Roadha Mihaaru
ސްޓެލްކޯގެ 4 މުވައްޒަފަކަށް ހައްޖު،އުމްރާ ދަތުރެއް

ސްޓެލްކޯގެ ހަރަދުގައި ދެ މުވައްޒަފަކު ހައްޖަށް، އެހެން ދެ މުވައްޒަފުން އުމްރާއަށް

09 މާޗް 2023

ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް އަދި އެހެން ދެ މުވައްޒަފަކަށް އުމްރާ ދަތުރެއް ދީފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް އަދި އެހެން ދެ މުވައްޒަފަކަށް އުމްރާ ދަތުރެއް ދީފި އެވެ.

އެ ހަތަރު މުވައްޒަފުން ކަނޑައެޅީ އެ ކުންފުނީން ރޭ ކުޑަގިރީގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ގުރު ނަގައިގެންނެވެ.

ސްޓެލްކޯގެ ހަރަދުގައި ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދާން ހުށަހެޅުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލީ ދެ ޖިންސު ވަކިންނެވެ. އެ ފުރުސަތުގައި ޝަރުތު ފުރިހަމަވެފައި ވަނީ 96 ފިރިހެން މުވައްޒަފުން އަދި އަންހެން 22 މުވައްޒަފުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އަދި އުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 262 ފިރިހެން މުވައްޒަފުންނާއި 56 އަންހެން މުވައްޒަފުންނެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ދާން ފިރިހެން މުވައްޒަފުންގެ ތެރެއިން ހޮވުނީ ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ އަބްދުﷲ ޝަރީފެވެ. އަންހެން މުވައްޒަފަކަށް ހޮވުނީ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގެ ދީޖާ ތައުފީގާ އެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ދާން ހޮވުނު ފިރިހެން މުވައްޒަފަކީ ސާވިސް ސެންޓަރުގެ ޝާހުލް ހަމީދެވެ. އަންހެން މުވައްޒަފަކަށް ހޮވުނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ފާތިމަތު ރިޒްނާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެ ކުންފުނީގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މީހުންނަށެވެ. އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް ފަސް އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.