Roadha Mihaaru
ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭން އެދިއްޖެ

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ގޮވާލައި ގަރާރުތަކެއް!

22 މާޗް 2023

މިނިސްޓްރީތަކުގައި މަސައްކަތްކުރާ ސިވިލް ސާވެންޓުންނެކޭ އެއްގޮތަށް ލޯކަލް ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް ވެސް ހާއްސަ އެލަވަންސް ދިނުމަށް ގޮވާލައި ކައުންސިލްތަކުން ގަރާރު ފާސްކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިނިސްޓްރީތަކުގައި މަސައްކަތްކުރާ ސިވިލް ސާވެންޓުންނެކޭ އެއްގޮތަށް ލޯކަލް ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް ވެސް ހާއްސަ އެލަވަންސް ދިނުމަށް ގޮވާލައި ކައުންސިލްތަކުން ގަރާރު ފާސްކުރަން ފަށައިފި އެވެ.

ކަންބޮޑުވުން ފާޅުކޮށް، ބައެއް ކައުންސިލްތަކުން ނެރުނު ގަރާރުގައި ބުނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާތާ 13 އަހަރު ވާ އިރު ވެސް އެ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ އަށް އެދެވޭ ބަދަލުތަކެއް އައިސްފައި ނުވާ ކަމަށެވެ. އޭގެ ސަބަބުން ނޭދެވޭ ނަތީޖާ ނުކުންނަކަން ފާހަގަކުރި އެވެ.

މުސާރަ ބޮޑުކުރުމަށް ގޮވާލައި ގަރާރު ނެރުނު ކައުންސިލްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި ހދ. ފިނޭ އާއި ހއ. މޮޅަދޫ އަދި ނ. ކުޑަފަރީ ކައުންސިލް ހިމެނެ އެވެ.

އެ ކައުންސިލްތަކުން ބުނިގޮތުގައި، ރަށުގައި ހުންނަ ދައުލަތުގެ އެހެން އޮފީސްތަކަށް ވުރެ، ލާމަރުކަޒީ ގާނޫނުގެ ހުރިހާ ޒިންމާތަކެއް މަތިކޮށްފައިވާ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ އާއި އެލަވެންސް ކުޑަވެފައި ފަރަގު ބޮޑުވުމަކީ ކަންބޮޑުވާ ކަމެކެވެ. އޭގެ ސަބަބުން ކިޔަވައިގެން ތިބި ތަޖުރިބާ ހުރި ރަނގަޅު މުވައްޒަފުން ކައުންސިލްތަކުގެ ވަޒީފާތަކުން ވަކިވެ އެހެނިހެން ވަޒީފާތަކާ ގުޅި، އަދި ކިޔަވައިގެން ތިބި ރަނގަޅު މުވައްޒަފުން ހޯދުމަށްވެސް ދަތިވާ ކަމަށް ބުންޏެވެ.

އެ ސަބަބުތަކާ ހުރެ، ސިވިލް ސާވިސް މުވައްޒަފުންނަށް އެކި ނަން ނަމުގައި ދޭ 35 ޕަސެންޓް އެލަވެންސް، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް ދިނުމަށް އެ ކައުންސިލްތަކުން ގޮވާލާފައިވެ އެވެ.

" ދައުލަތުގެ ގިނަ ވުޒާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި މުސާރައިގެ 35 ޕަސެންޓް އެލަވަންސެއް ދެމުންގެންދާއިރު، ކައުންސިލުތަކުގެ ސިވިލް ސާވިސް މުވައްޒަފުންނަށް މިފަދަ އެލަވެންސްތައް ނުލިބި މުސާރައިގެ ފަރަގު އިންތިހާ އަށް ބޮޑުވެފައިވުމަކީ ސިވިލް ސާވިސްގެ އެކި އިދާރާތަކުގައި އެއް ހަމައެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއް ކަމުގައި މި ކައުންސިލުން ދެކެމެވެ." ކުޅުދުއްފުށީ ސިޓީ ކައުންސިލް މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި ގަރާރުގައި ވެ އެވެ.

ކައުންސިލް އިދާރާތަކަކީ ރަށްފުށުގައި އެންމެ މަސްއޫލު އަދި އެންމެ ޒިންމާ ބޮޑު ތަނަށްވެފައި، ތަނުން ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މުވައްޒަފުންގެ ޒިންމާތަކާއި އެކަށީގެންވާ މުސާރައެއް އެ މުވައްޒަފުންނަށް ލިބެންޖެހޭނެކަމަށް ގަބޫލުކުރަމެވެ،" --- އޮމަދޫ ކައުންސިލް

އެ ގަރާރުތަކުގައި ބުނީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ހައިބްރިޑް ސިސްޓަމް ތައާރަފުކޮށް، ކައުންސިލްގެ މުވައްޒަފުންނަށް ވަކި އިދާރީ އޮނިގަނޑެއް ހެދިއަސް، އެއީ މިހާތަނަށް ހަދާފައިވާ ހުރިހާ އިދާރީ އޮނިގަނޑުގެ ތެރެއިން އެންމެ މުސާރަ ކުޑަ އޮނިގަނޑު ކަމަށެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތައް ބަޔާންކޮށް މޭ 1، 2022 ގައި ގެޒެޓްކުރި އުސޫލުގައި މުއައްސަސާތައް ހަތަރު ގިންތި އަށް ބަހާލާފައިވާއިރު، އެ ގިންތީގެ އެންމެ ތިރިން ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ހިންގުމުގައި ހިމެނޭ ކައުންސިލްތަކުގެ އިދާރީ އޮނިގަނޑެވެ. އެ ގިންތީގެ ވެސް އެންމެ ދަށް ކެޓަގަރީ ހާއްސަ ކޮށްފައި ވަނީ ރަށު ކައުންސިލްތަކެވެ. ކައުންސިލްތަކަކީ ދައުލަތުގެ ވުޒާރާތަކުގެ ތެރެއިން ގުނޭ އިދާރާތަކަށްވެސް ނުވާ ކަމަށް ގަރާރުގައި ވެ އެވެ.

ނަމަވެސް، އެކަން ބަދަލުކޮށް، ސަރުކާރުގެ ވުޒާރާތަކުގެ ލެވެލްގައި ކައުންސިލްތައް ބަލަައިގަންނަޖެހޭ ކަމަށް ބުންޏެވެ.

"ކައުންސިލް އިދާރާތަކަކީ ރަށްފުށުގައި އެންމެ މަސްއޫލު އަދި އެންމެ ޒިންމާ ބޮޑު ތަނަށްވެފައި، ތަނުން ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މުވައްޒަފުންގެ ޒިންމާތަކާއި އެކަށީގެންވާ މުސާރައެއް އެ މުވައްޒަފުންނަށް ލިބެންޖެހޭނެކަމަށް ގަބޫލުކުރަމެވެ،" އޮމަދޫ ކައުންސިލްގެ ގަރާރުގައި ވެ އެވެ.

މުވައްޒަފުންގެ މަސައްކަތު ފެންވަރަށް ބަލައި އަހަރުން އަހަރަށް މުސާރައިގެ ކުރިއެރުން ލިބެން ޖެހޭނެ ގޮތަށް މުވައްޒަފުންގެ އިދާރީ އޮނިގަނޑު ބައްޓަން ކުރަން ޖެހޭނެ ކަމަށް ވެސް ކައުންސިލްތަކުން ވަނީ ގޮވާލައިފަ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ގަރާރުގައި ބުނީ، ސިޓީ ކައުންސިލަށް ލާމަރުކަޒީ ގާނޫނު އަދި އެހެނިހެން ގާނޫނުާއި ގަވައިދުގެ ދަށުން އެތައް ޒިންމާތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ. ކާރިސާތަކުން ރައްކާތެރިވުމާއި ގެވެށި އަނިޔާ ހުއްޓާލުމާއި އަމަން އަމާން ބެލެހެއްޓުމާ ގުޅުން ހުރި އެކި ޒިންމާފަދަ އެތައް ޒިންމާއެއް ހަވާލުކޮށްފައިވެ އެވެ.

މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާއި އެކި އިދާރާތަކުން ރަށްރަށުގައި ހިންގާ ހުރިހާ ޕްރޮޖެކްޓުތަކާއި ހަރަކާތްތައް ހިންގުމުގައި ކައުންސިލްގެ މުވައްޒަފުން އެތައް ވަގުތެއް ހޭދަކުރަންޖެހޭ ކަމަށް ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ގަރާރުގައި ބުންޏެވެ.

"ނަމަވެސް މުސާރައިގެ ގޮތުން މަތީ ގިންތީގެ އިދާރާތަކުގެ އެތައް މަސައްކަތްތަކާއި ރަށްފުށުގެ ވަކި ހާއްސަ އިތުރު މަސައްކަތްތަކެއް މަތިކޮށް، އެ އިދާރާތަކަށް ވުރެ ކުޑަ މުސާރައެއް ކައުންސިލްތަކަށް ލިބޭގޮތަށް އޮތުމަކީ މި ކައުންސިލުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" އެ ގަރާރުގައި ވެ އެވެ.