Roadha Mihaaru
ވިލިމާލޭގައި ބަގީ ދަތުރަކަށް 2ރ. ނަގަން ފާސްކޮށްފި

ވިލިމާލޭގައި ބަގީ ދަތުރަކަށް 2ރ. ނަގަން ސިޓީ ކައުންސިލުން ފާސްކޮށްފި

02 މާޗް 2023

ވިލިމާލޭގައި ފަށަން އުޅޭ ބަގީގެ ހިދުމަތުން ކޮންމެ ދަތުރަކަށް 2ރ. ނަގަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިލިމާލޭގައި ފަށަން އުޅޭ ބަގީގެ ހިދުމަތުން ކޮންމެ ދަތުރަކަށް 2ރ. ނަގަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

އެ ކައުންސިލުން ބުނީ ބަގީ ދަތުރުތަކުގެ އަގުތައް ކަނޑައެޅީ އިއްޔެ ބޭއްވި އެ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި ކަމަށެވެ. އެއީ ހިދުމަތް ހޯދާ މީހުންނަށް ބުރަ ނުވާނެ ފަދަ ގޮތަށް ކަނޑައެޅި އަގެއް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގަން ނިންމީ 2ރ. އަކީ މިހާރު ވިލިމާލޭގައި އެމްޓީސީސީން ދެމުން އަންނަ ބަހުގެ ހިދުމަތަށް ވުރެ ކުޑަ އަގެކެވެ. ބަސް ދަތުރަކަށް 5ރ. ނަގަ އެވެ.

ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު ވާނެ އެވެ. އެ އަގުތަކަކީ؛

• 4 ސީޓްގެ ބަގީއަކަށް 6ރ.

• 6 ސީޓްގެ ބަގީއަކަށް 10ރ.

• 12 ސީޓްގެ ބަގީއަކަށް 15ރ.

ސިޓީ ކައުންސިލުން ބުނީ، އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރަޖިސްޓަރީ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސްކޫލް ޔުނިފޯމުގައި ތިބޭ ދަރިވަރުންނަށް ބަގީގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފަ އެވެ. ނަމަވެސް އެ ހިދުމަތް ފަށާ ދުވަހެއް އަދި އިއުލާން ނުކުރެ އެވެ.

ސިޓީ ކައުންސިލުން ކުރިން ބުނި ގޮތުގައި، ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ގެނައި ބަގީތަކުގެ ތެރޭގައި އެކި ކަހަލަ މުދާ، ލަގެޖް އަދި ފޮށިގަނޑުފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީ އާއި ކުއްލި ހާލަތްތަކުގައި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ އެއް ބަގީ ވެސް ހިމެނޭނެ އެވެ.