Roadha Mihaaru

ސިޔާސީ ޓްވީޓެއްކުރުމުން ބީބީސީ އިން ލިނެކާ ސަސްޕެންޑްކޮށްފި

އިންގްލެންޑުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ބީބީސީގެ ފުޓްބޯޅަ ޝޯގެ ހޯސްޓް ގެރީ ލިނެކާ، އެ ގައުމުގެ ސަރުކާރުގެ އާ އެސައިލަމް ސިޔާސަތަށް ފާޑުކިޔުމާ ގުޅިގެން، ބީބީސީ އިން އޭނާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި އެވެ.

ސިޔާސީ ޓްވީޓެއްކުރުމުން ބީބީސީން ލިނެކާ ސަސްޕެންޑްކޮށްފި
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

11 މާޗް 2023

އިންގްލެންޑުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ބީބީސީގެ ފުޓްބޯޅަ ޝޯގެ ހޯސްޓް ގެރީ ލިނެކާ، އެ ގައުމުގެ ސަރުކާރުގެ އާ އެސައިލަމް ސިޔާސަތަށް ފާޑުކިޔުމާ ގުޅިގެން، ބީބީސީ އިން އޭނާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި އެވެ.

ކުދި ބޯޓުތަކުގައި ރެފިއުޖީން އިނގިރޭސި ކަނޑުއޮޅި ހުރަސްކުރުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެ، އެސައިލަމް ސިޔާސަތު އިއުލާންކުރައްވަން އެ ގައުމުގެ ހޯމް މިނިސްޓަރު ސުއެލާ ބްރޭވްމަން ދެއްކެވި ވާހަކަތަކައް، ލިނެކާ ވަނީ، އެޑޮލްފް ހިޓްލަރުގެ ނާޒީ ޖަރުމަނުގެ ސިޔާސަތުތަކާ އެއްގޮތްކޮށްފަ އެވެ.

ލިނެކާ ކުރި ޓްވީޓެއްގައި ބުނީ، އެފަދަ ބަސްމަގެއް ބޭނުންކޮށްގެން، ސަރުކާރުން އިއުލާންކުރި އާ ސިޔާސަތަކީ، ދުނިޔޭގެ އެންމެ ނިކަމެތި އިންސާނުންނާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

އިނގިރޭސި ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިންގާ ބީބީސީ އިން ބުނީ، އެތަނުގެ ޕްރެޒެންޓަރަކު، ސިޔާސީ ގޮތުން ވަކި އަތަކަށް ޖެހިގެން ނުވާނެ ކަމަށާއި އޭނާގެ ޓްވީޓް، އެ އެތަނުގެ އުސޫލުތަކާ ހިލާފު ކަމަށެވެ.

"އަހަރެން ނުބުނަން، ލިނެކާ އަށް އޭނާއާ ސީދާ ގޮތުން ގުޅޭ ކަންކަމުގައި ހިޔާލު ފާޅުނުކުރެވޭނެޔޭ. އެކަމަކު ސިޔާސީ ކަންކަމުގައި އެގޮތަށް ވަކި އަތަކަށް ޖެހުން އުސޫލާ ހިލާފު،" ބީބީސީ އިން ބުނެފައިވެ އެވެ.

އެކަމަކު އެއް ބަޔަކު ދެކޭ ގޮތުގައި ލިނެކާ އަކީ، ބީބީސީ އަށް މަސައްކަތްކުރާ ފްރީލާންސް ޕްރެޒެންޓަރަކަށް ވާތީ، އެތަނުގެ ދާއިމީ މުވައްޒަފުންނަށް އޮންނަ އުސޫލަކަށް އޭނާ ތަބާވާން ނުޖެހޭނެ ކަމަށެވެ. އަނެއްކޮޅުން ލިނެކާ ވެސް ވަނީ އޭނާ އަކީ ބީބީސީގެ ސިޔާސީ ހަބަރުތައް ގެނެސްދޭ ރިޕޯޓަރަކަށް ނުވާތީ، ސިޔާސީ އެފަދަ ކަންކަމުގައި އޭނާ އަށް ހިޔާލު ފާޅުނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ.

އެހެންވެ ސޯޝަލް މީޑިއާ ބޭނުންކުރުމާ މެދު ލިނެކާއާ އެއްބަސްވުމަކަށް އާދެވެންދެން، އޭނާ ޝޯ އަށް ނޭރޭ ގޮތަށް ސަސްޕެންޑްކުރަން ބީބީސީ އިން ނިންމީ އެވެ. ލިނެކާއާ އެކު ޝޯ އަށް ދެން އަރާ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ އެލަން ޝިއެރާ އާއި އިއާން ރައިޓް ވަނީ، އޭނާ އަށް ސަޕޯޓްކުރުމުގެ ގޮތުން މި ހަފުތާގެ ޝޯ ގައި ބައިވެރިނުވާން ނިންމައިފަ އެވެ.

އެހެންވެ މި ހަފުތާ ބަންދުގައި ބީބީސީގެ 'މެޗު އޮފް ދަ ޑޭ' ޕްރޮގްރާމް ކުރިއަށްދާނީ އެއްވެސް ހޯސްޓެއް ނުވަތަ އެނަލިސްޓެއް ނެތި އެވެ.

އިންގްލެންޑް ގައުމީ ޓީމަށް 1984 އިން 1992 އަށް 80 މެޗު ކުޅެދީ 48 ގޯލް ޖެހި ލިނެކާ އަކީ އަބަދުވެސް، ރެފިއުޖީންނަށް މަރުހަބާ ކިޔަން ބާރު އަޅާ މީހެކެވެ. ލިނެކާ ވަނީ އޭނާގެ ގޭގައި ރެފިއުޖީން ބައިތިއްބައި ނަމޫނާ ވެސް ދައްކައިފަ އެވެ. އަދި އަބަދުވެސް އިނގިރޭސި ސަރުކާރުގެ ރެފިއުޖީ ސިޔާސަތާ ދެކޮޅަށް ވާހަކަ ދައްކަ އެވެ.

އިންގްލެންޑުގެ ލެސްޓާ ސިޓީ އާއި އެވަޓަން އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ފޯވާޑް ވަނީ ސްޕެއިނުގެ ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ. އޭނާ އަކީ 1980ގެ އަހަރުތަކުގައި ކުޅުނު އިނގިރޭސި ކުޅުންތެރިންގެ ތެރެއިން، ފުޓްބޯޅަ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ އެވެ.