Roadha Mihaaru
ކެލިފޯނިއާގައި 44 ގަޑިއިރު ތެރޭ ބަޑިޖަހައި 19 މަރު

ކެލިފޯނިއާގައި 44 ގަޑިއިރު ތެރޭ ބަޑިޖަހައި 19 މަރު

26 ޖެނުއަރީ 2023

އެމެރިކާގެ އެކި ސަރަހައްދުތަކުގައި ކޮންމެ ދުވަހަކު ވެސް ބަޑީގެ ހަމަލާތައް ދިނުމަކީ އާންމު ކަމެކެވެ. ނަމަވެސް މި ހަފުތާއަކީ ކެލިފޯނިއާގެ އާންމު ރައްޔިތުންނަށް ބިރުވެރިކަމާއި ހިތާމައާއި ހިތްދަތިކަން މަތިމައްޗަށް ވެރިވަމުންދާ ހަފުތާއެކެވެ.

އެމެރިކާގެ އެކި ސަރަހައްދުތަކުގައި ކޮންމެ ދުވަހަކު ވެސް ބަޑީގެ ހަމަލާތައް ދިނުމަކީ އާންމު ކަމެކެވެ. ނަމަވެސް މި ހަފުތާއަކީ ކެލިފޯނިއާގެ އާންމު ރައްޔިތުންނަށް ބިރުވެރިކަމާއި ހިތާމައާއި ހިތްދަތިކަން މަތިމައްޗަށް ވެރިވަމުންދާ ހަފުތާއެކެވެ.

އެންމެ 44 ގަޑިއިރުގެ ތެރޭގައި ހިނގި ބަޑި ޖެހުމުގެ ތިން ހާދިސާއެއްގައި 19 މީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ. އެންމެ ފުރަތަމަ ހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތުގަ އެވެ.

އުމުރުން 72 އަހަރުގެ ފިރިހެނެއް ކަމަށްވާ ހޫ ސަން ޓްރާން އެ ރޭ ދިން ހަމަލާ އަމާޒުކުރީ، ޗައިނާ ކަލަންޑަރުގެ އާ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން، މޮންޓެރޭ ޕާކް ކިޔާ އަވަށުގައި ބޭއްވި އެއްވުމަކަށެވެ. އެތަނަށް ވަދެ ފިސްތޯލަ އިން ހަމަލާ ދީ، 10 މީހުން މަރާލައި އިތުރު 10 މީހަކު ޒަޚަމްކޮށްލުމަށް ފަހު، އެ ތަނުން ފިލައިގެން ދިޔައީ އެވެ.

އެއަށް ފަހު އެތަނާ މާ ދުރު ނޫން ހިސާބެއްގައި އޮތް ނަށާ ހޯލެއްގެ ތެރެއަށް ހަމަލާ ދޭން އުޅުމަށް ފަހު، އެ ތަނުން ނުކުމެގެން ދާން އުޅެނިކޮށް ފުލުހުން އޭނާ ވަށައިލުމުން، އަމިއްލަ ބޮލަށް ފިސްތޯލަ ޖަހައިގެން މަރުވީ އެވެ. މި ހާދިސާގައި މަރުވި އެންމެންނަކީ ވެސް، އުމުރުން 57-76 އަހަރުގެ މީހުންނެވެ.

އެ ހަމަލާގެ ކަންތައް ތަހުގީގުކޮށް މަރުވި އެންމެންގެ ނަންތައް މުޅިން ކަށަވަރު ނުވެގެން އުޅެނިކޮށް، މި ހަފުތާގެ ހޯމަ ދުވަހު މެންދުރު ފަހު ދިން އެފަދަ ދެ ވަނަ ހަމަލާއެއްގައި ހަތް މީހުން މަރައިލި އެވެ. ކެލިފޯނިއާގެ އުތުރުގައި އޮންނަ މަޝްރޫމް ދަނޑެއްގައި ދިން މި ހަމަލާގައި މަރުވި އެންމެންނަކީ ވެސް، ދަނޑުވެރިކަމުގެ މަސައްކަތަށް އެމެރިކާ އަށް އައިސް ތިބި ބިދޭސީ މަސައްކަތު މީހުންތަކެކެވެ.

އެއަށް ފަހު، ކެލިފޯނިއާގެ އޯކްލޭންޑްގައި ހުރި ޓްރަކް ދުއްވާ ކުންފުންޏެއްގެ އުޅަނދުތައް ބަހައްޓާ ސަރަހައްދަކަށް ބަޑިޖަހައި އިތުރު ދެ މީހަކު މަރައިލި އެވެ. ފަހުގެ ދެ ހަމަލާ ދިން މީހާ ވަނީ، އެ ސަރަހައްދުން ފިލައިގެން ދާން އުޅެނިކޮށް، ފުލުހުން ހައްޔަރުކޮށްފަ އެވެ.

މި ދެ ހަމަލާ ދިން މީހާގެ ގެއަށް ފުލުހުން ވަދެ ބަލައި ފާސްކުރި އިރު، ބަޑިބޭސް ބޭނުންކޮށްގެން އަމިއްލަ އަށް އުފައްދާފައި ހުރި ވަޒަންތަކެއް ފެނުނެވެ.

މި ތިން ހާދިސާއާ ގުޅިގެން ކެލިފޯނިއާގެ ސަލާމަތީ ކަންތައް ބެލެހެއްޓުން ފުލުހން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. ޝައްކު ކުރެވޭ ކޮންމެ މީހަކާ ސުވާލުކޮށް، ޝައްކު ކުރެވޭ އުޅަނދުތައް ބަލައި ފާސްކުރުން ވަނީ އިތުރުކޮށްފަ އެވެ.