Roadha Mihaaru
އެމްބާޕޭގެ ފުރަތަމަ ހެޓްރިކުން ފްރާންސް ވޯލްޑް ކަޕަށް

އެމްބާޕޭގެ ފުރަތަމަ ހެޓްރިކުން ފްރާންސް ވޯލްޑް ކަޕަށް

14 ނޮވެމްބަރ 2021

ޕެރިސް (ނޮވެމްބަރު 14) - ކަޒަކިސްތާންގެ މައްޗަށް 8-0 އިން ފްރާންސް މޮޅުވި މެޗުގައި ކިލިޔަން އެމްބާޕޭ ހެދި ފުރަތަމަ ހެޓްރިކާ އެކު އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕެރިސް (ނޮވެމްބަރު 14) - ކަޒަކިސްތާންގެ މައްޗަށް 8-0 އިން ފްރާންސް މޮޅުވި މެޗުގައި ކިލިޔަން އެމްބާޕޭ ހެދި ފުރަތަމަ ހެޓްރިކާ އެކު އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފި އެވެ.

ފްރާންސްގެ ޓީމަށް ފުރަތަމަ ހެޓްރިކް ހެދި މެޗުގައި އެމްބާޕޭ ހަތަރު ލަނޑު ޖެހުމުން، އޭނާ ވަނީ 36 އަހަރުވީ ރެކޯޑަކާ އެއްވަރުކޮށްފަ އެވެ. ފްރާންސްގެ ޓީމަށް އެއް މެޗެއްގައި ތިން ލަނޑަށް ވުރެ ގިނަ ލަނޑު މީގެ ކުރިން ޖަހާފައިވާ ކުޅުންތެރިޔަކީ ފްރާންސްގެ ކުރީގެ ތަރި ޑޮމިނިކް ރޮޗެޓޭ އެވެ. އޮކްޓޯބަރު 1985 ގައި ލަގްޒަމްބާގު ކޮޅަށް އޭނާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.

ރޭގެ މެޗުގައި ފްރާންސްގެ އަނެއް ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ކަރީމް ބެންޒެމާ އެވެ. އަނެއް ދެ ލަނޑު ޖެހީ އެޑްރިއަން ރޭބިއޮޓް އާއި އެންޓޮއިން ގްރީޒްމަން އެވެ.

މެޗަށް ނުކުތް އިރު ވެސް ގުރޫޕް ޑީގެ އެއްވަނައިގައި އޮތް ފްރާންސަށް ވޯލްޑް ކަޕުގެ ޖާގަ ޔަގީން ކުރަން ބޭނުންވެފައި އޮތީ އެންމެ މޮޅެކެވެ. އަންނަ އަހަރުގެ ނޮވެމްބަރު-ޑިސެމްބަރުގައި ބާއްވާ ވޯލްޑް ކަޕުން ހަ ޓީމު ވަނީ ޖާގަ ހޯދައިފަ އެވެ.

ގަތަރުގެ ވޯލްޑް ކަޕަކީ 32 ޓީމު ހިމަނައިގެން ބާއްވާ އެންމެ ފަހު ވޯލްޑް ކަޕެވެ. ފީފާ އިން ނިންމާފައި ވަނީ 2026 ގެ ވޯލްޑް ކަޕުގައި 48 ޓީމު ވާދަކުރާ ގޮތަށެވެ.

ވޯލްޑް ކަޕް 2022 އަށް މިހާތަނަށް ކޮލިފައިވި ގައުމުތައް

- ގަތަރު (މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން)

- ޖަރުމަން

- ޑެންމާކް

- ބްރެޒިލް

- ބެލްޖިއަމް

- ފްރާންސް