Roadha Mihaaru
ވެލާގެ އާބާދީއަށް އަންނަ ބަދަލު ދެނެގަތުމަށް ދިރާސާއެއް

ވެލާގެ އާބާދީއަށް އަންނަ ބަދަލު ދެނެގަތުމަށް ވަންދޫގައި ދިރާސާއެއް ކުރަނީ

21 މާޗް 2023

ވެލާގެ އާބާދީއަށް އަންނަ ބަދަލު ދެނެގަތުމަށް، ރާއްޖޭގައި އެންމެ ގިނައިން ވެލާ އަރާ އެއް ރަށް ކަމަށްވާ ރ. ވަންދޫގައި ދިރާސާއެއް ކުރަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވެލާގެ އާބާދީއަށް އަންނަ ބަދަލު ދެނެގަތުމަށް، ރާއްޖޭގައި އެންމެ ގިނައިން ވެލާ އަރާ އެއް ރަށް ކަމަށްވާ ރ. ވަންދޫގައި ދިރާސާއެއް ކުރަން ނިންމައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ މި ދިރާސާ ކުރަނީ އެ މިނިސްޓްރީ އާއި ވެމްކޯ އަދި ވެލާކަހަނބުގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ، އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) ގުޅިގެން ކަމަށެވެ. އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހަށް ވަންދޫގެ ގޮނޑުދޮށް މޮނިޓާކޮށް، ބަލައި ދިރާސާ ކުރާނެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި، މިއީ ވެލާގެ އާބާދީއަށް އަންނަ ބަދަލުތައް ބަލައި، އެ އެއްޗެހި އާލާވާ މިންވަރު ދެނެގަތުމަށް ކުރާ ދިރާސާއެކެވެ.

ވެމްކޯ އިން ބަލަހައްޓަމުން އަންނަ ވަންދޫއަކީ އުތުރުގެ ބައެއް އަތޮޅުތަކުގައި އުފެދޭ ކުނި، މެނޭޖުކުރަން ގެންދާ ރަށެކެވެ. އަދި އެ ރަށަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން، ބިސްއެޅުމަށް އެންމެ ގިނައިން ވެލާ އަރާ އެއް ރަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ވެލާގެ އާބާދީއަށް އަންނަ ބަދަލު ދެނެގަތުމަށް ވަންދޫގައި ދިރާސާއެއް ކުރުމުގެ އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ވެމްކޯ އަދި އޯއާރުޕީން ސޮއިކުރަނީ -- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ވެލާގެ އާބާދީއަށް އަންނަ ބަދަލު ދެނެގަތުމަށް ވަންދޫގައި ދިރާސާއެއް ކުރުމުގެ އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ވެމްކޯ އަދި އޯއާރުޕީން ސޮއިކުރަނީ -- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

އެއްބަސްވުމުގެ ދަށުން ކުރާނެ ކަންކަން

• ދިރާސާގެ މަސައްކަތަށް ވެމްކޯއިން އެސިސްޓެންޓް އެންވަޔަރުމެންޓަލް ސޭފްގާޑްސް އޮފިސަރުން ނަގާނެ.

• އޮފިސަރުންގެ ޒިންމާއަކީ އެ ރަށުގައި ވެލާ ބިސް އަޅާ ތަންތަން މޮނީޓާކޮށް، ހިމާޔަތްކުރާނެ.

• އޯއާރުޕީއާ ގުޅިގެން މި އޮފިސަރުން ތަމްރީނުކުރާނެ.

• އެ ރަށުގައި މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުން ހޭލުންތެރިކުރުވާނެ.

މިނިސްޓްރީން ބުނީ ރާއްޖޭގައި ވެލާ އާލާކުރުމުގެ މަސައްކަތުގެ ދަށުން 2021 ވަނަ އަހަރު، އީޕީއޭއާ ގުޅިގެން ރ. އިންނަމާދޫގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ދިރާސާއެއް ކުރި ކަމަށެވެ. ތިން މަސް ދުވަހަށް ކުރިއަށް ގެންދިޔަ އެ ދިރާސާގައި، އެ ރަށަށް ވެލާ އަރައި ބިސް އަޅާ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަން އެނގުނު ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި ބިސް ނެގުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި، އެ ކައި ހަދާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ.