27 އެޕްރީލް 2023
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަން މޮރިޝަސް ސަރުކާރަށް އަންގާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަން މޮރިޝަސް ސަރުކާރަށް އަންގާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން މިހެން ބުނީ ޗާގޯސް މައްސަލައާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީން ނެރެފައިވާ ބަޔާނަކަށް ރައްދު ދެއްވައި ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނީ ޗާގޯސްގެ އާ ގުޅޭ ގޮތުން މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އުފެދިފައިވާ މައްސަލާގައި ރާއްޖެ މީގެ ކުރިން މޮރިޝަސް އާ ދެކޮޅަށް ވޯޓު ދިން ނަމަވެސް އެ މައްސަލަ އަލުން ހުށަހެޅިއްޖެ ނަމަ ރާއްޖެއިން މޮރިޝަސް އަށް ތާއީދު ކުރަން ނިންމާފައިވާ ކަން އެ ގައުމުގެ ސަރުކާރަށް އަންގާފައިވާ ކަމަށެވެ.
އެ ނިންމުން ނިންމީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފުރިހަމަ އަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމާ ގުޅިގެން ކަމަށް އެ ބަޔާނުގައި ވެ އެވެ.
އދ. ގެ އާއްމު މަޖިލީހުގެ އެ ގަރާރަކީ ރާއްޖެ އާއި ޗާގޯސް ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުންހުރި ޤަރާރެއް ނޫން ކަމަށާއި އެ ނިންމުމުގެ ސަބަބުން އިޓްލޮސްގައި ހިނގާ މައްސަލާގައި ރާއްޖެއިން ނެގި ސްޓޭން ބަދަލު ނުވާނެ ކަން މޮރިޝަސް ސަރުކާރަށް އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމަލު ކުރައްވާފައި ވަނީ ގާނޫނުއަސާސީން ދީފައިވާ ބާރުތަކާ ހިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ތުހުމަތު ވެސް ސަރުކާރުން ދޮގު ކުރެ އެވެ.
ގާނޫނުއަސާސީގެ ތިން ވަނަ މާއްދާގައި ރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ލަފާ އެދެން ޖެހޭ ކަމަށް ބަޔާން ކުރާއިރު ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ. އެ ސަރަހައްދުގެ އިމަކީ މިހާތަނަށް އައި އިރު، ބައިނަލްއަގުވާމީ ކަނޑާބެހޭ މުއާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
"...ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ގާނޫނުއަސާސީން ލިއްބައިދީފައިވާ ބާރަކަށްވީހިނދު އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕްރޮގްރަސިވް ކޯލިޝަންގެ ބަޔާނަކީ ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ހައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއް --ސަރުކާރު
ސަރުކާރުން ބުނި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ބަޔާނަކީ ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ހައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެކެވެ.
އެކަން އެނގޭ އެއް ހެއްކަކީ މެއި 24، 2019 ވަނަ އަހަރު ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސް އިން ކުރާ ދައުވާގައި މޮރިޝަސް އަށް ތާއީދު ކުރުމާއި، އދ. ގައި އޮތް ޗާގޯސް އާ ބެހޭ ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމަކީ މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމެއް ކަމަށް އެ ޕާޓީން ބުނެފައިވާ ބުނުން ކަމަށް ސަރުކާރުން ބުންޏެވެ.
ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިޔާއަތްކޮށް އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު އިޓްލޮސް އިން މި މައްސަލަ ނިންމާނެކަމާ މެދު ސަރުކާރުގެ ފުރިހަމަ އިތުބާރު އޮތް ކަމަށާއި ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ދެމެހެއްޓުމުގައި ފަސްޖެހުމެއްނެތި ދެމިއޮންނާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ކަނޑު ހޯދުމުގެ ދިރާސާ ދެ އެކްސްޕާޓަކާ ހަވާލުކޮށްފި
މޮރިޝަސްއަށް ރައީސް ފޮނުއްވި ސިޓީ ސަރުކާރުން ހާމަނުކުރި
ޗާގޮސް މައްސަލައަށް އިންޑިއާގެ ނުފޫޒެއް ނެތް: ސަރުކާރު
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ސުވާލެއް!
ކަނޑުގެ މައްސަލައަށް މުނައްވަރާއި ބޭރު ވަކީލުންގެޓީމެއް
މޮރިޝަސްއަށް ފޮނުވައި ސިއްރު ކުރި ސިޓީ އާއްމުކޮށްފި
މޮރިޝަސްއާ އެއްބަސްވި ކަންކަން ރެކޯޑުން ފެންނަން ނެތް!
ކަނޑުން ގެއްލުނު ބައި ހޯދަން ކޮމިޓީއަކުން ދިރާސާކުރަނީ