Roadha Mihaaru
ނަފްރަތުގެ އޮއިވަރު ގަދަވާތީ އަރަބިން ކަންބޮޑުވެއްޖެ

ނަފްރަތުގެ އޮއިވަރު ގަދަވާތީ އަރަބިން ކަންބޮޑުވެއްޖެ

26 މާޗް 2023

މުސްލިމުންނަށާއި އިސްލާމް ދީނަށް އިހާނެތިކުރުމުގެ ގޮތުން، މުސްލިމުންގެ މުގައްދަސް ފޮތް ކަމަށްވާ ކީރިތި ގުރްއާން އެންދުމުގެ ހަރަކާތްތައް ވިލާތުގެ ގައުމުތަކުގައި އިތުރުވަމުންދާތީ، މުސްލިމުންނާ މެދު ނަފްރަތު ކުރުމުގެ އޮއިވަރު ގަދަވެދާނެކަމަށްޓަކައި އަރަބި ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުސްލިމުންނަށާއި އިސްލާމް ދީނަށް އިހާނެތިކުރުމުގެ ގޮތުން، މުސްލިމުންގެ މުގައްދަސް ފޮތް ކަމަށްވާ ކީރިތި ގުރްއާން އެންދުމުގެ ހަރަކާތްތައް ވިލާތުގެ ގައުމުތަކުގައި އިތުރުވަމުންދާތީ، މުސްލިމުންނާ މެދު ނަފްރަތު ކުރުމުގެ އޮއިވަރު ގަދަވެދާނެކަމަށްޓަކައި އަރަބި ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި މައްސަލައިގައި އަރަބި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރީ، ޑެންމާކްގެ ވެރިރަށް ކޮޕަންހޭގަންގައި ހުންނަ ތުރުކީ ވިލާތުގެ އެމްބަސީ ކުރިމަތީގައި، މިދިޔަ ހުކުރު ދުވަހު، ކީރިތި ގުރްއާން އަންދައި މުސްލިމުންނަށް ޖެއްސުންކޮށް ތުރުކީ ވިލާތުގެ ދިދަ އެންދުމުގެ ހަރަކާތެއް ބާއްވާފައި ވަނިކޮށެވެ. ފޭސްބުކްގެ ޒަރީއާ އިން ވަގުތުން ދުރަށް ދައްކަމުން މި ހަރަކާތްތައް ކުރިއަށް ގެންދިޔައީ ޑެންމާކް ފުލުހުންގެ ބެލުމުގެ ދަށުންނެވެ.

އެ ހަރަކާތުގައި ބައިވެރިވި މީހުން ތިބީ، އިސްލާމް ދީނާއި މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމަށް ލިޔެފައި ހުރި ލިޔުންތައް ހިފައިގެންނެވެ. ތުރުކީ ވިލާތުގެ ޚާރިޖިއްޔާ އިން ބުނީ މުސްލިމުންނާއި އިސްލާމް ދީނާ މެދު ނަފްރަތު އުފެއްދުމަށް ހިންގި މި ޖަރީމާތައް ކުށްވެރިކުރާ ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މިފަދަ ނާތަހުޒީބު އަމަލުތައް ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅު އެޅުމަށް، ތުރުކީގެ ޚާރިޖިއްޔާގެ ބަޔާނުގައި ޑެންމާކް ސަރުކާރަށް ގޮވާލާފައިވެ އެވެ.

ޖޯޑްންގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިފަދަ އަމަލުތަކުގެ ސަބަބުން ފެތުރެމުން ދަނީ ނަފްރަތާއި ޒާތީ ތަފާތުކުރުމެވެ. އަދި ކީރިތި ގުރްއާން އެންދުމަކީ މުސްލިމުންނާ މެދު ނަފްރަތު ކުރުމުގެ ވަރަށް ސިރިއަސް އަމަލެއް ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން މުސްލިމުންނާ މެދު ރުޅިވެރިކަން އުފެދި މުޖްތަމައުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގެއްލުމަށް މަގުފަހިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކުވައިތުގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކީރިތި ގުރްއާން އެންދުން ފަދަ އަމަލުތަކުގެ ސަބަބުން، މުސްލިމުންގެ މެދުގައި ހުޅަނގުގެ ގައުމުތަކާ މެދު އިތުރަށް ނަފްރަތު އުފެދެމުން ދާނެ އެވެ. އެހެންކަމުން ތުރުކީ އެމްބަސީގެ ކުރިމަތީގައި ގުރްއާން އެންދި މީހުން އެކަމަށް ޒިންމާކުރުވައި، މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ޑެންމާކް ސަރުކާރަށް ގޮވާލާފައިވެ އެވެ.

ކުވައިތުން ބުނި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމަށް އަދި އެހެން އެއްވެސް ދީނަކަށް ފުރައްސާރަކުރުމަށް އޮތް ވަސީލަތަކަށް ހަދައިގެން ނުވާނެ އެވެ.

ގަތަރުން ބުނި ގޮތުގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސްވިޑްންގައި ހިންގި މިފަދަ ހަރަކާތްތަކުގެ ސަބަބުން ވެސް، މުސްލިމުންނާ މެދު ނަފްރަތްތެރިކަން އިތުރުވެގެން ދިޔަ އެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މިފަދަ އަމަލުތައް ހިންގުމުން، ސުލްހަވެރިކަމާ އެކު ދިރިއުޅުމުގެ ހައްގަށް އުނިކަން ލިބި، އެއް މުޖްތަމައެއްގައި އުޅޭ ދެބައެއްގެ މެދުގައި ދެމިންގަނޑަކުން އަމަލުކުރުމުގެ ނުބައި އާދަ އުފެދިގެންދާ ކަމަށް ވެސް ގަތަރުން ބުނެ އެވެ.