Roadha Mihaaru
މި ދެ މަހު އެންމެ ގިނަ ވާނީ ހޫނު ގަދަ ދުވަސްތައް

މި ދެ މަހު އެންމެ ގިނަ ވާނީ ހޫނު ގަދަ ދުވަސްތައް: މެޓް

20 މާޗް 2023

މިއީ ރާއްޖޭގައި އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް ވާތީ މި މާޗު މަހާއި އަންނަ މަހު އެންމެ ގިނަ ވާނީ ހޫނުގަދަ ދުވަސްތައް ކަމަށް މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިއީ ރާއްޖޭގައި އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް ވާތީ މި މާޗު މަހާއި އަންނަ މަހު އެންމެ ގިނަ ވާނީ ހޫނުގަދަ ދުވަސްތައް ކަމަށް މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކޮންމެ އަހަރެއްގެ މާޗު އަދި އޭޕްރީލް މަހަކީ އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރުގެ އެ ދުވަސްވަރާ އަޅާ ބަލާއިރު، އަދި ވެސް އެންމެ ހޫނު ގަދަވި ކަމަށް ރިކޯޑުން ދައްކަނީ އެ އަހަރުގެ މާޗު މަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މާޗު މަހު ހޫނުމިން 33.4 ޑިގްރީ ސެލްސިއަސް ވެސް އެރި އެވެ.

މި މަހުގެ މިހާތަނަށް ވެސް އެންމެ ހޫނު ގަދަވެގެން ރިކޯޑުކޮށްފައިވަނީ 32.3 ޑިގްރީ ސެލްސިއަސް އެވެ. އެއީ މި މަހުގެ 2 ގަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އަންނަ މަހާ ހަމައަށް ވައި މަޑުވެ، ކަނޑުގަދަވިޔަސް ކުޑަކޮށް ވާރޭ ވެހިދާނެ އެވެ. އެކަމަކު، އެ މުއްދަތުގައި ގިނަވާނީ ހޫނުގަދަ ދުވަސްތައް ކަމަށް މެޓުން ބުންޏެވެ.

މި ދުވަސްކޮޅު އެވްރެޖުކޮށް ހޫނުމިން އުޅެނީ 31.6 ޑިގްރީ ސެލްސިއަސްގަ އެވެ.

މެޓްގެ ވެބްސައިޓުގައި ބުނީ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެން ވާ ކަމަށެވެ. ވައި އާންމުގޮތެއްގައި މަޑުވެ، ހުޅަނގުދެކުނާއި ހުޅަނގުން ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކުރެ އެވެ.