Roadha Mihaaru
ކާބޯތަކެތި ޓެސްޓް ނުކުރާތާ އެތައް ދުވަހެއް

ދަނޑުވެރިކަމުގެ ބާވަތްތައް ޓެސްޓް ނުކުރާތާ އެތައް ދުވަހެއް!

30 މާޗް 2023

ރާއްޖޭގެ ދަނޑުވެރިކަމުގައި ގިނަ އަދަދަކަށް ކެމިކަލާއި ޕެސްޓިސައިޑް ބޭނުންކުރާ ވާހަކަ އެންމެން ވެސް ދައްކަ އެވެ. އެ ބާވަތްތަކާ ނުލައި ތަކެތި ނުހެއްދޭ ކަމަށް ދަނޑުވެރިން ވަރަށް ގިނައިން ބުނަމުންދެ އެވެ. ކަންބޮޑުވުން އޮތަސް ކަމާ ބެހޭ ފަރާތްތަކަށް އެއީ މާ ބޮޑު މައްސަލައަކަށް ނުވެ އެވެ. އޮންނަނީ އަޅާނުލައި ދޫކޮށްލައިފަ އެވެ. އެކި ސަބަބުތަކާ ހެދި އެއީ ސަރުކާރަށް ވެސް އެ ކަމެއް ނުބެލެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ދަނޑުވެރިކަމުގައި ގިނަ އަދަދަކަށް ކެމިކަލާއި ޕެސްޓިސައިޑް ބޭނުންކުރާ ވާހަކަ އެންމެން ވެސް ދައްކަ އެވެ. އެ ބާވަތްތަކާ ނުލައި ތަކެތި ނުހެއްދޭ ކަމަށް ދަނޑުވެރިން ވަރަށް ގިނައިން ބުނަމުންދެ އެވެ. ކަންބޮޑުވުން އޮތަސް ކަމާ ބެހޭ ފަރާތްތަކަށް އެއީ މާ ބޮޑު މައްސަލައަކަށް ނުވެ އެވެ. އޮންނަނީ އަޅާނުލައި ދޫކޮށްލައިފަ އެވެ. އެކި ސަބަބުތަކާ ހެދި އެއީ ސަރުކާރަށް ވެސް އެ ކަމެއް ނުބެލެ އެވެ.

ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރާ ހާއްސަ އިދާރާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ސީނިއާ ސައިންޓިފިކް އޮފިސާ ސާޖިދާ މުހައްމަދު ވިދާޅުވީ، ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް (ގެޕް) އަށް އަމަލު ކުރުން ރާއްޖޭގައި ލާޒިމު ނުކުރާތީ، އެކަން ނުބެލެހެއްޓޭ ކަަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި 7،536 ދަނޑުވެރިން އުޅޭ އިރު ގެޕްގެ ސްޓޭންޑަޑަށް އަމަލު ކުރަނީ އެންމެ ދަނޑުވެރިއެކެވެ. ކެމިކަލާއި ޕެސްޓިސައިޑް ބޭނުންކުރާ ވަރު ބެލުމުގެ ބާރެއް ވެސް ގާނޫނީ ގޮތުން އެމްއެފްޑީއޭ އަކަށް ނެތެވެ. ދަނޑުވެރިންގެ މަސައްކަތް ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ވެސް ރާއްޖޭގައި ނެތެވެ.

ރާއްޖޭގައި އުފައްދާ ތަކެތި ޓެސްޓް ކުރެވޭނެ ނިޒާމު ވެސް އޮތީ އެހާމެ ދޯދިޔާކޮށެވެ. ކާބޯތަކެތި ޓެސްޓް ކުރާ ލެބެއް އެމްއެފްޑީއޭގައި ގާއިމްކޮށްފައި ހުއްޓަސް، ޕެސްޓިސައިޑްތައް ޓެސްޓް ކުރެވޭނެ މެޝިނަރީއެއް ނެތެވެ. އެހެންވެ، ރާއްޖެ އަށް ޖެހެނީ އެހެން ގައުމުތަކަށް ފޮނުވައިގެން ޓެސްޓް ކުރާށެވެ. އެކަން ވެސް ކުރަނީ އަހަރަކު އެއް ފަހަރު އެވެ. އެ ވަރު ވެސް ގިނަ ފަހަރު އޮންނަނީ ނުކުރެވިފަ އެވެ.

"މި ވަގުތު އަޅުގަނޑުމެންނަށް ރާއްޖޭގައި ޕެސްޓިސައިޑް ރެސިޑިއު ޓެސްޓިންއެއް ނޫނީ މެކްސިމަމް ރެސިޑިއު ލިމިޓެއް ބެލުމުގެ ގާބިލް ކަމެއް ނެތް. އެހެން ނަމަވެސް ރާއްޖޭން ބޭރަށް ފޮނުވައިގެން އެބަ ބަލަން ރާއްޖޭގައި އުފައްދާ ތަކެތީގެ ރެސިޑިއު ލިމިޓު ހުންނަނީ ކިހިނެއްތޯ،"

"މި ވަގުތު އަޅުގަނޑުމެންނަށް ރާއްޖޭގައި ޕެސްޓިސައިޑް ރެސިޑިއު ޓެސްޓިންއެއް ނޫނީ މެކްސިމަމް ރެސިޑިއު ލިމިޓެއް ބެލުމުގެ ގާބިލް ކަމެއް ނެތް. އެހެން ނަމަވެސް ރާއްޖޭން ބޭރަށް ފޮނުވައިގެން އެބަ ބަލަން ރާއްޖޭގައި އުފައްދާ ތަކެތީގެ ރެސިޑިއު ލިމިޓު ހުންނަނީ ކިހިނެއްތޯ،" ސާޖިދާ ވިދާޅުވި އެވެ.

އެކަމަކު، ޕެސްޓިސައިޑް ޓެސްޓް ކުރުމަށްޓަކައި ރާއްޖޭގައި އެފަދަ ލެބެއް ހެދުމުގެ މަސައްކަތް އެމްއެފްޑީއެފް އިން މިހާރު އަންނަނީ ކުރަމުންނެވެ.

ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން ރާއްޖޭގައި އުފައްދަނީ ގާތްގަނޑަކަށް ފަސް ޕަސެންޓެވެ. ބާކީ 95 ޕަސެންޓް ބާވަތްތައް ގެންނަނީ ރާއްޖެ އިން ބޭރުންނެވެ.

އެންމެ ފަހުން ޓެސްޓް ކުރި ފަހުން އަހަރެއް ވެއްޖެ

ރާއްޖޭގައި ކާބޯތަކެތި އެންމެ ފަހުން ޓެސްޓް ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެ ފަހަރު ވަނީ ރާއްޖޭގައި އެންމެ ގިނައިން ބޭރުންކުރާ ބާވަތްތައް ޓެސްޓް ކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ޓެސްޓު ކުރީ މިރުހާއި ކޮޕީ ފަތް ފަދަ ތަކެއްޗެވެ.

"އެ ތަކެތި ބެލި އިރު އޭރު ކުރި ޓެސްޓްތަކަކުން ނެތް އެހާ އެލާމިން [ކަންބޮޑުވާ] ވަރަކަށް ޕެސްޓިސައިޑް ރެސިޑިއު ފެނިފައެއް. އެހެން ނަމަވެސް، ޓެސްޓުން ބެލީ ދިވެހިރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޕެސްޓިސައިޑްތަކުގެ ތެެރެއިން އެ ޕެސްޓިސައިޑްތައް ހުރިތޯ، ނެތް ތޯ،"

"އެ ތަކެތި ބެލި އިރު އޭރު ކުރި ޓެސްޓްތަކަކުން ނެތް އެހާ އެލާމިން [ކަންބޮޑުވާ] ވަރަކަށް ޕެސްޓިސައިޑް ރެސިޑިއު ފެނިފައެއް. އެހެން ނަމަވެސް، ޓެސްޓުން ބެލީ ދިވެހިރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޕެސްޓިސައިޑްތަކުގެ ތެެރެއިން އެ ޕެސްޓިސައިޑްތައް ހުރިތޯ، ނެތް ތޯ،" ސާޖިދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ޓެސްޓުގެ ނަތީޖާ އިން ކަންބޮޑުވާ ކަމެއް ނުފެނުނަސް ރާއްޖޭގައި އުފައްދާ ތަކެތި އެންމެ ރަނގަޅަށް މޮނިޓާއެއް ނުކުރެވެ އެވެ.

"ވަރަށް އަގު ބޮޑު ކަމެއް ރާއްޖެ އިން ބޭރަށް ފޮނުވައިގެން އެ ކަންކަން ކުރުމަކީ. އަދި ސާމްޕަލް ފޮނުވައިގެން އަހަރަކު އެއް ފަހަރު ވެސް އެކަން ކުރަން މި އޮންނަނީ ވަރަށް ބޮޑު ކަމަކަށް ވެފައި،" ސާޖިދާ ވިދާޅުވި އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ބަލާނެ ނިޒާމެއް ނެތް

ރާއްޖޭގައި ދަނޑުވެރިކަން ކުރާތާ އެތައް އަހަރެއްވީ އިރު ވެސް ކެއުންބުއިމުގައި ބޭނުންކުރާ ތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ނެތެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރާ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވިތާ ވެސް ދެ އަހަރު ވެއްޖެ އެވެ. އެ ބިލްގެ މަސައްކަތް ނިންމާކަށް ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ޝައުގެއް ވެސް ނެތެވެ. އެހެން ނޫން ނަމަ މަޖިލިހުގެ އިދާރާގައި ދެ އަހަރު ވަންދެން އެ ބިލް ބާއްވައިގެން ތިބުމުގެ ބޭނުމެއް ނެތެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ، އެ ބިލް ފާސްނުކުރެވިގެން އުޅެނީ ވިޔަފާރިވެރިންގެ ނުފޫޒުގެ ސަބަބުންނެވެ.

"ވިޔަފާރިވެރިންގެ ނުފޫޒާ ހެދި، އިކޮނޮމިކް މިނިސްޓްރީން ވެސް އެ ފާސްކުރަން ބޭނުން ނުވަނީ. އެހެންވެ، މަޖިލީހުން ވެސް އެ ބިލަށް އިސްކަން ނުދެނީ. ސަރުކާރުން ފާސްކުރަން ބޭނުން ނުވާ ބިލެއް، މަޖިލީހަކުން ފާސްނުވާނެއެއްނު،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހައްދާފައި ހުރި މެލަންތަކެއް: ޓެސްޓެއް ނުކުރެވޭ -- ފައިލް ފޮޓޯ: މިހާރު

ރާއްޖޭގައި ހައްދާފައި ހުރި މެލަންތަކެއް: ޓެސްޓެއް ނުކުރެވޭ -- ފައިލް ފޮޓޯ: މިހާރު

އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރު ސާޖިދާ ވެސް ވިދާޅުވިގޮތުގައި، އެ އިދާރާއިން ކުރާ މަސައްކަތަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެސް ނިޒާމެއް ނުވަތަ އުސޫލެއް ނެތުމެވެ.

"މިއަދު ކަންކަން ހުރި ގޮތުން އަސްލު ހުރިހާ ކަމެއް ބަރޯސާވެފައި އޮންނަނީ ބިދޭސީންނަށް. އެ ފަރާތްތަކުން އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ އެހާ ވަރަށް ނުބަލާ ކަން. ބައެއް ފަހަރު ޕެސްޓިސައިޑް އަޅަން ޖެހޭ މިންވަރަށް ވުރެ ގިނައިން އެބަ އަޅާ މޮޅު ކޮށްލަން،" އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ނޭނގި ތިބެ މި ކުރެވޭ ކަންކަމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން އެބަ ގެއްލޭ."

ޕެސްޓިސައިޑް ބޭނުންކޮށްގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާތާ 30 އަހަރު ވީއިރު އެ ތަކެތި ޓެސްޓް ކުރެވޭނެ ގޮތެއް ރާއްޖޭގައި ނެތުމަކީ މިހާތަނަށް އައި ހުރިހާ ސަރުކާރެއްގެ އެންމެ ބޮޑު ފެއިލިއާ އެވެ. އެކަން ހައްލު ކުރަން ސަރުކާރުތަކުން މަސައްކަތް ނުކުރުމުން، އާންމުންނަށް މިއަދު ބާޒާރުން ލިބެން ހުންނަ ތަކެތީގެ ރައްކާތެރިން ކަށަވަރެއް ނޫނެވެ. އެ ތަކެތި ކައިގެން މީހާ އަށް ބޮޑު ސިއްހީ މައްސަލައެއް ކުރިމަތިވެދާނެތޯ ނުވަތަ ނޫންތޯ ޔަގީން ކުރެވޭނެ އެއްވެސް ނިޒާމެއް މި ގައުމަކު ނެތެވެ. އިދާރާތައް އުފައްދާފައި ތިއްބަސް ބާރެއް ނެތެވެ.

"މިހާރު"ގެ "މެދުސަފުހާ" އަށް ހޯދި މައުލޫމާތުތަކުންނާއި އިންޓަވިއުތަކުން ފެނުނީ އެ ކަމެވެ.