Roadha Mihaaru
ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފަށައިފި

ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފަށައިފި

03 އެޕްރީލް 2023

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން މިރޭ ރަސްމީކޮށް ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން މިރޭ ރަސްމީކޮށް ފަށައިފި އެވެ.

އެ އަވަށުގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ރާއްޖެ ގެނައީ 10 ބަގީ އެވެ. އޭގެ ތެރޭގައި ތެރޭގައި އެކި ކަހަލަ މުދަލާއި ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީ އާއި ކުއްލި ހާލަތްތަކުގައި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ އެއް ބަގީ ހިމެނެ އެވެ.

ބަގީގެ ހިދުމަތް ފެށުމަށް މިރޭ ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބަގީގެ ހިދުމަތް ކުރިއަށް ގެންދެވޭނީ ރައްޔިތުން ކައުންސިލަށް އެއްބާރުލުން ދީގެން ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ މި ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ތިބޭފުޅުން އެދޭ ގޮތަށް ދެއްވަން ޖެހޭ ހުރިހާ މަޝްވަރާއަކާއި ހިޔާލެއް ވެސް ދެއްވުން. އޭރުން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދާނީ،" އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ ސިޓީ ކައުންސިލްގެ އެންމެ އިސްވެރިޔާ ވިދާޅުވި އެވެ.

ބަގީގެ ހިދުމަތް ފެށުމަށް މިރޭ ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މުއިއްޒު ބައިވެރިވެލައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

ބަގީގެ ހިދުމަތް ފެށުމަށް މިރޭ ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މުއިއްޒު ބައިވެރިވެލައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

މޭޔަރު ވިދާޅުވިގޮތުގައި، ބަގީ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ޕެރަމެޑިކް އަށް ހާއްސާ މީހަކު ހަމަޖައްސަން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ރޯދަމަސް ނިމެންދެން ބަގީގައި ހިލޭ ދަތުރުކުރެވޭނެ އެވެ. އެއީ ޕްރައިވެޓް ހަޔާ ފިޔަވަ އެވެ. ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް 2ރ. ނަގަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު ވާނެ އެވެ. އެ އަގުތަކަކީ؛

• 4 ސީޓްގެ ބަގީއަކަށް 6ރ.

• 6 ސީޓްގެ ބަގީއަކަށް 10ރ.

• 12 ސީޓްގެ ބަގީއަކަށް 15ރ.

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ދުއްވަން ގެނައި ބަގީތައް.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ދުއްވަން ގެނައި ބަގީތައް.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

ކައުންސިލުން ބުނެފައި ވަނީ އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރަޖިސްޓަރީ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސްކޫލް ޔުނިފޯމުގައި ތިބޭ ކުދިންނަށް ބަގީގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

ވިލިމާލޭގައި ސިޓީ ކައުންސިލުން މިރޭ ބަގީގެ ހިދުމަތް ފެށިއިރު، އެމްޓީސީސީން މިދިޔަ ޖެނުއަރީ މަހު ވަނީ އެ އަވަށުގައި އިލެކްޓްރިކް ބަހުގެ ހިދުމަތް ފަށައިފަ އެވެ. މިހާރު ވިލިމާލޭގައި އެމްޓީސީސީން ދެމުން އަންނަ ބަސް ދަތުރަކަށް ނަގަނީ 5ރ. އެވެ.