Roadha Mihaaru

އިންތިގެ ތުހުމަތުން ނުރައްކާ އޮތް ކަމަށް ވިދާޅުވެ ރޮޒައިނާ ވެސް މައްސަލަ ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ގުޅުވައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އޭނާގެ މައްޗަށް ދޮގު ތުހުމަތު ކުރައްވައި ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށް ވިދާޅުވެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

އިންތިއާ ދެކޮޅަށް ރޮޒައިނާ ޕޮލިހަށް މައްސަލައެއް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

21 އެޕްރީލް 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ގުޅުވައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އޭނާގެ މައްޗަށް ދޮގު ތުހުމަތު ކުރައްވައި ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށް ވިދާޅުވެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ފުލުސް އޮފީހަށް އިންތި ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ނަޝީދަށް ދައުލަތުން ސެކިއުރިޓީ ދިނުމާ ދެކޮޅަށް ރޮޒައިނާ އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވާހަކަ ދައްކަވަނީ ނުބައި ނިޔަތަކާ އެކުގައި ކަަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން އެމަނިކުފާނަށް އިތުރު ހަމަލާއެއްގެ ބިރު އޮތް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ ތެރެއިން ނަޝީދު އުފައްދަވައި ވަކިން ހިންގަވާ ފިކުރެއްގެ ދިރުން ހަރަކާތަށް ނިސްބަތްވެވަޑައިގަންނަވާ އިންތިގެ ތުހުމަތު ކުށްވެރިކުރައްވައި ރޮޒައިނާ ވިދާޅުވީ އޭނާ އަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އިންތި އުފައްދަވާފައިވާ ކަމަށެވެ. ނަޝީދަށް ގެއްލުމެއް ދޭން އުޅޭ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އިންތި ކުރެއްވުމަކީ އެކަމާ ކަންބޮޑުވެގެން ނަޝީދަށް ތާއީދު ކުރާ ބަޔަކު އޭނާ އަށް ހަމަލާއެއް ދީފާނެ ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

މީގެ ކުރިން އަނދުން ހުސައިންގެ މައްޗަށް ނަޝީދު ތުހުމަތު ކުރެއްވުމުން، އޭނާގެ ފުރާނަޔަށް ނުރައްކާވި ހާލަތްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ އެއްވެސް ހެއްކަކާ ނުލައި ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުގެ ބޮލުގައި ރައީސް ނަޝީދު މަރާލަން އުޅުމުގެ ތުހުމަތު، މާފަންނު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިމްތިޔާޒު ފަހުމީ އެޅުވި މައްސަލަ ދިވެހިންގެ ފުލުހުންގެ ހިދުމަތުން ވީ އެންމެ އަވަހަކަށް ބަލައި ދިނުމެވެ. އަދި މިކަމުގައި ޖިނާއީ ކުށެއްވާނަމަ އެކަމަށް ދައުވާކޮށް ދިނުމަށް އެދެމެވެ." ރޮޒައިނާގެ ސިޓީގައި ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ނަޝީދާ އެއްބަސް ނުވެވޭ ގިނަކަންކަން މިދުވަސްކޮޅު ހުރެ ފާޑު ކިޔުމަކީ، އެމަނިކުފާނަށް ޖިސްމާނީ އަނިޔާއެއް ލިބުމަށް ބޭނުންވުން ނޫން ކަމަށް ނަޝީދަށް ސިޔާސީ ގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންމުންދާ ރޮޒައިނާ ވިދާޅުވި އެވެ.

"ރައީސް ނަޝީދަށް ސެކިއުރިޓީ ދޭން ނުޖެހޭ ކަމަކަށް ވެސް އަދި ދިނުން ހުއްޓާލާކަށް ވެސް އަދި ދޭގޮތަށް ބަދަލު ގެންނަވާކަށް ވެސް އަޅުގަނޑު ވަކާލާތުކޮށްފައެއް ނުވާނެ އެވެ." ރޮޒައިނާގެ ސިޓީގައި ލިޔުއްވާފައި ވެ އެވެ.

ރޮޒައިނަ ވިދާޅުވީ ދޮގު ތުހުމަތުތަކަކާ އެކު އޭނާގެ މައްސަލަ އިންތި ފުލުހަށް ހުށަހެޅުއްވީ ސިޔާސީ ގޮތުން އޭނާ އާ ބަހުސްކޮށްގެން ވެސް ބަލި ނުކުރެވި އަދި ސިޔާސީ ގޮތުން އަބުރު ކަތިލަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ކަމަށެވެ.