Roadha Mihaaru
ފްލެޓު ނުލިބޭ މީހުންނަށް ހައްލު ހޯދައިދޭނެ: ރައީސް

ހައްގު އެތައް ބަޔަކު ފްލެޓު ނުލިބި ހުރުމަކީ އެކަށީގެންވާ ކަމެއް، ސަރުކާރުން ހައްލު ހޯދައިދޭނެ: ރައީސް

15 ފެބުރުއަރީ 2021

ހިޔާ ފްލެޓު ހައްގުވި ނަމަވެސް ދާއިމީ ލިސްޓުގައި ނުހިމެނޭ އެތައް ބަޔަކަށް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިޔާ ފްލެޓު ހައްގުވި ނަމަވެސް ދާއިމީ ލިސްޓުގައި ނުހިމެނޭ އެތައް ބަޔަކަށް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ވާޗުއަލްކޮށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ފެށި 7،000 ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ފްލެޓުތަކަށް 25،000 މީހުން ކުރިމަތިލިއިރު، އޭގެ ތެރޭގައި ހައްގުވާ އެތައް ބަޔަކަށް ފްލެޓު ނުލިބި ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަމަށް ހައްލު ހޯދުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"...އޭގެ ތެރޭގައި އަޅުގަނޑަށް ގަބޫލުކުރެވޭ [ފްލެޓު] ހައްގުވާ އެތައް ބަޔަކަށް ނުލިބި ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އެއަށް ހައްލެއް ހޯދުމަކީ ސަރުކާރުން ކުރާނެ ކަމެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ ފްލެޓުތައް ދޫކުރާނީ ދާއިމީ ލިސްޓުގައި މައްސަލަތަކެއް ހުރި ނަމަ އެކަން އިތުރަށް ބަލައި އެންމެ ހައްގުވެރި ފަރާތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާދެއްވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާދެއްވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ތޮއްޖެހިފައިވާ މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަން ހައްލުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަޝްރޫއުތައް ނިމުމުން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ހިޔާ ފްލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިދިަ އަންގާރަ ދުވަހު ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓު ނެރުނީ ހިޔާ މަޝްރޫއުގައި ހުޅުވައިލި 12 ކެޓަގަރީ އާއި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ފްލެޓް ކަށަވަރުވާ މީހުން ވަކިން އެނގޭ ގޮތަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުގެ އަދަދަކީ 7،000 ކަމަށް ޔާމީންގެ ސަރުކާރުން ކަނޑައަޅާފައި ވިޔަސް ފްލެޓްތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރި އަށް މި ސަރުކާރުން ޚާއްސަ ކުރުމުން އެ އަދަދު 6،720 ފްލެޓަށް ވަނީ ދަށްވެފަ އެވެ.