Roadha Mihaaru
ހިޔާގެ ކުލި ކުޑަކުރަން ސަރުކާރުން މަޝްވަރާކުރަނީ

ރައީސް، ހިޔާ ޖަމިއްޔާއާ ބައްދަލުކުރައްވައިފި، ކުލި ކުޑަކުރަން ސަރުކާރުން މަޝްވަރާކުރަނީ

19 މާޗް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާއާ މިއަދު ބައްދަލުކުރައްވައި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ އިސް މެމްބަރުންނާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާއާ މިއަދު ބައްދަލުކުރައްވައި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ އިސް މެމްބަރުންނާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި، އެއީ ހުޅުމާލޭގެ ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހެޅީ ކުލި އަގުބޮޑުވުމުގެ މައްސަލަ އެވެ.

ހިޔާ ރައްޔިތުންގެ ގުޅުން ޖަމިއްޔާގެ ސުޕަ އެޑްމިން އަލީ ރިފާއު "މިހާރު" އަށް ވިދާޅުވީ، ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށެވެ. އަދި ކުލި ކުޑަކުރެވިދާނެ ގޮތުގެ ތިން އިހުތިޔާރެއް ވެސް ރައީސް ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހިޔާ ރައްޔިތުންގެ ގުޅުން ޖަމިއްޔާގެ އިސް މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހިޔާ ރައްޔިތުންގެ ގުޅުން ޖަމިއްޔާގެ އިސް މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެއީ؛

• ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ފްލެޓްގެ ވެރިން ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތަށް ކުލި ކުޑަކޮށްދިނުން.

• ސާވޭއަކަށް ފަހު ކޮންމެހެން ކުލި ކުޑަކޮށްދޭން ޖެހޭ މީހުންނަށް އެކަން ސަރުކާރުން ކޮށްދިނުން.

• އެންމެންނަށް ސަރުކާރުން ކުލި ކުޑަކޮށްދިނުން.

ރިފާއު ވިދާޅުވި ގޮތުގައި، ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންގެ ހާލަތު ދެނެގަތުމަށް ކުރަމުން އަންނަ ސާވޭއަށް ބަލައި، ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ހާއްސަ ކޮމިޓީއަކުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ރައީސް ދެއްވި ޔަގީން ކަމަކީ މި ތިން އޮޕްޝަނާއެކު، ރައީސް ބާއްވާ ކޮމެޓީއާއެކު ބައްދަލުކުރެއްވުމަށް ފަހު، އެ ބޭފުޅުންނާ މަޝްވަރާކޮށްފައި، އެ ބޭފުޅުންގެ ނިންމެވުންތަކާއެކު އަދި އެއް ފަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާނެ ކަމަށް. އަދި ރަސްމީކޮށް ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށް،" ރިފާއު ވިދާޅުވި އެވެ.

ހިޔާގެ ކުލީގެ ގޮތުގައި މިހާރު ދައްކަން ޖެހެނީ މަހަކު 8،500ރ. އެވެ. އެ އަދަދު 5،000ރ. އަށް ކުޑަކޮށްދިނުމަށް ގޮވާލައި އެކި ފަހަރު މަތިން އެތަނުގައި ދިރިއުޅޭ މީހުން މުޒާހަރާ ވެސް ކުރި އެވެ. އެކަމަކު، ސަރުކާރުން އޭރު ބުނަމުން ދިޔައީ އެ އަދަދަށް ކުލި ކުޑަކުރެވެން ނެތް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހިޔާ ރައްޔިތުންގެ ގުޅުން ޖަމިއްޔާގެ އިސް މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހިޔާ ރައްޔިތުންގެ ގުޅުން ޖަމިއްޔާގެ އިސް މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހިޔާ ފްލެޓްގެ މީހުންގެ ޖަމިއްޔާގެ އިސް މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރެއްވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފަށަން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

ރިފާއު ވިދާޅުވީ ރައީސާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި، ހިޔާގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ އިޖުތިމާއީ ދަތިތަކާއި ޕަބްލިކް ޓްރާންސްޕޯޓް ދަތިކަން އަދިވެސް އިތުރު ކަންކަން ހުށަހެޅި ކަމަށެވެ. އަދި ވިނަރެސް ފްލެޓްތަކުގެ ޑިޕޮސިޓް ފައިސާ އެއްކޮށް ދެއްކުމުގެ ބަދަލުގައި، އެ އަށް ލުޔެއް ގެނެސްދިނުމަށް ވެސް މަޝްވަރާކުރި ކަމަށް ވިދާޅުވި އެވެ.