Roadha Mihaaru
ގާސިމް-ނަޝީދު: ދެން އޮތް ފޯމިއުލާއަކީ މިއީ!

ގާސިމް-ނަޝީދު: ދެން އޮތް ފޯމިއުލާއަކީ މިއީ!

15 މާޗް 2023

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރިޔާސީ ރޭހުގެ ފުރަތަމަ ބުރުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް ގުޅިގެން ވާދަ ކުރުމެވެ. ދެވަނަ ދައުރެއް އިންތިހާބު ވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކިވަޑައިގަންނަވާ ހުވަފެން ހަގީގަތަކަށް ހެދުމުގެ ހުރިހާ ބާރެއް އޮތީ މިހާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އަދި ކުރީގެ އިންތިހާބުތަކުގެ "ކިންގް މޭކާ" ޖޭޕީ އަތުގަ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރިޔާސީ ރޭހުގެ ފުރަތަމަ ބުރުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް ގުޅިގެން ވާދަ ކުރުމެވެ. ދެވަނަ ދައުރެއް އިންތިހާބު ވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކިވަޑައިގަންނަވާ ހުވަފެން ހަގީގަތަކަށް ހެދުމުގެ ހުރިހާ ބާރެއް އޮތީ މިހާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އަދި ކުރީގެ އިންތިހާބުތަކުގެ "ކިންގް މޭކާ" ޖޭޕީ އަތުގަ އެވެ.

އެހެން ނަމަވެސް ފަސް އަހަރުގެ ތެރޭގައި އެކުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވަނީ ރައީސްގެ ފަހަތަށް ނާރުއްވައި، އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފަ އެވެ.

އެންމެން އިންތިޒާރު ކުރަމުން ދިޔަ އެ ނިންމުމާ އެކު ސިޔާސީ މަސްރަހުގެ އޮއިވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. މިއީ ޖޭޕީގެ ވެސް ބައެއް މެމްބަރުންނަށް ކުއްލި ޝޮކެއް އައި ނިންމުމެކެވެ. އެކަމަކު، ޖޭޕީގެ އިސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ގާސިމްގެ އެ ނިންމެވުމަކީ ކާމިޔާބު ފޯމިއުލާއެކެވެ.

"އަޅުގަނޑުމެންނަށް ވަރަށް ޔަގީން މިފަހަރު މި އޮތް ހާލަތަށް ބަލާއިރު ޖުމްހޫރީ ޕާޓީ އަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެކަން،" ޖޭޕީން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު މިހާރު އާ ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވި އެވެ.

އިއްޔެ ހަވީރު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން: ކައުންސިލުން ނިންމީ ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރަން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިއްޔެ ހަވީރު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން: ކައުންސިލުން ނިންމީ ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރަން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަލީ ވިދާޅުވި ގޮތުގައި މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާސީ މަސްރަހު އޮތް ގޮތުން ޖުމްހޫރީ ޕާޓީ އަށް ބޮޑު އެޑްވާންޓޭޖެއް އެބައޮތެވެ. އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ހުންނެވީ ޖަލުގަ އެވެ. ޕީޕީއެމްގެ ތެރެއިން އޮތީ ހުސްކަމެކެވެ. އަނެއްކޮޅުން ދެން އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އެތެރެ އޮތީ ދެބައިވެފަ އެވެ. އެ ޕާޓީގެ އެންމެ މަގުބޫލް އެއް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވައި ގާސިމްގެ ފަހަތަށް އަރާވަޑައިގަންނަވަން ނިންމަވައިގެންނެވެ.

"މަޖިލީހުގައި ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާ ދިމާވެގެން ދެކެވޭ ވާހަކަތަކުން ވެސް އެނގޭ އެމަނިކުފާނު ހުންނެވީ ޖޭޕީ އަށް ތާއީދު ކުރައްވާ ގޮތަށް ކަން،" އަލީ ވިދާޅުވި އެވެ.

މި ހިސާބުގައި ޖޭޕީން ވެސް ޔަގީންކުރަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 283،272 މީހުންގެ ތެރެއިން ފުރަތަމަ ބުރުގައި ގިނަ ވޯޓު ލިބޭނީ އެ ޕާޓީއަށް ކަމެވެ. މާނައަކީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ޖޭޕީން ދިއުމުގެ ފުރުސަތު ބޮޑުވުމެވެ.

ނަޝީދުގެ ވިސްނުން ފެށުނީއްސުރެ ހުރީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކޮށްފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށެވެ. އަދި ފިކުރެއްގެ ދިރުން ފެކްޝަނެއް ގޮތުގައި ހަރަކާތްތެރިވެ ސަރުކާރާ ދެކޮޅު ސިޔާސީ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ނަޝީދާއި ގާސިމް އަތްގުޅުވާލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ނަޝީދާއި ގާސިމް އަތްގުޅުވާލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެހެން ނަމަވެސް ރޭ ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ ޕާލަމެންޓަރީ ގްރޫޕް ބައްދަލުވުމެއް ބާއްވައި، ޖުމްހޫރީ ޕާޓީއާއެކު ރައްޔިތުންގެ މަޖިލީހުގައި ގުޅިގެން މަސައްކަތް ކުރުމުގެ ހިޔާލު ފްލޯޓު ކޮށްފަ އެވެ.

"ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕެއް، އަޅުގަނޑުގެ އެއްވެސް ސުވާލެއް ނެތް ކުރިއަށް އޮތް މަސް ތެރޭގައި މި ފިކުރެއްގެ ދިރުމުގެ މަސައްކަތުގައި ތިބޭ އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ އަދަދު މި އަށް ވުރެ މާ ގިނަ ވެގެންދާނެ. އަދި ޖުމްހޫރީ ޕާޓީގެ އިތުރުން އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާނެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވާނެ ކަމާ މެދު އަޅުގަނޑަށް އެއްވެސް ސުވާލެއް ނެތް،" ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ އީވާ ވިދާޅުވި އެވެ.

ކުރިޔަށް އޮތްތަނުގައި ވިނިން ސްޓްރެޓަޖީތަކާއި އެކި ފޯމިއުލާތައް ހެދުމާއި މަޝްވަރާތައް ދާނެ. މިފަހަރު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަން ވަރަށް ޔަގީން -- އަލީ ހުސެއިން

ޖޭޕީން ރިޔާސީ އިންތިހާބަށް ޖަހާ ހިސާބުގައި ދެން އެންމެ ބޮޑު ރޯލެއް އޮތީ ޕީޕީއެމްގެ އަތުގަ އެވެ. އަލީ ވިދާޅުވި ގޮތުގައި ޔާމީން ޖަލުގައި ހުންނެވުމާ ގުޅިގެން ޕީޕީއެމްގެ ބޮޑު ސަޕޯޓެއް ގާސިމަަށް ލިބޭނެ އެވެ. އަދި ކުރިޔަށް އޮތްތަނުގައި އެ ޕާޓީއާ އެކު ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އަލީ ވިދާޅުވި އެވެ.

"ކުރިޔަށް އޮތްތަނުގައި ވިނިން ސްޓްރެޓަޖީތަކާއި އެކި ފޯމިއުލާތައް ހެދުމާއި މަޝްވަރާތައް ދާނެ. މިފަހަރު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަން ވަރަށް ޔަގީން," އޭނާ ވިދާޅުވި އެވެ.

ޖޭޕީ-ޕީޕީއެމް އަކީ ވެސް "ނުވާނެ" ކަމެއް ގޮތުގައި ދެކޭނެ މީހުން މިހާރު ވަރަށް މަދުވާނެ އެވެ. ސަބަބަކީ ގާސިމް ވަށައިގެން އެޑްވައިޒަރުންގެ ގޮތުގައި، އަދި އެ ޕާޓީގެ ކައުންސިލްގެ ތެރޭގައި ވެސް ކުރިން ޔާމީނަށް ވަރަށް ލޯޔަލް ޕީޕީއެމްގެ މެންބަރުން އެބަތިއްބެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުން އަތްޖައްސަވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖުމްހޫރީ ޕާޓީގެ މެމްބަރުން އަތްޖައްސަވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

އަދި މިހާރު ސިޔާސީ މަސްރަހުގައި ކަން ހިނގާ ގޮތުން ނަމަ ޕީޕީއެމް އާއި ފިކުރެއްގެ ދިރުން ފެކްޝަންގެ ގުޅުން ވެސް ރަނގަޅެވެ. އެހެންވެ ސިޔާސީ މަސްރަހު މި އެނބުރެނީ ޖޭޕީ އާއި ޕީޕީއެމް-ނަޝީދު ކޯލިޝަނަކާ ދިމާލަކަށް ކަމަށް ވުން ގާތެވެ.

ގާސިމްގެ މި އެނބުރުމާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސީ މުސްތަގުބަލު ފެންނަނީ ވަރަށް ބަނަކޮށެވެ.

އެމެނިކުފާނުގެ ފަހަތުގައި މި ވަގުތު އޮތީ އެމްޑީޕީގެ އެއް ފަޅި އާއި އަދާލަތު ޕާޓީ އާއި ކުޑަކުޑަ އެމްޑީއޭ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމްގެ ރޫހު އޮތީ ވެސް ސަރުކާރާ އެކު އިތުރު ކޯލިޝަނެއް ހަދާ ގޮތަކަށް ނޫނެވެ.

އެހެން ނަމަވެސް އެމަނިކުފާނު ފަހު ވަގުތާ ޖެހެންދެން ވެސް ތަކުރާރުކޮށް ވިދާޅުވީ ގާސިމް ނުލައި މި އިންތިހާބު ކާމިޔާބު ނުވާނެ ގޮތުގެ ވާހަކަ އެވެ. އިތުރު ވިނިން ފޯމިއުލާއެއް ނެތް ކަމަށް ދޭހަވާ ގޮތަށް ރައީސް ވާހަކަފުޅު ދައްކަވަ އެވެ.

އެކަމަކު ދެން އޮތް ސުވާލަކީ ރިޔާސީ އިންތިހާބަކަށް ވާދަ ކުރާއިރު ބޮޑު ސިޔާސީ ޕާޓީއަކުން ބެކަޕް ޕްލޭނެއް ނުގެންގުޅޭނެތޯ އެވެ. ރައީސްގެ "ޕްލޭން ބީ" އަކީ ކޮބައި ހެއްޔެވެ؟