Roadha Mihaaru
އެމްބާޕޭ އަށް ރަތްދޫލަ އަޅައި ނުދޭނަން: ވޯކާ

އެމްބާޕޭ އަށް ރަތް ދޫލަ އަޅައި ނުދޭނަން: ވޯކާ

08 ޑިސެމްބަރ 2022

ދޯހާ (ޑިސެމްބަރު 8) - ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑުން ފްރާންސާ ދެކޮޅަށް ކުޅޭ މެޗުގައި އެ ގައުމުގެ ތަރި ކިލިއަން އެމްބާޕޭ އަށް "ރަތް ދޫލަ އަޅައި" ޖާގަ ނުދޭނެ ކަމަށް އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯލާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދޯހާ (ޑިސެމްބަރު 8) - ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑުން ފްރާންސާ ދެކޮޅަށް ކުޅޭ މެޗުގައި އެ ގައުމުގެ ތަރި ކިލިއަން އެމްބާޕޭ އަށް "ރަތް ދޫލަ އަޅައި" ޖާގަ ނުދޭނެ ކަމަށް އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯލާ ބުނެފި އެވެ.

މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ބުނީ އޭނާ ފްރާންސް ޓީމުގެ އެންމެ ކުޅުންތެރިއަކަށް ވުރެ ބޮޑަށް މުޅި ޓީމާ މެދު ވިސްނަން ޖެހޭ ކަމަށެވެ.

އުމުރުން 23 އަހަރުގެ އެމްބާޕޭ އަކީ މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ފަސް ގޯލު ޖަހައިގެން ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް ކުޅުންތެރިޔާ އެވެ.

"އަހަރެންނަށް އެނގޭ އަހަރެން މަސައްކަތް ކޮށްގެން އޭނާ [އެމްބާޕޭ] ހުއްޓުވަން ޖެހޭކަން. ބުނަން ފަސޭހަ، އެކަމަކު އަހަރެން އަމިއްލަ ނަފްސަށް އިތުބާރު ކުޑައެއް ނުކުރަން،" ވޯކާ، 32، ބުންޏެވެ.

"އޭނާ އަކީ ފޯމުގައި ހުރި ވަރަށް މޮޅު ކުޅުންތެެރިއެއް. އޭނާ ހުއްޓުވުން ފަސޭހަ ކަމަކަށް ނުވާނެ. އެކަމަކު ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ހައިސިއްޔަތުން އެންމެ މޮޅު ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ބޭނުންވޭ އަދި އަހަރެން ދެކެނީ އެއީ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއް ކަމަށް. ނޫން ނަމަ އެއީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ."

އެމްބާޕޭ، ޕޮލެންޑް ކޮޅަށް ގޯލެއް ޖެހުމަށް ފަހު އުފާފާޅޫކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެމްބާޕޭ، ޕޮލެންޑް ކޮޅަށް ގޯލެއް ޖެހުމަށް ފަހު އުފާފާޅޫކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެމްބާޕޭ އާއެކު ފްރާންސް ޓީމުގައި ހިމެނޭ ސެންޓަ ބެކް އިބްރާހިމާ ކޮނާޓޭ ބުނީ، އެމްބާޕޭ އާއި ވޯކާ އަކީ މޮޅު ދެ ކުޅުންތެރިން ކަމަށާއި ދެ ކުޅުންތެރިންގެ ކުރިމަތިލުން އިންތިޒާރު ކުރާ ކަމަށެވެ.

"ވޯކާ އާއި އެމްބާޕޭ އަކީ ވަރަށް މޮޅު ދެ ކުޅުންތެރިން. ވޯކާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކަނާތު ބެކް، ދެ ކުޅުންތެރިންގެ ކުރިމަތިލުން ދެކިލަން ކެތްމަދު ވެފައި މިހުރީ،" ލިވަޕޫލަށް ކުޅެމުން އަންނަ ކޮނާޓޭ ބުންޏެވެ.

އެމްބާޕޭއާ ދެކޮޅަށް ކުޅުމަކީ ވޯކާ އަށް އާ ކަމަކަށް ނުވާނެ އެވެ. ފާއިތުވި ދެ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވެސް އެމްބާޕޭ ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީ އާއި ސިޓީ ވަނީ ކުރިމަތި ލައިފަ އެވެ.

ދެ ކުޅުންތެރިން ވެސް ކުޅުނު ހަތަރު މެޗުގެ ތެރެއިން ސިޓީ އިން ތިން މެޗު ކާމިޔާބު ކުރި އެވެ. ޕީއެސްޖީ ވަނީ އެއް މެޗު ކާމިޔާބު ކޮށްފަ އެވެ. މީގެ ތެރެއިން އެމްބާޕޭ އަށް ލަނޑެއް ޖެހުނީ މިދިޔަ ސީޒަންގެ ގުރޫޕް ސްޓޭޖުގައި ޕީއެސްޖީ ބަލިވި މެޗުގަ އެވެ.

ވޯކާއާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަން ފާހަގަ ކުރެވޭ ކަމަށް އެމްބާޕޭ ވަނީ މީގެ ކުރިން ބުނެފަ އެވެ.

ފްރާންސާ ދެކޮޅަށް ނުކުތުމުގެ ކުރިން ވޯކާ، މީޑީއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ފްރާންސާ ދެކޮޅަށް ނުކުތުމުގެ ކުރިން ވޯކާ، މީޑީއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ކޮނާޓޭގެ ވާހަކަތަކާ ގުޅުވައިގެން ވޯކާ ބުނީ، އެ ވާހަކަތަކުން ހިތްހަމަޖެހުމެއް ލިބޭ ކަމަށާއި، އެއީ އެމްބާޕޭ އަށް އޭނާއާ ދެކޮޅަށް ކުޅެން އުނދަގޫ ވި ކަން ފާހަގަ ވި ކަމަށެވެ.

"އެ ވާހަކަ އަޑުއިވުމުން ހިތްހަމަ ޖެހޭ، އެއީ އޭނާ އަށް އަހަރެންނާ ދެކޮޅަށް ކުޅެން އުނދަގޫތަކެއް ކުރިމަތިވި. އަހަރެންނަށް އެނގޭ އޭނާ އަކީ ވަރަށް މަތީ ލެވެލެއްގެ ކުޅުންތެރިއެއްކަން، އެކަމަކު އަހަރެމެން މި ކުޅެނީ ޓެނިހެއް ނޫން. މިއީ ފަރުދީ ކުޅިވަރެއް ނޫން. މިއީ ޓީމް ކުޅިވަރެއް،" މެންޗެސްޓާ ސިޓީ އަށް ކުޅޭ ވޯކާ ބުންޏެވެ.

"އޭނާއަށް އިހުތިރާމް ދޭން ޖެހޭ، އެކަމަކު އެހާ ބޮޑަކަށް ނޫން. ގަބޫލު ކުރަން އެއީ އުނދަގޫ މެޗަކަށް ވާނެ އެކަމަކު ޓީމު ބިނާވެފައި އޮންނާނީ އެންމެ ކުޅުންތެރިއަކަށް ނޫން.

"އަހަރެން އޭނާ އަށް ރަތް ދޫލަ އަޅައިދީ ލަނޑު ޖަހަން ފުރުސަތެއް ނުދޭނަން. މިއީ ވޯލްޑް ކަޕް، މަރުގެ ކުރިމަތިލުމެއް މިއީ."

އިންގްލެންޑާއި ފްރާންސް ވެސް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދިޔައީ ގުރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. ގަދަ 16 ގައި އިންގްލެންޑް ވަނީ ފަސޭހަ ކަމާ އެކު 3-0 އިން ސެނެގާލް ބަލިކޮށްފަ އެވެ. އަދި ފްރާންސް ކުއާޓާ އަށް ދިޔައީ 3-1 އިން ޕޮލެންޑް ބަލިކޮށްފަ އެވެ.

ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހަން އެހީވީ އެމްބާޕޭ އެވެ. އަދި ފަހު ހާފުގައި ފްރާންސުން ޖެހި ދެ ގޯލު ވެސް ޖަހައިދިނީ އޭނާ އެވެ.

"އަހަރެމެން ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ހަމައެކަނި އެމްބާޕޭ އަކަށް ނުވިސްނަން، ހޮނިހިރު ދުވަހު ވެސް ކަން އޮންނާނީ ހަމަ އެ ގޮތަށް،" ވޯކާ ބުންޏެވެ.

"އޭނާ އަކީ އެ ޓީމުގެ އެންމެ މުހިއްމު އެއް ހަތިޔާރު، ވަރަށް ރަނގަޅު ހަތިޔާރެއް. އެކަމަކު ދެން ތިބި ކުޅުންތެރިންން އަންޑައެސްޓިމޭޓެއް ނުކުރެވޭނެ."

އިންގްލެންޑާއި ފްރާންސް ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 12 ޖަހާއިރެވެ.