓޭޓްގެ އުތުރުގައި ހުންނަ މަޝްރޫމް ހައްދާ ދަނޑެއްގަޔާއި އެ ދަނޑާ ތަންކޮޅެއް ދުރުން އައްސޭރި ސަރަހައްދުގައި ހުންނަ ޓްރަކް ދުއްވާ ކުންފުންޏެއްގެ ތެރޭގައި ފިސްތޯލައަކުން ހަމަލާ ދީ ބަޔަކު މަރައިލި ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. މި ދެ ސަރަހައްދުގައި ދިން ދެ ހަމަލާގައި މަރުވި މީހުންގެ އިތުރުން ޒަޚަމްވި މީހެއްގެ ހާލު ސީރިއަސްވެގެން މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ދެ ހާދިސާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރީ، ޗައިނާ ދަރިކޮޅަށް އުފަން، ޗުންލީ ޒާއޮ، 67، އެވެ. އޭނާ ގެންގުޅުނު ފިސްތޯލަ އިން ހަމަލާދީ މަރައިލި ހަތް މީހުންގެ ތެރެއިން ހަތަރު މީހުން މަރައިލީ، މަޝްރޫމް ހައްދާ ދަނޑުގައި ދިން ހަމަލާގަ އެވެ. އަނެއް ތިން މީހުން މަރައިލީ ޓްރަކް ކުންފުނީގެ ގޯތިތެރޭގައި ދިން ހަމަލާގަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ޗުންލީއަކީ ޓްރަކް ކުންފުނީގަ އާއި މަޝްރޫމް ދަނޑުގައި ވެސް މަސައްކަތް ކުރާ މީހެކެވެ. ނަމަވެސް މި ހަމަލާ ދިނުމުގެ މަގްސަދަކީ ކޮބައިކަމެއް މިހާތަނަށް ނޭނގޭ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ ހާދިސާގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހާ ފެނުނީ، އޭނާ ދުއްވާ އެއްގަމު އުޅަނދުގެ ތެރޭގައި އިންދަ އެވެ. އަދި އޭނާ ހައްޔަރުކުރަން އުޅުމުން އެއްވެސް ވަރަކަށް ގަދަ ދެއްކުމެއް ނެތި އަމާން ދިން ކަމަށް ވެސް ފުލުހުން ބުނެ އެވެ. އޭނާ ހައްޔަރުކުރުމަށް ފަހު، އޭނާގެ އުޅަނދު ބަލައި ފާސްކުރި އިރު، އެ އުޅަނދުގެ ތެރެއިން ފިސްތޯލައަކާއި ވަޒަންތަކެއް ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.

ކެލިފޯނިއާގެ ފުލުހުން ބުނި ގޮތުގައި މަޝްރޫމް ހައްދާ ދަނޑުގައި މީހަކު ބަޑި ޖަހައި ބަޔަކު މަރައިލި ކަމުގެ ރިޕޯޓެއް ލިބުނީ އިއްޔެ މެންދުރު ފަހު 2:30 ހާއިރެވެ. ފުލުހުން އެ ދަނޑަށް ދިޔައިރު، އެ ދަނޑުގެ ތެރޭގައި، މަރުވެފައި އޮތް ހަތަރު މީހެއްގެ ހަށިގަނޑު އޮތް ކަމަށް ފުލުހުން ބުންޏެވެ.

އެ ދަނޑުގައި ތިބި މީހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބުރަވެ، ތުހުމަތު ކުރެވޭ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް، އެ ދަނޑާ ގާތްގަނޑަކަށް އަށް ކިލޯމީޓަރު ދުރުގައި ހުރި ޓްރަކް ކުންފުންޏެއްގެ ގޯތި ތެރެއިން، މަރާލާފައި އޮތް އިތުރު ތިން މީހެއްގެ ހަށިގަނޑު ފެނުނެވެ.

މި ހާދިސާތައް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.