Roadha Mihaaru
ފްލެޓްތަކުގެ ކުލި ފަސްކުރުމުގެ 171 މިލިއަން ގެއްލޭނެ

ހިޔާ ފްލެޓްތަކުގެ ކުލި ނެގުން ފަސްކުރުމުން އެޗްޑީސީ އަށް 171 މިލިއަން ރުފިޔާ ގެއްލޭނެ

27 ޑިސެމްބަރ 2021

ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން އިތުރު ތިން މަސް ދުވަހަށް ސަރުކާރުން މާފުކޮށްދިނުމުން، އެޗްޑީސީ އަށް ލިބޭ ގެއްލުން 171 މިލިއަން ރުފިޔާ އިން މައްޗަށް އަރައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން އިތުރު ތިން މަސް ދުވަހަށް ސަރުކާރުން މާފުކޮށްދިނުމުން، އެޗްޑީސީ އަށް ލިބޭ ގެއްލުން 171 މިލިއަން ރުފިޔާ އިން މައްޗަށް އަރައިފި އެވެ.

ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ އަންނަ މަހުން ފެށިގެން ހިޔާގެ 6،720 ފްލެޓުން 25 އަހަރަށް ބަހާލައިގެން 7،500ރ. ގެ މަހު ކުއްޔާއެކު، ސާވިސް ފީގެ ގޮތުގައި 1،000ރ. ނަގާށެވެ. އެކަމަކު، ފިނިޝިންއާ ނުލައި ހަވާލުކުރި، އެ ފްލެޓްގެ އެތެރޭގެ މަސައްކަތް އަދިވެސް ގިނަ ބަޔަކަށް ނިންމިފައި ނުވާތީ ސަރުކާރުން ވަނީ ކުލި ދެއްކުން ފެށުން އިތުރު ތިން މަހަށް ފަސްކޮށް، އޭޕްރީލްގައި ކުލި ނަގަން ފަށާ ގޮތަށް ބަދަލު ގެނެސްފަ އެވެ. އެކަން އިއުލާން ކޮށްދެއްވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެކަމަކު، މި ނިންމުމާ އެކު އެޗްޑީސީ އަށް ކޮންމެ މަހަކު 57.1 މިލިއަން ރުފިޔާ ގެއްލުންވާ ކަމަށް "މިހާރު" އިން ހެދި ހިސާބުތަކުން ދައްކަ އެވެ. މިއީ ތިން މަހަށް ބަލާ ނަމަ 171.4 މިލިއަން ރުފިޔާ އެވެ.

ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ފްލެޓް ލިބުނު މީހުން ގޮވައިލި ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި އެ ތަންތަން ހެދުމަށް ޗައިނާ އިން ބޮޑު ލޯނެއް ނަގާފައިވާއިރު 13 އަހަރުގެ ތެރޭގައި އެ ލޯނު އަނބުރާ ދައްކަން ޖެހެ އެވެ. ފްލެޓްތަކުގެ އަގު ހެޔޮކުރާ ނަމަ، މުއްދަތަށް ލޯނު އަނބުރާ ނުދެއްކޭނެ ކަމުގެ ބިރު އެބައޮތެވެ. އެހެންވެ، މި ވަގުތު ފްލެޓްތަކުގެ އަގު ކަނޑައަޅާފައި ވަނީ ކުރެވެން އޮތް އެންމެ ހެޔޮ އަގަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި މި ފްލެޓްތަކުގެ ކުއްޔަށް އޭރު ކަނޑައެޅީ 5،600ރ އެވެ. އެކަމަކު އެ ހިސާބު ޖެހީ ނުބައިކޮށް ކަމަށާއި އޭރު މި މަޝްރޫއު ހިންގުމަށް ހަވާލުކުރި ކުންފުންޏަކީ ވެސް އެންމެ އަގު ބޮޑުކޮށް ޕްރޮޕޯޒަލް ހުށަހެޅި ކުންފުނި ކަމަށް ވާތީ ހަޔޮ ހެޔޮކުރެވެން ނެތީ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.