Roadha Mihaaru
ފާރިސް، ރަނިންމޭޓަކަށް ހަމަޖައްސަން ގާސިމަށް ކަމުދޭ

ފާރިސް، ރަނިންމޭޓަކަށް ހަމަޖައްސަން ގާސިމަށް ކަމުދޭ

20 މާޗް 2023

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކާއެކު ރަނިންމޭޓަކަށް އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫނަކީ ވެސް ތައުލީމީ ގާބިލް ބޭފުޅެއް ކަމަށް ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކާއެކު ރަނިންމޭޓަކަށް އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫނަކީ ވެސް ތައުލީމީ ގާބިލް ބޭފުޅެއް ކަމަށް ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށް އެ ދެ ބޭފުޅުން ބޭއްވި ބައްދަލުވުމަށް ފަހު ގާސިމް ނޫސްވެރިން ގާތު ވިދާޅުވީ، އެ ބޭފުޅުން މަސައްކަތް ކުރަމުން އަންނަނީ މުސްތަގުބަލް އާރާސްތުކޮށް، މިނިވަންކަމާއި އިސްތިގްލާލް ސަލާމަތްކުރުމަށް ކަމަށެވެ.

އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތްތައް ވެސް ބަލަމުން އަންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެއާއެކު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް ހަމަޖެއްސުމާ ގުޅޭގޮތުން ކުރި ސުވާލަށް ވެސް ގާސިމް ކުރެއްވީ ސުވާލެކެވެ.

އޭނާ ވަނީ އެކަން ނުވާންވީ ކީއްވެގެންތޯ ސުވާލު އުފަދައްވައިފަ އެވެ. ގާސިމް ވިދާޅުވި ގޮތުގައި ފާރިސްއަކީ ވެސް ތައުލީމީ، ގާބިލް ބޭފުޅެކެވެ.

"ހަމަ ޕޮސިބުލް ދެއްތޯ، ކީއްވެގެންތޯ ނުވާނީ. ހަމަ ޕޮސިބުލް ކަންތައްތައް. ވައި ނޮޓް؟. މިހެން މި ދެންނެވީ ގާބިލް، ތައުލީމީ ބޭފުޅެއް އެ ބޭފުޅާ އަކީ ވެސް. އެކި ބޭފުޅުން ސަރުކާރުގައި ހިދުމަތް ކޮށްފައި ވާނީ އެކި މުއްދަތަށް،" މައުމޫންގެ އޮފީސް ހުންނަ، ހ. ހުރަފާގައި ބޭއްވި ބައްދަލުވުމަށް ފަހު ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ސްލޮޓެއްގައި ހުރި އެއްވެސް ބޭފުޅަކު، އެއްވެސް ސަބަބަކާ ހުރެ، އަމިއްލަ ސަބަބެއް އޮވެގެން މެނުވީ އިސްތިއުފާ ނުދެއްވާށޭ. ވަކިވެވަޑައި ނުގަންނަވާށޭ. އެއްވެސް ޕްރެޝަރަކާ ހެދި ވަކިވެވަޑައި ނުގަންނަވާށޭ،"--- ގާސިމް

ފާރިސް ވިދާޅުވީ އެ ބޭފުޅުން ކުރައްވަމުން ގެންދަވަނީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް ކަމަށެވެ. އެ ކަމުގައި ގޮތެއް ނިންމާނީ ހުރިހާ ފަރާތްތަކާ ވެސް މަޝްވަރާކުރުމަށް ފަހު، އާއްމުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށްފަހު ފާރިސް ނޫސްވެރިންނަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރިޔާސީ އިންތިހާބުގައި ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށްފަހު ފާރިސް ނޫސްވެރިންނަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އެންމެ ރަނގަޅު ސޮލިއުޝަނެއް ހޯދޭތޯ ބަލާނަން. އެ ކަމަކީ އެމްއާރުއެމްއިން ސީދާ ކެންޑިޑޭޓެއް ނެރެގެން ކުރިއަށްގެންދިއުން ކަމަށް ވަންޏާ އެކަން ވެސް އަޅުގަނޑުމެން ކޮންސިޑާ ކުރާނަން. އެގޮތުގެ މަތިން އަޅުގަނޑުމެން ކުރިއަށް މި ދަނީ،" ފާރިސް ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން ތަންކޮޅެއް އަވަހަށް ކަންކަން ނިންމަން އެދިވަޑައިގަންނަވާތީ އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވަނީ ގައުމުގެ ސިޔާސަތުތަކާ ބެހޭގޮތުން، މުސްތަގުބަލާ ބެހޭގޮތުން، މި ގައުމުގެ ހުރިހާ ރައްޔިތުންނާ ވެސް ގުޅުން ހުރި ކަންކަން. މި ކަންކަމަކީ އަވަސް އަރުވާލައިގެން ނިންމޭނެ ކަންކަމެއް ނޫން."

ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށް ދެ ޕާޓީން ވަނީ ހަ މެމްބަރުންގެ ކޮމިޓީއެއް އުފައްދައިފަ އެވެ.

އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމުމާއެކު، އެ ޕާޓީގެ ސްލޮޓުގައި ތިއްބެވި ސިޔާސީ ބޭފުޅުން ވަކިކުރުމަށް މަޖިލީހުގެ ބައެއް މެމްބަރުން ވެސް ދަނީ ގޮވާލަމުންނެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން ވަނީ ކަންބަޅި "ކަތިލާ" ގޮތަށް ޖޭޕީގެ މެމްބަރުން ކަތިލާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ ކަންބަޅިތަކެއް ކަތިލާ ގޮތަށް ކަތިލާ ކަމަށް ވާ ނަމަ އެ ބޭފުޅުން ތިބީ ނިކަމެތިކަމާއެކު އެ މަންޒަރު ބަލަން ކަމަށެވެ. ނަމަވެސް، ޖޭޕީގެ މެމްބަރުން ވަތްކެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖޭޕީގެ ސްލޮޓެއްގައި ހުރި އެއްވެސް ބޭފުޅަކު، އެއްވެސް ސަބަބަކާ ހުރެ، އަމިއްލަ ސަބަބެއް އޮވެގެން މެނުވީ އިސްތިއުފާ ނުދެއްވާށޭ. ވަކިވެވަޑައި ނުގަންނަވާށޭ. އެއްވެސް ޕްރެޝަރަކާ ހެދި ވަކިވެވަޑައި ނުގަންނަވާށޭ،" ގާސިމް ވިދާޅުވި އެވެ.