Roadha Mihaaru
ވެސްޓް ހޭމާ އެއްވަރުވެ އާސެނަލް އަށް ޕްރެޝަރުވެއްޖެ

ވެސްޓް ހޭމާ އެއްވަރުވެ އާސެނަލް އަށް ޕްރެޝަރުވެއްޖެ

16 އެޕްރީލް 2023

ލަންޑަން (އޭޕްރީލް 16) - އިނގިރޭސި ޕްރިިއާ ލީގުގައި އާސެނަލް ދެ ގޯލުގެ ލީޑެއްގައި އޮއްވައި ވެސްޓް ހޭމް ޔުނައިޓެޑުން ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް، އާސެނަލް އަށް ޕްރެޝަރު ބޮޑު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޭޕްރީލް 16) - އިނގިރޭސި ޕްރިިއާ ލީގުގައި އާސެނަލް ދެ ގޯލުގެ ލީޑެއްގައި އޮއްވައި ވެސްޓް ހޭމް ޔުނައިޓެޑުން ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް، އާސެނަލް އަށް ޕްރެޝަރު ބޮޑު ކޮށްފި އެވެ.

މިދިޔަ ހަފްތާ އާސެނަލް އިން ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެއްވަރުވީ، ފުރަތަމަ ހާފުގައި އެޓީމުން ދެ ގޯލުގެ ލީޑެއް ނަގައިފައި ވަނިކޮށެވެ.

ވެސްޓް ހޭމް އާ އެއްވަރު ވުމުން އާސެނަލް އެއްވަނައިގައި އޮތީ، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ހަތަރު ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އާސެނަލް ކުޅުނު 31 މެޗުން 74 ޕޮއިންޓް ހޯދާފައި ވާއިރު ސިޓީ ވަނީ 30 މެޗު ކުޅެގެން 70 ޕޮއިންޓް ހަމަކޮށްފަ އެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ މި މެޗުން ރަނގަޅަށް ކުޅެމުން ދަނިކޮށް ކޮންޓްރޯލް ގެއްލުނީ ޕެނަލްޓީއެއް ދެވުމުން ކަމަށެވެ. އަދި އެއަށް ފަހު ޓީމުން އިތުރު ގޯލެއް ޖަހަން އުޅުނުތަން ނުފެނުނު ކަމަށެވެ. އަދި ސަކާ އަތުން ޕެނަލްޓީ ނާކާމިޔާބު ވުމުން އެއީ ނަތީޖާ ނުނެރެވޭންވީ ސަބަބެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އާޓެޓާ ބުންޏެވެ.

"ބޭކާރު ޕެނަލްޓީއެއް ދެވިގެން އެމީހުންނަށް އުންމީދެއް ދެވުނީ. ކޯނަރުތަކާއި އެއްލުންތަކާ ދެވިގެން އެކަމުން އަރައެއް ނުގަނެވުނު. ތިންވަނަ ގޯލަކާއި ހަތަރުވަނަ ގޯލެއް އަހަރެމެން ބޭނުންވީ އެކަމަކު އެއަށް މަސައްކަތް ކުރިތަނެއް ނުފެނުނު،" އާޓެޓާ ބުންޏެވެ.

"ޕެނަލްޓީ ޖަހާ ކުޅުންތެރިއަކު އަތުން ޕެނަލްޓީ ނާކާމިޔާބު ވެދާނެ. އަހަރެންނަކަށް ނޭނގޭ އެންމެ ޕެނަލްޓީއެއް ވެސް ނާކާމިޔާބު ނުކޮށްލާ ކުޅުންތެރިއެއް."

ޑޭވިޑް މޮޔެސްގެ އިރުޝާދުގެ ދަށުން ކުޅޭ ވެސްޓް ހޭމް މިހާތަނަށް ކުޅުނު 30 މެޗުން ހޯދި 31 ޕޮއިންޓާ އެކު އެޓީމު އޮތީ ލީގުގެ 15 ވަނައިގަ އެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މެޗުގެ ހަތްވަނަ މިނިޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ ގެބްރިއެލް ޖީސަސް އެވެ. އަދި 10 ވަނަ މިނިޓުގައި ލީޑު ފުޅާކުރީ ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ވޮލީއަކުންނެވެ.

ވެސްޓް ހޭމް އަށް ފަރަގު ކުޑަކޮށްދިނީ 33 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ސައީދު ބެންރަހްމާ އެވެ. މިއީ ޑިފެންޑަރު ގެބްރިއެލް މަގަޅޭސް، ވެސްޓް ހޭމްގެ ޕަކޭޓާ އަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ވެސްޓް ހޭމްގެ މިޝޭލް އެންޓޯނިއޯ އަތުގައި ބޯޅަ ޖެހިގެން އާސެނަލް އަށް އަލުން ލީޑު ފުޅާކުރަން ފުރުސަތު ލިބުނެވެ. ނަމަވެސް ބުކަޔޯ ސަކާ ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒެއް ނުކޮށްލެވުނެވެ. މިއީ 2015 ވަނަ އަހަރު ސަންޓި ކަޒޯލާ އަތުން ނާކާމިޔާބުވި ޕެނަލްޓީއަށް ފަހު ޕްރިމިއާ ލީގުގައި އާސެނަލް އަށް ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީއެވެ.

ސަކާގެ ޕެނަލްޓީ ނާކާމިޔާބުވެ މާ ގިނައިރެއް ނުވެ 54 ވަނަ މިނިޓުގައި ވެސްޓް ހޭމުން ނަތީޖާ އެއްވަރު ކުރީ ޖަރޯޑް ބޯވެން ޖަހައިދިން ގޯލުންނެވެ.

ވެސްޓް ހޭމުން މެޗުގެ ފަހު ވަގުތު ލީޑު ނެގުމާ ވެސް ގާތަށް ދިޔަ އެވެ. ނަމަވެސް ބެންރަހްމާގެ ހުރަސް އެންޓޯނިއޯ ބޮލުން ފޮނުވާލުމުން އަމާޒުވީ ހުރަސް ދަނޑިއަށެވެ.

އާސެނަލް އަށް ލީގުގައި ދެން އޮތީ ހުކުރު ދުވަހުގެ ރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށް ފަހު މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ސިޓީ އިން ރޭ ލެސްޓާ ސިޓީ ބަލިކުރި މެޗަށް ފަހު އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އާސެނަލް އާ ދެކޮޅަށް ކުޅޭ މެޗަކީ ލީގުގެ ފައިނަލް މެޗެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ.