Roadha Mihaaru
އެމްބާޕޭގެ ކެޕްޓަންކަން ފެށީ ބޮޑު މޮޅަކުން

އެމްބާޕޭގެ ކެޕްޓަންކަން ފެށީ ބޮޑު މޮޅަކުން

25 މާޗް 2023

ޔޫރޯ ކޮލިފައިންގައި ނެދަލެންޑްސް އަތުން 4-0 އިން ފްރާންސް ރޭ މޮޅުވި މެޗުގައި ދެ ގޯލް ޖަހައި އެއް އެސިސްޓްކޮށް، ކީލިއަން އެމްބާޕޭ އޭނާގެ ކެޕްޓަންކަމުގެ ދަށުން ފްރާންސް ކުޅުނު މެޗުގައި ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޔޫރޯ ކޮލިފައިންގައި ނެދަލެންޑްސް އަތުން 4-0 އިން ފްރާންސް ރޭ މޮޅުވި މެޗުގައި ދެ ގޯލް ޖަހައި އެއް އެސިސްޓްކޮށް، ކީލިއަން އެމްބާޕޭ އޭނާގެ ކެޕްޓަންކަމުގެ ދަށުން ފްރާންސް ކުޅުނު މެޗުގައި ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގޯލްކީޕަރު ހޫގޯ ލޮރިސް ރިޓަޔާކުރުމުން ކެޕްޓަން ބޭންޑް ލިބުނު ޒުވާން ފޯވާޑް ވަނީ ދެ ވަނަ މިނެޓުގައި، ފްރާންސްގެ ފުރަތަމަ ގޯލް ޖަހަން އެންޓޮއިން ގްރިޒްމަން އަށް އެސިސްޓްކޮށްދީފަ އެވެ.

ޕެރިހުގެ ސްޓޭޑް ޑި ފްރާންސުގައި ކުޅުނު މި މެޗުގައި ފްރާންސްގެ ދެ ވަނަ ގޯލް 8 ވަނަ މިނެޓުގައި ވައްދާލީ ޑަޔޯ އުޕަމެކާނޯ އެވެ. އަދި 21 ވަނަ މިނެޓުގައި އެމްބާޕޭ ގޯލް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދިނެވެ. އޭނާ ދެ ވަނަ ގޯލް ވައްދާލީ 88 ވަނަ މިނެޓުގަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭ ނެދަލެންޑްސް އަށް ލިބުނު ޕެނަލްޓީ މެމްފިސް ޑިޕާއީ ޖެހުމުން، ފްރާންސްގެ ގޯލްކީޕަރު މައިކް މައިނަން ވަނީ މަތަކޮށްފަ އެވެ. މިއީ ލޮރިސް ރިޓަޔާކުރުމުން އެއް ނަމްބަރު ކީޕަރުކަން ލިބުނު މައިނަން، އަނިޔާގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު ފްރާންސަށް ކުޅެދިން ފުރަތަމަ މެޗެވެ.

ވޯލްޑް ކަޕުގެ ފައިނަލުން އާޖެންޓީނާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި ޓީމުގެ ކެޕްޓަން އެމްބާޕޭ ބުނީ، އެ މެޗުގެ ކުރިއަށް ފްރާންސް ޓީމު އޮތީ ވަރުގަދަކޮށް ކަމަށާއި އެހެންވެ ބޭނުންވީ އެ ރޫހުގައި އަލުން ފަށަން ކަމަށެވެ.

"ސަޕޯޓަރުން މާޔޫސްކޮށްލަން އަހަރެމެން ބޭނުމެއް ނުވި،" އެމްބާޕޭ ބުންޏެވެ.

ނެދަލެންޑްސް އިން މި މެޗު ކުޅުނީ، ވައިރަހެއްގެ ސަބަބުން ކުޅުންތެރިން ބަލިވެފައިވާތީ މުހިއްމު ކުޅުންތެރިން ނުލަ އެވެ. ފްރާންސުން އޭގެ ފައިދާ ނަގައި ނެދަލެންޑްސްގެ މައްޗަށް މުޅި މެޗުގައި ޑޮމިނޭޓްކުރި އެވެ.

ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެއް ކަމަށާއި އެކަމަށް އެއްވެސް ބަހަނާއެއް ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި މި މެޗުން ނެގޭނެ ޕޮޒިޓިވް އެއްވެސް ކަމެއް ނެތް ކަމަށް، ވޯލްޑް ކަޕަށް ފަހު ޓީމާ ހަވާލުވި ކޫމަން ބުންޏެވެ.

މި ގްރޫޕުގައި ގްރީސް އިން ވަނީ ޖިބްރޯލްޓާ އަތުން 3-0 އިން މޮޅުވެފަ އެވެ. ފްރާންސަށް ދެން އޮތީ ހޯމަ ދުވަހުގެރޭ އަޔަލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ނެދަލެންޑްސް އެރޭ ނުކުންނާނީ ޖިބްރޯލްޓާއާ ދެކޮޅަށެވެ.