Roadha Mihaaru
މަސްވެރިކަންކުރާ ގޮތްބަލަން ކިރިބަސްގެ ވަޒީރު ރާއްޖެއަށް

ރާއްޖޭގައި މަސްވެރިކަން ކުރާ ގޮތް ބައްލަވަން ކިރިބަސްގެ ފިޝަރީޒް މިނިސްޓަރު ރާއްޖެއަށް

16 މާޗް 2023

ރާއްޖޭގެ މަސްވެރިކަމާބެހޭ ކަންކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވަން ކިރިބަސްގެ ފިޝަރީޒް މިނިސްޓަރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ މަސްވެރިކަމާބެހޭ ކަންކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވަން ކިރިބަސްގެ ފިޝަރީޒް މިނިސްޓަރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން ބުނީ ކިރިބަސްގެ ފިޝަރީޒްގެ މިނިސްޓަރު ރިބަނަޓާކެ ތިވަލުގެ އެ ދަތުރުފުޅުގައި ރާއްޖޭގައި މަސްވެރިކަން ކުރަމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވައި، ކިރިބަސްގައި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ގާއިމް ކުރަން ކުރެވެންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ތިވަލުގެ އިތުރުން ކިރިބަސްގެ ފިޝަރީޒް މިނިސްޓްރީގެ އިސްވެރިންނާއި މަންދޫބުން ވެސް އެ ދަތުރުގައި ރާއްޖެ ވަޑައިގަތެވެ. އެ ވަފުދަށް ރާއްޖެއިން މަރުހަބާ ދެންނެވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގައި މަސް ޕްރޮސެސްކުރާ ފެސިލިޓީތަކަށް ޒިޔާރަތް ކުރުމާއި މަސް ދޯނިތައް ބަންނަ ގޮތް ބެލުމަށް ބޯޓުޔާޑުތަކަށް ވެސް އެ ވަފުދުން ޒިޔާރަތް ކުރާނެ ކަމަށެވެ.

ކިރިބަސްއަކީ ޕެސިފިކް ކަނޑުގައި އޮންނަ އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ ފަދަ ޖަޒީރާ ގައުމެކެވެ. އެ ގައުމުގެ ޖުމްލަ އާބާދީއަކީ 119،000 އެވެ.